ޕެރިސް (ޖޫން 2) - ފްރެންްޗް އޯޕަންގެ މެޗަށް ފަހު އޮތް އިންޓަވިއުގައި ހުއްޓައި ވެއްޓިގެން ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ޗެކް ރިޕަބްލިކްގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ޕެޓްރާ ކުވިޓުވާ މުބާރާތުން ވަކިވެއްޖެ އެވެ.
ދެ ގްރޭންޑް ސްލޭމް މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާފައިވާ ކުވިޓުވާ އަށް އަނިޔާވީ މިދިޔަ އާދިއްތަ ދުވަހު ފްރެންޗް އޯޕަންގައި އޭނާ ގްރީޓް މިނެން އަތުން މޮޅުވި މެޗަށް ފަހު އެވެ. ދިގު ދެމިގެންދިޔަ އެ މެޗަށް ފަހު ވާޗުއަލްކޮށް ބޭއްވި އިންޓަވިއުގައި ހުއްޓައި ވެއްޓިގެން ފައި އެޅުނު ގޮތަކުން ކުވިޓުވާގެ ކުޑަހުޅަށް ވަނީ އަނިޔާވެފަ އެވެ.
އެމްއާރްއައި ޓެސްޓްތަކަށް ފަހު އުމުރުން 31 އަހަރުގެ ކުވިޓުވާ އަށް އޭނާގެ މެޑިކަލް ޓިމުން އެންގީ މުބާރާތުގައި ކުރިއަށްދިއުން އެންމެ ރަނގަޅު ނޫން ކަމަށެވެ. އެހެންވެ އޭނާ ނިންމީ މުބާރާތުން ވަކިވާށެެވެ.
"ވަރަށް ބަދުނަސީބުކޮށް މިދިޔައީ. އަހަރެން ހުންނާނީ ވަރުގަދަކޮށް ގްރާސްކޯޓް މުބާރާތަށް ރަނގަޅަށް ރިކަވާވެގެން އެނބުރި އަންނާނަން،" ކުވިޓުވާ ބުންޏެވެ.
ދުނިޔޭގެ ރޭންކިންގެ 12 ވަނައިގައި އޮތް ކުވިޓުވާ ވަކިވުމުން އޭނާއާ ދެކޮޅަށް ދެ ވަނަ ބުރުގައި ކުޅެން އޮތް އެލީނާ ވެސްނީނިއާ އަށް މެޗު ލިބުނީ އެވެ.
ކުވިޓުވާގެ ޓެނިސް ކެރިއަރުގެ އެންމެ ބޮޑު އުސްއައްޔަކީ 2011 އާއި 2014 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ކާމިޔާބީ އެވެ. ޓެނިހުގެ ގްރޭންޑްސްލޭމް ޝެޑިއުލްގައި ދެން އޮތީ ވިމްބަލްޑަން އެވެ. އެ މުބާރާތް ފަށަން ނިންމާފައި އޮތީ އަންނަ މަހުގެ 11 ގަ އެވެ.
ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް އަންހެން ކުޅުންތެރިޔާ ޖަޕާނުގެ ނައޯމީ އޮސާކާ ވެސް ވަނީ މި ފަހަރުގެ ފްރެންޗް އޯޕަން އިން ވަކިވެފަ އެވެ. ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓްކުރަން ނައޯމީ ނިންމި ނިންމުމާ އެއްގޮތަށް އަމަލުކުރަން ފެށުމާ އެކު، ޓެނިހުގެ ހަތަރު ގްރޭންޑް ސްލޭމް މުބާރާތުން އޭނާ ސަސްޕެންޑްކުރަން ޖެހިދާނެ ކަމުގެ އިންޒާރުދިނެވެ. އޭގެ ފަހުން ނައޯމީ ނިންމީ މުބާރާތުން ވަކިވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. ނައޯމީ މި ފަހަރުގެ ފްރެންޗް އޯޕަންގައި ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓްކުރަން ނިންމީ ނަފްސާނީ ދުޅަހެޔޮކަމަށް ވިސްނައިފަ އެވެ.












