އެންވަޔަރަމެންޓް މިނިސްޓަރު ކަމުގެ މަގާމަށް އައިމިނަތު ޝައުނާ އައްޔަނުކުރަން ރައްޔިތުން މަޖިލީހުން މިއަދު ރުހުންދީފި އެވެ.
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓްރީގެ މަގާމުގައި ހުންނެވި ޝައުނާއަށް އެންވަޔަރަމެންޓް މިނިސްޓަރުކަން ދެއްވާފައިވަނީ އެ މިނިސްޓްރީގެ މެންޑޭޓް ވެސް ވަރަށް ބޮޑަށް ފުޅާކުރުމަށްފަހު އެވެ.
އެގޮތުން، ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ މެންޑޭޓް އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށަށް ރައީސް ސޯލިހު ވަނީ ބަދަލު ކުރައްވާފަ އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގެ ނަން މިހާރު ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއަށް ބަދަލުކޮށްފަ އެވެ.
ޝައުނާއަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރި މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ އިއްތިފާގުން ވަނީ އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ނިންމައިފަ އެވެ.

އެއާއެކު ޝައުނާއަށް ރުހުން ދޭން މިއަދު ޖަލްސާގައި މަޖިލީހުން ފާސްކޮށްފައިވަނީ އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ރުހުން ދޭން ނުފެންނަ ކަމަށް އަށް މެމްބަރަކު ވޯޓު ދެއްވި އެވެ.
ޝައުނާގެ އިތުރުން، އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަނުކުރައްވާފައި އެވެ.
ޑރ. ހުސެއިން އަށް ރުހުން ހޯދަން ވެސް މަޖިލީހަށް ހުށަހަޅާފައިވާއިރު، އޭނާގެ ނަމުގައި އަމިއްލަ ކުންފުންޏެއްގައި އަދިވެސް ހިއްސާ އޮތުމުން އޭނާއަށް ރުހުން ދިނުމުގެ ކުރިން އެކަމުގެ މައުލޫމާތު ސާފުކުރަން ކޮމިޓީން އޮތީ ނިންމައިފަ އެވެ.
ވަޒީރަކު ކޮށްގެން ނުވާނެ ކަމެއްގެ ގޮތުގައި ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ސަރުކާރުގެ އެހެން މަގާމެއް އަދި ފައިދާއެއް ލިބޭ ފަދަ އެ ނޫން ވެސް މަގާމެއް ފުރައިގެން ނުވާނެ ކަމަށެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ އާމްދަނީ ހޯދަން ފަންނީ މަސައްކަތެއްގައި ޝާމިލުވެ އާމްދަނީ ލިބޭ ފަދަ އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށެވެ.
ނަމަވެސް، އެކަމާ ގުޅިގެން މެމްބަރުންގެ މެދުގައި ވެސް ހިޔާލުތަފާތުވެފައިވާއިރު، ގާނޫނީ ދާއިރާގެ މެމްބަރުންގެ މެދުގައި ވެސް އެ ބަހުސް ކުރެވުނެވެ.
ވަޒީރުންނަށް ރުހުން ހޯދުމުގެ އިތުރުން، އެ މިނިސްޓްރީތަކަށާއިި މަސައްކަތުގެ ދާއިރާއަށް ގެނެވުނު ބަދަލު ވެސް މަޖިލީހުން ފާސްކުރުމަށް ރައީސް ސޯލިހު ވަނީ ފޮނުއްވައިފަ އެވެ.
ރައީސް ގެންނެވި ބަދަލުތަކަށް ރުހުން ދޭން ވެސް ކޮމިޓީން ނިންމާފައިވީ ނަމަވެސް، އަދި އެ މައްސަލަ މަޖިލީހުގެ ތަޅުމުގައި އެޖެންޑާކޮށްފައެއް ނުވެ އެވެ.













