ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލުން ނެއްޓިގެން، ހާއްސަކޮށް މާލެ ސަރަހައްދުގައި ފިޔަވަޅުތައް ހަރުކަށި ކުރި ފަހުން، ދުވާލެއްގެ މައްޗަށް އަލަށް ބަލި ޖެހޭ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް ދަށް ވެއްޖެ އެވެ.
ހުއްދަ ނެތި ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް މީގެ 10 ދުވަސް ކުރިން، މެއި 26 ގައި މާލެ ބަންދުކޮށްލިއިރު، ދުވާލަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ އެވަރެޖުކޮށް ހާހަކަށް ވުރެ މަތީގަ އެވެ. އޭރު ހެދި ޕްރޮޖެކްޝަންސްތަކަށް ބަލައި ފިޔަވަޅުތައް ހަރުކަށިކުރީ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށެވެ. ޕްރޮޖެކްޝަންސްގައިވާ ގޮތުގައި، ފިޔަވަޅުތައް ދޫކޮށްލާފައި ބާއްވައިފި ނަމަ ދުވާލަކު ބަލިޖެހޭ އަދަދު 7000 އަށް އަރާނެ އެވެ.
އެއާއެކު، މެއި 26 އިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ހެނދުނު 8:00 އަށް ދަނީ ކާފިއު ހިންގަމުންނެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ގެއިން ބޭރަށް ނުކުމެވެނީ ކޮންމެ ގެއަކަށް ދޫކޮށްފައިވާ ދެ ފާހުގެ ތެރެއިން ފާހެއް ހިފައިގެންނެވެ.
ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި މިސްކިތްތައް ވެސް ބަންދުކޮށްފައިވާއިރު، ކެފޭ/ރެސްޓޯރަންޓުތަކުން ވެސް ހަމައެކަނި ޑެލިވަރީ ހިދުމަތް ދެވޭ ގޮތަށް ބަދަލުކުރި އެވެ.
ޕޮޒިޓިވިޓީ ރޭޓު
ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރި ދުވަހު ޖުމްލަ 1،299 މީހަކަށް އަލަށް ބަލި ޖެހުނު އިރު، އެއީ ޓެސްޓު ކުރި މީހުންގެ 25 ޕަސަންޓެވެ. މެއި 28 ވަނަ ދުވަހު އެ ނިސްބަތް ނޫނީ ޕޮޒިޓިވިޓީ ރޭޓް 18 ޕަސަންޓަށް ވެއްޓުމަށް ފަހު ޖެހިގެން އައި ދުވަހު އެ އަދަދު 22 ޕަސަންޓަށް މަތިވި އެވެ. އެކަމަކު މިދިޔަ މަހުގެ ފަހު ދުވަހު، 5،310 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 710 މީހުންނެވެ. އެއީ ޓެސްޓުކުރި މީހުންގެ ނިސްބަތަށް ބަލާއިރު 13 ޕަސަންޓެވެ.

ފިޔަވަޅުތައް ހަރުކަށި ކުރި ފަހުން ބުރާސްފަތި ދުވަހަކީ އެންމެ މަދުން އަލަށް ބަލި ޖެހުނު މީހުންގެ އަދަދު ރެކޯޑު ކުރެވުނު ދުވަހެވެ. ނަމަވެސް، އެ ދުވަހު 648 އަށް ޖުމްލަ ނަންބަރު ތިރިވީ ޓެސްޓުކުރި ސާމްޕަލްތައް މަދުވުމުންނެވެ.
އެގޮތުން، ޓެސްޓުކުރި 3،832 ސާމްޕަލްއާ އަޅާ ބަލާއިރު، ޕޮޒިޓިވްވި މީހުންގެ ނިސްބަތް ހުރީ 17 ޕަސަންޓުގަ އެވެ. އެއީ އޭގެ ކުރީ ތިން ދުވަހަށް ވުރެ ހަތަރު ޕަސަންޓު އިތުރު އަދަދެކެވެ.
ނަމަވެސް، އިއްޔެގެ އިރުއޮއްސުމާ ހަމައަށް އާއްމުކޮށްފައިވާ ނަންބަރުތަކަށް ބަލާއިރު، ރާއްޖޭން އަލަށް ބަލި ޖެހުނު މީހުންގެ އަދަދަކީ 432 އެވެ. އެއީ 4،056 ސާމްޕަލްގެ ތެރެއިން ކަމުން، އިއްޔެގެ ޕޮޒިޓިވިޓީ ރޭޓަކީ 10.6 ޕަސަންޓެވެ. އެއީ މިއިން ދުވަހަކު ވެސް ޕޮޒިޓިވް ކޭސްތަކުގެ ނިސްބަތް ދަށަށް ނުދާހާ މިންވަރެކެވެ.
އަތޮޅު ތެރޭގައި ވެސް ފިޔަވަޅުތަކުގެ އަސަރު
މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ބަލި ވަރަށް ބޮޑަށް ފެތުރިފައިވާއިރު، ކޮވިޑު ފެންނަ ރަށްރަށުގައި ވެސް އިތުރު ފިޔަވަޅުތައް އެޗްޕީއޭއިން ދަނީ އަޅަމުންނެވެ.
މިގޮތުން، ކޮވިޑު ކޭހެއް ފެނިގެން މޮނީޓަރިންގެ ހާލަތަށް ގެންނަ ރަށްތަކުގައި ވެސް ދަނީ ކާފިއު ހިންގަމުންނެވެ.
ފާއިތުވި 10 ދުވަހުގެ ހިސާބުތަކަށް ބަލާއިރު، އެ ފިޔަވަޅުތަކުގެ އަސަރު އަތޮޅު ތެރޭގައި ވެސް ދަނީ މަޑުމަޑުން ފެންނަމުންނެވެ.
އެގޮތުން ބަލާއިރު، މިދިޔަ 10 ދުވަހުގެ ތެރޭގައި ރަށްރަށުން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 400 އިން މަތީގައި ހުއްޓެވެ.
ނަމަވެސް، މަޑުމަޑުން އެ އަދަދު ތިރިވަމުން އައިސް އިއްޔެ އެ ނަންބަރު ވަނީ 154 އަށް ވެއްޓިފަ އެވެ.
ކޮވިޑުގެ ހާލަތު އެންމެ ގޯސްވިއިރު، އެޑްމިޓުކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ ހޮސްޕިޓަލުތަކުގެ އެނދުތައް ފުރި، ސިއްހީ ހިދުމަތްތެރިންނަށް ބާރުބޮޑުވި އެވެ.
މީގެ 10 ދުވަސް ކުރިން ކޮވިޑު ބަލީގައި ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްފައި 285 މީހުން ތިއްބެވެ. ނަމަވެސް އަލަށް ބަލި ޖެހޭ މީހުންގެ އަދަދާއެކު އެ ނަންބަރު ވެސް ދަނީ ތިރިވަމުންނެވެ.
އެގޮތުން، އިއްޔެގެ އިރުއޮއްސުމާ ހަމައަށް ހޮސްޕިޓަލުތަކުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދަނީ 213 މީހުންނަށެވެ.
މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ފުރިހަމައަށް ތަބާވެއްޖެ ނަމަ ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނަމްބަރުތައް ދަށްވާން ފަށާނެ ކަމަށް އެޗްޕީއޭ އިން އޮތީ ލަފާކޮށްފަ އެވެ.
ކޮވިޑު ޖެހޭ މީހުންގެ އަދަދާއެކު އެ ބަލީގެ ޝިކާރައަކަށްވާ މީހުން ވެސް މިހާރު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފަ އެވެ.
ފާއިތުވި 10 ދުވަހުގެ ތެރޭގައި އިތުރު 30 މީހަކު އެ ބަލީގައި ވަނީ މަރުވެފަ އެވެ. އެއާއެކު މިހާތަނަށް އެ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 177 އަށް އަރައިފަ އެވެ.
މިހާރު އަޅާފައިވާ މުހިއްމު ފިޔަވަޅުތައް
- ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު.
- ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރަށް ނުކުމެވޭނީ ފާސް އޮންނަ މީހުން.
- ހޮޓާ، ކެފޭ/ރެސްޓޯރަންޓުތަކުން ހަމައެކަނި ޑެލިވަރީ ހިދުމަތް ދިނުން.
- ޑެލިވަރީ ހިދުމަތް ދެވޭނީ ހެނދުނު 6:00 އިން ދަންވަރު 12:00 އަށް.
- ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރުން މަނާ
- ޑޮކްޓަރެއްގެ ލަފާނެތި ކަސްރަތު ކުރަން ބޭރަށް ނުކުތުން މަނާ.
- ހުއްދަ ދޭ އަމިއްލަ އޮފީސްތައް ފިޔަވައި އެހެން ތަންތަން ބަންދުކުރުން.
- ސަރުކާރު އޮފީސްތައް ބަންދު.
- ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައި ދިނުން.
- ޕާކުތަކާއި، ކުޅިވަރު ދަނޑުތަކާއި، ސްވިމިން ޓްރެކުތައް ބަންދު.
- މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާ.
- ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް މެނުވީ ރަށްރަށަށް ދަތުރުކުރުން މަނާ.
- ވެކްސިން ފުރިހަމަ ކުރުމުން ދަތުރުކުރުމަށް ދީފައިވާ ލުއި މެދުކަނޑާލުން.












