"އަޅުގަނޑުމެންނާ ސިންގަޕޫރު ފަދަ ގައުމުތައް އެއް ވަރެއްގައި ހިފެހެއްޓިފައި ހުރި ތަން މި ފެންނަނީ."
އެއީ ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ހާލަތާ ރާއްޖޭގައި އޮތް މިންވަރު ސިފަ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމދު ސޯލިހު އަންގާރަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވި ވާހަކަ އެވެ.
ރާއްޖޭގައި ބޮއްސުންލާފައިވާ ކޮވިޑްގެ ހާލަތު، ދެކުނު އޭޝިޔާގެ އެންމެ ތަރައްގީ އެއް ގައުމު ކަމަށްވާ ސިންގަޕޫރާ އަޅާ ކިޔުމުން ގިނަ ބައެއްގެ ފާޑުކިޔުން ރައީސް ސޯލިހަށް އަމާޒުވި އެވެ.
އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އުމުރުން އެންމެ 10 އަހަރުގެ މިޝްކާ މުހައްމަދު މަރުވީ ކަނޑައަޅާފައިވާ ނިޒާމު ފެއިލްވެ، އެމްބިޔުލަންސް ފޮނުވުން ލަސްވެގެންކަން ހެލްތު މިނިސްޓްރީގެ ތަހުގީގަކުން އެނގިފައި އޮއްވާ ވެސް ސަރުކާރުން ގެންގުޅޭ ނިޒާމު ފެއިލްނުވާ ކަމަށް ރައީސް ސޯލިހު ވިދާޅުވުމުންނެވެ.
"ކޮވިޑްގައި ފެއިލްނުވާ ކަމަށް އަޅުގަނޑު މި ދަންނަވަނީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރުގައި އަޅުގަނޑުމެންނަށް ދެވޭ ހިދުމަތްތައް އެހާ ގޯސް ކަމަކަށް އަޅުގަނޑު ނެތިން ދަންނަވާކަށް،" ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ސޯލިހަށް އެންމެ ބޮޑު ފާޑުކިޔުން ދެން އަމާޒުވީ ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ "އަދަދު ގޯސް ނޫން" ކަމަށް އެމަނިކުފާނު ވިދާޅުވުންނެވެ.
ރާއްޖޭގެ ހާލަތު، ސިންގަޕޫރާ އެއް ހަމަ ކުރުމުން، ގިނަ ބަޔަކު ދަނީ ތަފާސްހިސާބުތައް ވަރުން އަޅުވަމުންނެވެ. ރައީސްގެ ވިސްނުންފުޅުގައި ސިންގަޕޫރާ އެއް ހަމަ ވަނީ ސީދާ ކޮން އަދަދަކަށް ކަމެއް ސާފެއް ނޫނެވެ. އެހެންވެ، ދެ ގައުމުގެ ކޮވިޑުގެ ހުރިހާ ނަންބަރުތައް ވަރުން އަޅުވާލުން މުހިންމެވެ.
ކޮވިޑު ޖެހުނު މީހުން
ގިނަ ކަންކަމުގައި ދިވެހިން ނަމޫނާއެއްގެ ގޮތުގައި އަބަދުވެސް ބަލާ، ސިންގަޕޫރުގެ އާބާދީއަކީ ގާތްގަނޑަކަށް 5.7 މިލިއަނެވެ.
އެގައުމުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ގައުމުގައި އިއްޔެއާ ހަމައަށް ކޮވިޑު ބަލި ޖެހިފައިވަނީ 62،219 މީހުންނަށެވެ.
ރާއްޖޭގައި ރަސްމީ އާބަދީއަކީ ގާތްގަނޑަކަށް 550،000 ކަމަށް ވިޔަސް، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ލަފާކުރެވޭ އާބާދީއާއެކު، މި ދިރާސާގެ މަގުސަދަށްޓަކައި 700،000 ކަމަށް ބަލާނީ އެވެ.
އިއްޔެގެ އިރުއޮއްސުމާ ހަމައަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖޭގައި މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 68،872 އެވެ.
އާބާދީގެ އެހާ ބޮޑު ފަރަގެއް އޮންނަ ދެ ގައުމު ކަމަށް ވުމުން، މި ނަންބަރުތަކުގެ ހަގީގީ މަންޒަރު ފެންނާނީ އާބާދީގެ ނިސްބަތުން މި އަދަދު ތިލަކޮށްލީމަ އެވެ.
އެގޮތުން ބަލާއިރު، ސިންގަޕޫރުގެ އާބާދީގެ ނިސްބަތުން ކޮވިޑު ޖެހިފައިވަނީ އެންމެ 1.09 ޕަސަންޓު މީހުންނަށެވެ. ރާއްޖޭގައި އެ ޕަސަންޓޭޖަކީ 9.8 ޕަސަންޓެވެ. އޭގެ މާނައަކީ ކޮންމެ އެއް ލައްކަ މީހެއްގެ ތެރެއިން ސިންގަޕޫރުގައި 1،091 މީހަކަށް ބަލި ޖެހޭއިރު، ރާއްޖޭގައި 9،839 މީހަކަށް ބަލި ޖެހިފައިވާ ކަމެވެ.
އޭގެ އިތުރުން، ކޮވިޑުން މިހާރު ރަނގަޅުވެފައިވާ މީހުންނަށް ބަލާއިރު، ސިންގަޕޫރުގައި މިވަގުތު ބަލިން ރަނގަޅުނުވެތިބީ 517 މީހުންނެވެ. ރާއްޖޭގެ އެ އަދަދު ހުރީ 17،461 ގަ އެވެ. އެކަމަކު އޭގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދު ރާއްޖޭގައި ދަށެވެ.
ސިންގަޕޫރުގައި މިވަގުތު 185 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމެވުންދާއިރު، ރާއްޖޭގެ އެ އަދަދު ހުރީ 152 ގަ އެވެ.
ކޮވިޑު މަރު
ސިންގަޕޫރުގެ ހާލަތާ އިއްޔެ ރައީސް ވަރުން އެޅުއްވީ ރާއްޖޭގައި ކޮވިޑުގެ މަރުވާ މީހުންގެ ވާހަކަފުޅާ ވިދިގެންނެވެ. އެހެންކަމުން، ފަހަރުގައި ރައީސް އެ އިޝާރާތް ކުރެއްވީ ކޮވިޑު މަރުތަކުގެ އަދަދު ކަމަށްވުމުގެ ފުރުސަތު ބޮޑެވެ.
ދެ ގައުމުގެ މަރުގެ އަދަދަށް ބަލާއިރު، ސިންގަޕޫރުގައި މިހާތަނަށް ކޮވިޑު ޖެހިގެން މަރުވެފައިވަނީ 34 މީހުންނެވެ. އާބާދީގެ ނިސްބަތުން އެއީ 0.0005 ޕަސަންޓެވެ. އެއީ ކޮންމެ އެއް ލައްކަ މީހެއްގެ ތެރެއިން މަރުވަނީ 0.59 މީހުންނެވެ.
ރާއްޖޭގައި މިހާތަނަށް 189 މީހުން މަރުވެފައިވާއިރު، އެއީ އާބާދީގެ ނިސްބަތުން 0.03 ޕަސަންޓެވެ. އޭގެ މާނައަކީ ކޮންމެ އެއް ލައްކަ މީހުންގެ ތެރެއިން ރާއްޖޭގައި 27 މީހުން މަރުވާ ކަމެވެ.
ވެކްސިނާއި ޓެސްޓު ކުރުން
ކޮވިޑުގެ ހާލަތު ވަޒަންކުރާ އެންމެ މުހިއްމު ދެ އަދަދުތަކާ ދުރަށް ޖެހިލައި ދެ ގައުމުގެ ވެކްސިން ޕްރޮގްރާމަށް ބަލާއިރު، ސިންގަޕޫރުގައި މިހާތަނަށް 2،281،154 މީހަކަށް ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، ދެ ވަނަ ޑޯޒް 1،766،497 މީހަކަށް ވަނީ ދެވިފަ އެވެ.
އާބާދީގެ ނިސްބަތުން ބަލާއިރު، ސިންގަޕޫރުގައި 40 ޕަސަންޓް މީހުންނަށް ފުރަތަމަ ޑޯޒް ދެވިފައިވާއިރު، ވެކްސިން ފުރިހަމަ ކުރި މީހުންގެ ނިސްބަތްހުރީ 31 ޕަސަންޓުގަ އެވެ.
ރާއްޖޭގެ ވެކްސިން ޕްރޮގްރާމަށް ބަލާއިރު، އިއްޔެގެ އިރުއޮއްސުމާ ހަމައަށް ފުރަތަމަ ޑޯޒް ޖެހީ 312،574 މީހުންނެވެ. ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދަކީ 174،259 އެވެ.
ވެކްސިންގެ ނަންބަރުތައް އާބާދީގެ ނިސްބަތުން ބަލާއިރު، ރާއްޖޭގައި 44 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، ދެވަނަ ޑޯޒްގެ ނިސްބަތް ހުރީ 25 ޕަސަންޓުގަ އެވެ.
ދެ ގައުމުގެ ޓެސްޓު ކުރާ މީހުންގެ ނިސްބަތަށް ބަލާއިރު، ރާއްޖޭގައި 913،010 ސާމްޕަލް ޓެސްޓުކޮށްފައިވާއިރު، ސިންގަޕޫރުގެ އެ އަދަދަކީ 12،366،898 އެވެ.
ޓެސްޓުކުރެވޭ އަދަދު ވެސް އާބާދީގެ ނިސްބަތަށް ތިރިކޮށްލާއިރު، ރާއްޖޭގެ ނިސްބަތަކީ 1.30 ޕަސަންޓެވެ. ސިންގަޕޫރުގައި ޓެސްޓު ކުރާ ނިސްބަތް ހުރީ 2.17 ޕަސަންޓުގަ އެވެ.
މި ހުރިހާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ހާލަތު ހުރީ ސިންގަޕޫރާ އެއް ހަމައެއްގައި ކަމަށް ރައީސް ސޯލިހަށް އިއްޔެ ވިދާޅުވެވުނީ ކޮން އަސާސެއްގެ މައްޗަށް ބިނާކުރައްވައިގެން ކަމަށް ބުނަން ދައްޗެވެ.












