ލޯކަލް ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަނު ކުރުމުގައި އެ ކައުންސިލެއްގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ގާނޫނުތައް ބަދަލުކުރަން ހުށަހަޅައިފި އެވެ.
ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް އަކީ އެ ކައުންސިލެއްގެ އެންމެ އިސް އިދާރީ މުވައްޒަފެވެ.
ލާމަރުކަޒީ ގާނޫނު މިހާރު އޮންނަ ގޮތުން، އެ މަގާމަށް މީހުން އައްޔަނުކުރަނީ އެ ކައުންސިލެއްގެ ލަފާގެ މަތިން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިންނެވެ.
ނަމަވެސް، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ގެމަނަފުށި ދާއިރާގެ މެމްބަރު އަހުމަދު ސައީދު އަމިއްލަ ގޮތުން ހުށަހެޅުއްވި އިސްލާހުގައި ވަނީ، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން އައްޔަންކުރާއިރު ކައުންސިލްގެ ލަފާ ހޯދަން ޖެހޭ ބައި އުނިކޮށް އެ ގާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.
އެ ބިލު ހުށަހެޅި ބޭނުމެއް ކަމަށް ބުނެފައިވަނީ، ސިވިލް ސާވިސްގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ވީހާވެސް ބޮޑަކަށް ހުޅުވާލައި، ސިޔާސީ މަސްލަހަތުން އެކަހެރިވެ، ވަކި ބަޔެއްގެ ނުފޫޒުން އެއްކިބާވެފައިވާ މީހަކު އެ މަގާމަށް އައްޔަނުކޮށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ އިތުރުން، ސައީދު މިހާރު ވަނީ ސިވިލް ސާވިސްގެ ގާނޫނަށް ވެސް އިސްލާހެއް ހުށަހަޅައިފަ އެވެ.
އެގޮތުން، ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ސިވިލް ސާވިސް ކޮމިޝަނުން އައްޔަނުކުރަންޖެހޭ ބައި، ސިވިލް ސާވިސްގެ ގާނޫނަށް ވެސް އިތުރުކުރަން ހިމަނައިފަ އެވެ.
އެ ދެ ބިލު ވެސް މިހާރު އޮތީ ފުރަތަމަ ކިޔުން އިއްވައިފަ އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ ގިނަ ގޮނޑިތަކާއެކު އިންތިހާބުގެ އަގުލަބިއްޔަތު ހޯދީ ވެރިކަންކުރާ އެމްޑީޕީންނެވެ.
ނަމަވެސް، ކުރިން އެމްޑީޕީގެ ތާއީދު ބޮޑު، ބައެއް މުހިއްމު ރަށްތަކުގެ އިތުރުން ތާރީހުގައި ފުރަތަމަ ފަހަރަށް މާލެ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތު އެމްޑީޕީއަށް ވަނީ ގެއްލިފަ އެވެ.













