އަންނަ މަހު ޖަޕާނުގެ ޓޯކިޔޯގައި ފަށާ އޮލިމްޕިކްސް އިން ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގެ އަންހެން ކުޅުންތެރިޔާ ފާތިމަތު ނަބާހާ (ނަބާ) ފުރުސަތު ހޯދައި ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ.
މީގެ ކުރިން އޮލިމްޕިކްސްގައި ވާދަކުރި ރާއްޖޭގެ ހަމައެކަނި ބެޑްމިންޓަން ކުޅުންތެރިޔަކީ 2012 ވަނަ އަހަރު ލަންޑަން އޮލިމްޕިކްސް އިން ފުރުސަތު ލިބުނު މުހައްމަދު އަޖުފާން އެވެ. ނަބާ އަކީ ރާއްޖޭގެ ތާރީހުގައި ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރާނެ ފުރަތަަމަ އަންހެން ކުޅުންތެރިޔާ އެވެ.
އަޖުފާނާއި ނަބާ އަށް ވެސް އޮލިމްޕިކުން ފުރުސަތު ލިބުނީ ޓްރައިޕާޓައިޓް ސްލޮޓެއްގަ އެވެ. މިއީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީީއޭއެމް) އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަދި އިންޓަނޭޝަނަލް ފެޑެރޭޝަންތައް ގުޅިގެން ކުރެވޭ މަސައްކަތާއި ކުޅުންތެރިޔާގެ އެހެނިހެން މުހިއްމު ރޭންކިންތަކާއި ބައިނަލްއަގުވާމީ މެޗުތަކުގެ ނަތީޖާ އަށް ބެލުމަށް ފަހު ލިބޭ ފުރުސަތެކެވެ.
ނަބާ "އަދަދު" އަށް ބުނީ ހަގީގަތުގައި މިއީ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އަދި ފުރުސަތުގެ ބޭނުންހިފައިގެން ކުރިއެރުން ހޯދަން ބޭނުންވާ ކަމަށް ބުންޏެވެ،
"ވަރަށް ބޮޑު ފުރުސަތެއް މިއީ. ހަގީގަތުގައި މިއީ ނަބާގެ އިތުރުން ރާއްޖެ އަށް ލިބުނު ފުރުސަތެއް،" ނަބާ ބުންޏެވެ.
އަޖުފާން ބުނީ އޮލިމްޕިކްސްގެ ޖާގައެއް ލިބުން މިއީ އަނެއްކާ ވެސް ރާއްޖޭގެ ބެޑްމިންޓަނަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު "އަދަދު" އަށް ވިދާޅުވީ ލަންޑަން އޮލިމްޕިކްސްގެ ފުރުސަތާއި މި ފަހަރުގެ ކުޑަ ތަފާތެއް އެބަހުރި ކަމަށާއި ނަބާ އަށް ފުރުސަތު ލިބުނުއިރު އިންޓަނޭޝަނަލް ރޭންކިން އާއި މުބާރާތްތަކުގައި ނެރެފައި ހުރި ނަތީޖާތަކަށް ވަރަށް ބޮޑަށް ބަލާފައިވާ ކަމަށެވެ.
"ހަގީގަތުގައި ނަބާގެ ވެސް މަސައްކަތް އެބައޮތް. އެއީ އިންޓަނޭޝަނަލް މުބާރާތްތަކުގައި ޕާފޯމްކޮށްފައި ހުރީ. ރޭންކިންގައި ވެސް ކުރިއެރުން ހޯދާފައި ހުރީމަ މި ފުރުސަތު މި ލިބުނީ. ހަގީގަތުގައި މިއީ ރާއްޖޭގެ ބެޑްމިންޓަނަސް އަނެއްކާ ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތެއްގެ ގޮތުގައި ދެކެނީ. ވަރަށް ބޮޑު ހިތްހަމަޖެހުމެއް މިއީ،" ބައިނަލްއަގުވާމީ އެކި ފެޑެރޭޝަންތަކުގެ އިސް މަގާމުތައް ފުރުއްވަމުން އަންނަ މޫސަ ވިދާޅުވި އެވެ.
ބެޑްމިންޓަން އިންޓަނޭޝަނަލް މުބާރާތަކުން ނަބާގެ އެންމެ ބޮޑު ކާމިޔާބީ އަކީ 2019 ވަަނަ އަހަރު ޕާކިސްތާނުގައި ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ މިކްސް ޑަބަލްސް އިވެންޓުން ހޯދި ދެ ރަން މެޑަލް އެވެ. އެއީ ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަނުން ގަބޫލުކުރާ މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ދެ ރަން މެޑަލެވެ. ނަބާ އެ ފަހަރު މެޑަލް ހޯދީ މިކްސް ޑަބަލްސް އާއި އަންހެން ޑަބަލްސް އިވެންޓުންނެެވެ. މިކްސް ޑަބަލްސްގައި ނަބާގެ ޕާޓްނަރަކީ ޒަޔާން ޒަކީ އެވެ. އަދި އަންހެން ޑަބަލްސްގައި ނަބާގެ ޕާޓްނަރަކީ އައިމިނަތު ނަބީހާ (ނަބީ) އެވެ.
މިދިޔަ އަހަރު ބީޑަބްލިއުއެފްގެ އަންހެން ޑަބަލްސް އިވެންޓުގެ ރޭންކިންގެ ގަދަ 100 ތެރޭގައި ހިމެނި ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ ދެބެން ކަމަށްވާ ނަބާ އާއި ނަބީ ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. ނަބީ އާއި ނަބާ އަކީ ދުނިޔޭގެ ރޭންކިންގެ އިވެންޓެއްގެ ގަދަ 100 ތެރޭގައި ހިމެނުނު ރާއްޖޭގެ އެންމެ ފުރަތަމަ ދެ ކުޅުންތެރިންނެވެ. އަންހެން ޑަބަލްސްގައި ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ ރާއްޖެ އަށް ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަ މެޑަލް ގެނެސްދީފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މިދިޔަ އަހަރު ޕާކިސްތާން މުބާރާތުގެ ޑަބަލްސް ބައިން ހޯދި ރަން މެޑަލެވެ.













