ރާއްޖޭގައި ކޮވިޑްއާ ގުޅިގެން މަރުވާ މީހުންގެ އަދަދު ގޯސް ނޫން ކަމަށާއި އަދަދުތައް ހުރީ ސިންގަޕޫރު ފަދަ ގައުމުތަކާ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހުގެ ކޮވިޑް ޖެހުނު މީހުންގެ އަދަދު ރާއްޖޭގައި ރިކޯޑަށް އަރައިގެން ދިޔައިރު މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 189 އަކަށް އަރާފަ އެވެ.
މާލޭގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެގެން ދިޔައީ ހާލަތު މެނޭޖުކުރުމަށް ސަރުކާރުން ފެއިލްވުމުން ކަމަށް އިދިކޮޅުން ވެސް ތުހުމަތު ކޮށްފައިވަނިކޮށް ރައީސް ސޯލިހު ވަނީ އެކަމުގައި ސަރުކާރު ފެއިލްވެފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.
އޭގެފަހުން، އެޗްއީއޯސީން އެމްބިއުލާންސް ފޮނުވުން ލަސްވުމުގެ ސަބަބުން 10 އަހަރުގެ ކުއްޖަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ. އެ މަރާ ގުޅިގެން ހެލްތު މިނިސްޓްރީން އެކުލަވާލި ރިޕޯޓުން ވެސް އެތައް އިހުމާލެއް، ނިޒާމްގެ ތެރެއިން ހިނގާފައިވާކަން އެނގެ އެވެ.
އެކަން ހިނގައިގެން ގޮސްފައިވާއިރު، އެއީ ކޮވިޑް މެނޭޖްކުރުމުގައި ސަރުކާރުގެ ފެއިލްވުމެއްތޯ "އަދަދު"ން މިއަދު ރައީސް ސޯލިހާ ސުވާލު ކުރެއްވުމުން އެމަނިކުފާނު އަނެއްކާވެސް ވަނީ ކޮވިޑް މެނޭޖްކުރުމުގައި ސަރުކާރު ފެއިލްވެފައިނުވާ ކަމަށް ތަކުރާރު ކުރައްވާފަ އެވެ. އަދި، އެހެން އެމަނިކުފާނު ވިދާޅުވާ ސަބަބުތައް ވެސް ބަޔާންކޮށްދެއްވި އެވެ.

"ކޮވިޑްގައި ފެއިލްނުވާ ކަމަށް އަޅުގަނޑު މި ދަންނަވަނީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރުގައި އަޅުގަނޑުމެންނަށް ދެވޭ ހިދުމަތްތައް އެހާ ގޯސް ކަމަކަށް އަޅުގަނޑު ނެތިން ދަންނަވާކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ކޮވިޑްގައި ބަލީގައި ކޮންމެ މީހަކު މަރުވެދިޔުމަކީ ވެސް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށާއި ނަމަވެސް، އެ ބަލީގައި ރާއްޖޭން މަރުވާ މީހުންގެ އަދަދަކީ ގޯސް އަދަދެއް ކަމަށް ބުނެވެން ނެތް ކަމަށެވެ.
"އަޅުގަނޑުމެންނާ ސިންގަޕޫރު ފަދަ ގައުމުތައް އެއް ވަރެއްގައި ހިފެހެއްޓިފައި ހުރި ތަން މި ފެންނަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކޮވިޑަކީ 100 އަހަރުން އެއް ފަހަރު ދިމާވާ ފަދަ ކަމެއް ކަމަށާއި އެހެންވެ މިފަދަ ކަމަކަށް އެއްވެސް ގައުމެއް އޮތީ ތައްޔާރުވެފައި ނޫން ކަމަށެވެ.
"އެހެންވީމަ ކުއްލިއަކަށް މި އަންނަ ސާޗުތަކުގައި އެބަދޭ އަތް ދަށުން ބައެއް ކަންތައްތައް، އެ ބަލާ އެ ކަންތައްތައް ރަނގަޅު ކުރަމުން އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ،" ރައީސް ވިދާޅުވި އެވެ.
މިހާރު ރާއްޖެ ދާ މިސްރާބުން ކަންތައްތައް ކުރެވޭނަމަ، ދާދި އަވަހަށް ނިއު ނޯމަލެއްގައި ނދިރިއުޅެވެން ފެށޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވަނީ މިހާތަނަށް ވެސް ކޮވިޑް މެނޭޖްކުރުމަށް 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމާއި އޭގެ ތެރެއިން ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް އެކަނި ވެސް 1.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަ ކުރައްވާފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކޮވިޑް މެނޭޖްކުރުމަށް އެހާ ގިނައިން ހަރަދު ކުރަން ޖެހުނީ ކޮވިޑާ ކުރިމަތިވީއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަސީލަތްތައް މަދުވުމުންނެވެ. މިހާރު ވެސް އެކި ސަރަހައްދުގައި ގިނަ ވަސީލަތްތަކެއް ކޮވިޑާ ގުޅިގެން ސަރުކާރުން ގާއިމްކޮށްފައިވާނެކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.












