ސްޓޫޑެންޓް ލޯނު މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މަތީ ތައުލީމުގެ ލޯނު އަނބުރާ ދައްކަންޖެހޭ 4،000 އަށް ވުރެން ގިނަ ދަރިވަރުން އެބަތިއްބެވެ. މީގެ އަހަރެއްހާ ދުވަސްކުރިން ރާއްޖެއަށް ކުރިމަތިވި ކޮވިޑުގެ ދަތި ހާލަތާ ގުޅިގެން އާމްދަނީއަށް އަސަރުކޮށް އެ ލޯނުތައް ދެއްކުމަށް ދަތިވެފައިވާ ކަމުގެ ޝަކުވާ ބޮޑެވެ.
ރާއްޖެ އިން ކޮވިޑް ފުރަތަމަ ފެނުމާ އެކު ރައީސް ރައްޔިތުންނަށް ދެއްވަން ނިންމެވި ލުއިތަކުގެ ތެރޭގައި ސްޓޫޑެންޓް ލޯނު ލުއިކޮށްދިނުން ހިމެނެ އެވެ. އެގޮތުން، މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ހަ މަހަށް ލޯނު ދެއްކުން ފަސްކޮށް ދެއްވި އެވެ.
ނަމަވެސް އެ ހަ މަސް ހަމަވެފައިވާއިރު މިހާރު ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަނީ މީގެކުރިން ދުވަހަކު ވެސް ގޯސްނުވާ ހާލަތަށް ވެއްޓިފަ އެވެ. އެހެންކަމުން ލޯނު ދެއްކުމަށް އުނދަގޫތަކާ ކުރިމަތިވެފައިވާ ކަމަށް ބައެއް ދަރިވަރުން ދަނީ ބުނަމުންނެވެ.

ރައީސް ސޯލިހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ލޯނުތައް ފަސްކޮށް ދިނުމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރާ އެކު މިއަދު ބައްދަލު ކުރެއްވި ކަމަށެވެ. އަދި އެއަށް ފަހު ހުރިހާ ސްޓޫޑެންޓް ލޯނެއް މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ދަރިވަރުންގެ ލޯން ދެއްކުމުގައި ދަތިތަކެއް ކުރިމަތިވީ ރާއްޖެއަށް ކުރިމަތިވި ކޮވިޑުގެ ދަތި ހާލަތާ ގުޅިގެން ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކުރުމުންނެވެ.











