އެމްއެމްޕީއާރުސީގެ ހިޔާނާތް: 33،000 ޑޮލަރުގެ މައްސަލައިގައި މަހްލޫފަށް ދައުވާކުރަން ޕީޖީއަށް

މަހްލޫފް: އޭނާގެ މައްޗަށް ހިޔާނާތާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އުފުލައިދޭން އެދި ޕީޖީ އަށް އޭސީސީން ވަނީ ފޮނުވާފައި.

މަހްލޫފް: އޭނާގެ މައްޗަށް ހިޔާނާތާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އުފުލައިދޭން އެދި ޕީޖީ އަށް އޭސީސީން ވަނީ ފޮނުވާފައި.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގައި، 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި މައްސަލައިގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް މިއަދު ފޮނުވައިފި އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރަން މި ފޮނުވީ ފުލުހުންނާއި އެސެޓް ރިކަވަރީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕީޖީ އޮފީހުގެ ވެސް ބައިވެރިވުމާ އެކު ހިންގި ތަހުގީގަށް ފަހު އެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން މައްސަލަ ނިންމައި ދައުވާކޮށްދޭން ފުލުހުންނަށް ހުށަހެޅުމުން ދައުވާ ނުކޮށް ގިނަ ދުވަސްތަކެއް ހޭދަވި އެވެ. ފަހުން އެ މައްސަލަ ފޮނުވީ އޭސީސީއަށެވެ.

ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

Advertisement

އޭސީސީން ބުނިގޮތުގައި މެލޭޝިއާގައި ހުންނެވުމަށް ފަހު މަހްލޫފް ރާއްޖެ ވަޑައިގަތީ އެސްއީޒެޑް ބިލް ފާސްކުރަން އޮތް ދުވަހު ސީދާ ވޯޓަށެވެ. އެ ބިލް ފާސްކުރީ އޮގަސްޓް 27، 2014، ގަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، މަހްލޫފަށް ޗެކަކުން ފައިސާ ޖަމާކުރެއްވީ ސަރުކާރާ އެއްކޮޅަށް އެ ބިލް ފާސްކުރަން ވޯޓު ދެއްވުމަށް ކަމަށް ތަހުގީގުން އެނގެން އޮތް ކަމަށް އޭސީސީން ބުންޏެވެ.

އެ ވޯޓަށް ފަހު އަދީބު އާއި މަހްލޫފްއާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް، އަހްމަދު މަހްލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހްތަކާއި ގުޅުވުމުން، އަހްމަދު މަހްލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އިސްވެ ދެންނެވުނު ފައިސާއަކީ، އަހްމަދު އަދީބު، އަހްމަދު މަހްލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގެ އެވެ. - އޭސީސީ

ކޮމިޝަނުން ބުނިގޮތުގައި އެ ފައިސާ އަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ކަން ދެއްކުމުގެ ގޮތުން އެސްއޯއެފްގެ ނަމުގައި ތައްޔާރުކޮށްފައިވާ ޕޭމަންޓް ރިސީވްޑް ލިއުމެއް މަހްލޫފްގެ ފަރާތުން ހުށަހަޅާފައިވެ އެވެ. އެކަމަކު އެ ފައިސާ އަކީ ޑޮލަރު ގަތުމަށް ދިން ފައިސާކަން އެނގެން ނެތް ކަމަށް އޭސީސީން ބުންޏެވެ.

މަހްލޫފްގެ މައްޗަށް ހިޔާނާތުގެ ދައުވާކުރަން ފޮނުވީ އޭނާ އަށް ލިބިފައި ވަނީ ރިޝްވަތުގެ ފައިސާކަން ހެކިންގެ ބަހުންނާއި ތަހުގީގުން ލިބިފައިވާ ހެއްކާއި ގަރީނާއިން އެނގެން އޮތުމުން ކަމަށް އޭސީސީން ބުންޏެވެ.

މަހްލޫފް އޭސީސީއަށް ދީފައިވާ ސިޓީ އާއި ބަޔާނަކީ ޑޮލަރު ގަނެ ވިއްކުމުގެ މުއާލަމާތަކީ ސައްހަ މުއާމާލަތެއްކަން ދައްކައި އޮޅުވާލަން ދީފައިވާ ލިއުންތަކެއް ކަމަށް ކޮމިޝަނުން ބުންޏެވެ. އެހެންވެ އޭނާގެ މައްޗަށް ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ މައްސަލައިގައި ވެސް ދައުވާ އުފުލައިފަ އެވެ.

މަހްލޫފްގެ އިތުރުން އޭނާގެ ކޮއްކޮ އަލީ މުބީންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ މުއާމަލާތް ސައްހަކަމަށް ދައްކަން ދޮގު މައުލޫމާތު ދީފައިވާ ކަމުގެ ތުހުމަތުގަ އެވެ.

ހިޔާނާތުގެ ތުހުމަތުކުރުމުން މަހްލޫފް ވިދާޅުވެފައިވާ ގޮތުގައި އެކައުންޓަށް 33،000 ޑޮލަރު ވަދެފައި އޮތީ ސައްހަ މުއާމަލާތަކުންނެވެ.

އެ މުއާމަލާތާ ގުޅިގެން މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި އޮތީ، "އެއީ އަޅުގަނޑުގެ އާއިލާއިން ދަ ޖީންސްގެ ނަމުގައި ފިހާރައެއް ހިންގި އިރު އަޅުގަނޑުގެ އެއްބަފާ ކޮއްކޮ އަލީ މުބީން ގ. ހާފްސީ މެދުވެރިވެގެން ކޮށްފައިވާ ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމަލާތެއް" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން އާއްމުކުރި ހިޔާނާތުން މަންފާވި ލިސްޓުގައި ނަން ހިމަނާފައި އޮތުމުން، އެހެން މީހުންނެކޭ އެއްގޮތަށް މަހްލޫފް ވެސް ވަނީ ހިތްހަމަނުޖެހުންފާޅުކުރައްވައިފަ އެވެ. އޭނާވެސް ތުހުމަތު ކުރެއްވި ގޮތުގައި، ލިސްޓަށް ނަން އެރުވުމަކީ ސިޔާސީ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox