ކައުންސިލްތައް ރޭންކުރުމުގައި ތަރައްގީގެ މަޝްރޫތައް ހިންގާފައިވާ މިންވަރަށް ބަލާގޮތަށް އުސޫލު ބަދަލު ކުރަން ނިންމާފައިވާ ކަމަށް، ލޯގަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.
ކޮންމެ އަހަރަކު ވެސް ކައުންސިލްތައް ހިންގާފައިވާ ގޮތް ބަލައި އެލްޖީއޭއިން ރޭންކް ކުރެ އެވެ. އެގޮތަށް ބަލާއިރު މިހާތަނަށް ކައުންސިލްތައް ރޭންކް ކުރަމުން ދަނީ އިދާރީ ގޮތުން ހިންގާފައިވާ ކަންކަމަށް ބަލައިގެންނެވެ. އޭގެ ތެރޭގައި ޔައުމިއްޔާތައް ފޮނުވުމާއި ބައްދަލުވުންތައް ބޭއްވިތޯ ބެލުންފަދަ ކަންކަން ހިމެނެ އެވެ.
އާ ކައުންސިލްތައް މިދިޔަ މަހު ހުވާ ކޮށްފައިވާއިރު ކުރިއާ އަޅާބަލާއިރު ކައުންސިލްތަކަށް ގާނޫނީ ބާރުތަކެއް މިހާރު ވަނީ ދީފަ އެވެ. އޭގެ ތެރޭގައި އަމިއްލައަށް ތަރައްގީގެ މަޝްރޫތައް ހިންގުންފަދަ ކަންކަން ހިމެނެ އެވެ.
އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް "އަދަދު" އަށް ވިދާޅުވީ ކައުންސިލްތަކުގެ ދައުރު ފުޅާވުމާއެކު ކައުންސިލްތައް ރޭންކް ކުރާއިރު އެކަންކަމަށް ބަލަން ޖެހޭ ކަމަށެވެ. އެގޮތުން ރޭންކް ކުރާއިރު ތަރައްގީއަށް ކުރާ މަސައްކަތްތަކަށް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ތިމާވެށި ހިމާޔަތް ކުރަން ކިހާ މަސައްކަތެއްތޯ ރަށުގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާ ދުވަސްވީ މީހުންގެ ހާލު ބަލައި އެ މީހުންނަށް ފަސޭހަ ކޮށްދޭން ކޮށްދިނީ ކޮން މަސައްކަތްތަކެއްތޯ. ޒުވާނުންނަށް އިގުތިސާދީ ފުރުސަތު ހޯދައިދިނުމަށް ކޮށްދެނީ ކޮންކޮން ކަމެއްތޯ. އެކަންކަން މިންކުރެވެން ޖެހޭނެ،" އަފްޝަން ވިދާޅުވި އެވެ.

އިންޑެކްސް ކަނޑައަޅާ މިންގަނޑު ބަދަލު ކުރަން ވަރަށް އިސްކަމެއް ދެއްވާނެ ކަމަށާއި އެގޮތުން އަންނަ އަހަރު އާ އުސޫލަށް އަމަލު ކުރަން ފެށުމަކީ އަމާޒު ކަމަށް އަފްޝަން ވިދާޅުވި އެވެ.
އާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތައް އަހުލުވެރި ކުރުމަށް އޮރިއެންޓޭޝަން ޕްރޮގްރާމުތަކެއް އެލްޖީއޭން ވަނީ ހިންގައިފަ އެވެ. މިދިޔަ މަހުގެ 23 އިން 27 އަށް އެ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. އެ ޕްރޮގްރާމްގައި ކައުންސިލަރުންނާއި އަންހެނުންގެ ކޮމެޓީގެ މެމްބަރުން ހިމެނޭގޮތަށް 1،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ.
އެ އޮރިއެންޓޭޝަންގައި އެލްޖީއޭގެ އިތުރުން މިނިސްޓްރީތަކުންނާއި ފުލުހުން ވެސް ވަނީ ކައުންސިލްތަކަށް މައުލޫމާތު ދީފަ އެވެ. އަދި ގާނޫނަށް ފަހުން ގެނައި ބަދަލުތަކަށް ކައުންސިލްތައް ހޭލުންތެރިވެސް ކޮށްފައިވެ އެވެ.
މީގެ ކުރިން އެލްޖީއޭން އޮރިއެންޓޭޝަން ޕްރޮގުރާމްތައް ހިންގަމުން ދިޔައީ ރަށްރަށަށް ގޮސްގެންނެވެ. އޮންލައިންކޮށް މިފަހަރު ބޭއްވީ ކޮވިޑުގެ ސަބަބުން ދަތުރު ކުރަން ދަތިތަކެއް ހުރުމުގެ ސަބަބުންނެވެ.













