ލަންޑަން (ޖޫން 5) - ހުސްވެފައިވާ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމަށް ގެންނަން އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އާ އެކު ކުރަމުން އައި މަޝްވަރާތައް ޓޮޓެންހަމުން ހުއްޓާލާފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސްކައިސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ޓޮޓެންހަމުން ކޮންޓޭ ގެނައުމުގެ ވިސްނުން ދޫކޮށްލަން ނިންމީ އެ ޓީމާ ހަވާލުވާން އޭނާ ކުރަމުން އަންނަ ޑިމާންޑްތައް ބޮޑުވުމުންނެވެ. އިނގިރޭސި އެހެން މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކޮންޓޭ ހުށަހަޅާފައިވަނީ އޭނާ ކުރިން ކޯޗުކޮށްދިން އިންޓަ މިލާނުގެ ތިން ކުޅުންތެރިއަކު ގަންނަން ބަޖެޓެއް ދިނުމަށާއި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ވިއްކާނުލާނެ ކަމުގެ ޔަގީންކަން ދިނުމަށެވެ. އެކަމަކު އެ ގޮތަށް އެއްބަސްވެވެން ޓޮޓެންހަމަށް ނެތީ އެ ކްލަބްގެ މާލީ ހާލަތު ހުރިގޮތުންނެެވެ.
ކޭން ވަނީ މި ސީޒަނަށް ފަހު ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާކަން އެ ކްލަބްގެ ވެރިންނަށް އަންގައި މީޑިއާ އިންޓަވިއުއެއްގައި ވެސް އެކަން ހާމަކޮށްފަ އެވެ. ޓޮޓެންހަމުން މި ފަހަރުގެ ޓްރާންސްފާ މާކެޓަށް ބަޖެޓެއް ކަނޑައަޅާނީ ކޭން ވިއްކާލުމަށް ފަހު ކަމަށް ދި ޓެލެގްރާފް ނޫހުން މީގެ ކުރިން ވަނީ ރިޕޯޓްކޮށްފަ އެވެ.
އެގާރަ އަހަރަށް ފަހު އިންޓަ މިލާނަށް އިޓަލީގެ ޗެމްޕިއަންކަން ހޯދައިދިންތާ ދުވަސްތަކެއް ފަހުން އުމުރުން 51 އަހަރުގެ ކޮންޓޭ އެ ޓީމު ދޫކޮށްލީ ސަބަބުތަކެއް ހުރުމުންނެވެ. އެއީ އިންޓަ ހިންގަމުން އަންނަ ޗައިނާގެ ކުންފުނި ސަނިން ހޯލްޑިންގްސް ގްރޫޕުން ކްލަބްގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ވިއްކާލަން ނިންމުމާ އެކު އެވެ. އިންޓަގެ ކޯޗަކަށް ގެނައީ ލާޒިއޯގައި ހުރި ކޯޗު ސިމޯން އިންޒާގީ އެވެ.
ކޮންޓޭ ހޯދަން ރެއާލް މެޑްރިޑުން ވެސް މަސައްކަތްކުރި އެވެ. އެކަމަކު އެ ޓީމުގެ ހުށަހެޅުން އޭނާ ގަބޫލުނުކުރި އެވެ. ރެއާލުން ގެންދިޔައީ އެވަޓަންގައި ހުރި ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ އެވެ.
ޓޮޓެންހަމްގެ ކޯޗަކަށް ހުރި ހޯސޭ މޮރީނިއޯ ވަކިކުރީ މިދިޔަ އޭޕްރީލް މަހުގަ އެވެ. ސީޒަންގެ ފަހު މެޗުތަކުގައި ޓޮޓެންހަމަށް ކޯޗުކޮށްދިނީ ޔޫތު ކޯޗު ރަޔާން މޭސަން އެވެ. ޓޮޓެންހަމުން އެ ޓީމަށް ކުރިން ކޯޗުކޮށްދިން މިހާރު ޕީއެސްޖީގައި ހުރި ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަލުން ގެންނަން މަސައްކަތްކުރި ނަމަވެސް ޕީއެސްޖީން އެ ގޮތަށް ޕޮޗެޓީނޯ ދޫކޮށްލަން ބޭނުމެއްނުވި އެވެ.
އާ ކޯޗެއް ހޯދަން ޓޮޓެންހަމުން ކުރަމުން އަންނަ މަސައްކަތުގައި މިހާތަނަށް އަލި މަގެއް ނުފެނެ އެވެ. އެ ޓީމުން ގެންނަން ވާހަކަ ދެއްކި ކޯޗުންގެ އަދަދު ވެސް ގިނަ އެވެ. އެ ގޮތުން އާރްބީ ލައިޕްޒިގުން ވަކިވެ ބަޔާން މިއުނިކަށް ބަދަލުވާން ނިންމި ކޯޗު ހޫލިއަން ނާގަލްސްމަން އާއި އަަޔަކްސްގެ ކޯޗު އެރިކް ޓެން ހާގާއި ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް އަދި ޔުވެންޓަސްއާ އަލުން ހަވާލުވި ކޯޗު މެސިމޯ އަލެގްރީއާ ވެސް ޓޮޓެންހަމުން ވާހަކަ ދެއްކި އެވެ. އެކަމަކު އެއްބަސްވުމަކަށް އާދެވޭ ގޮތެއްނުވި އެވެ.












