އިއްޔެ ނިމިގެން އެ ދިޔައީ ބެޑްމިންޓަން ކުރިއަރުވައި ފުރުސަތު ތަނަވަސްކޮށްދޭން ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިޔާ ޒަޔާން ޒަކީގެ އިސްނެގުމާ އެކު ފެށި ރިވައިވަލް ސްޕޯޓްސް ކްލަބްގެ ދެ ވަަނަަ އަހަރީ ދުވަހެވެ. އޭރު ގައުމީ ޓީމަށް ކުޅުން ހުއްޓާލައި ކްލަބެއް ވުޖޫދުކޮށް މިވީ ކުރު މުއްދަތުގެ ތެރޭގައި ރިވައިވަލްގެ ނަން ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ވެސް ހިނގައިފި އެވެ. ރަން ކާމިޔާބީ ވެސް ހޯދައިފި އެވެ. މުޅި ރާއްޖެ އަށް ފުޅާކޮށް ރިވައިވަލް އިން ދެން ބޮޑު ފޯކަސްއެއް ކުރަނީ ބެޑްމިންޓަނުގައި ކާމިޔާބު ހޯދާނެ ފެންވަރުގެ އާ ޖީލެއް އުފައްދަން ކުރާ މަސައްކަތަށެވެ.
"އިނީޝިއަލީ (އެންމެ ފުރަތަމަ ވެސް) ފެށީ އިންޓަނޭޝަނަލް ލެވަަލަށް ފޯކަސް ކޮށްގެން ފެންވަރު ރަނގަޅު ކުޅުންތެރިންނަށް ފުރުސަތު ދީގެން ކާމިޔާބީތަކެއް ހޯދަން. އެކަން ފުރަތަަމަ އަހަރު ވެސް ވެއްޖެ. ދެން މިހާރު ހަގީގަތުގައި ބޭނުންވަނީ ކްލަބްގެ ތެރެއިން ބެޑްމިންޓަނުން އާ ކުޅުންތެރިން ޑިވެލޮޕްކުރަން. އާ ބެޗެއް ނެރެން،" 2019 ވަނަ އަހަރުގެ ޖުލައި އެއް ވަނަ ދުވަހު ރިވައިވަލްގެ ދަތުރު ފެށިގެން މިހާތަނަށް ހިނގި ކަންތައްތަކާއި މުސްތަގުބަލާ މެދު ކުރާ އުއްމީދާ ބެހޭގޮތުން ޒަޔާން "އަދަދު" އަށް ބުންޏެވެ.
ރިވައިވަލްގެ ކާމިޔާބީތަކަށް ބަލާއިރު މިވީ ދެ އަހަރު ތެރޭ އެ ޓީމުން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުން އެއް ރަން މެޑަލާއި ދެ ލޯ މެޑަލް ގެނެސްދީފަ އެވެ. މީގެ ތެރެއިން ރަން މެޑަލަކީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ބަލައިގަނެފައިވާ މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑަލެވެ.
ގައުމީ ލެވަލްގެ މުބާރާތްތަކުގައި މިހާތަނަށް ރިވައިވަލް އަށް ލިބުނު މެޑަލްތަކުގެ ޖުމްލަ އަދަދަކީ 14 މެޑަލް އެވެ. އެއީ ހަ ރަން މެޑަލާއި ދެ ރިހި މެޑަލް އަދި ހަ ލޯ މެޑަލެވެ. އޭގެ ތެރޭގައި ގައުމީ މުބާރާތުގެ ޓީމް އިވެންޓް ޗެމްޕިއަންކަމާއި މިދިޔަ އަހަރު ބެޑްމިންޓަން އެސޯސިއޭޝަނުން ބޭއްވި މިކްސް ޓީމު އިވެންޓް ޗެމްޕިއަންކަން ހިމެނެ އެވެ.
"މި ކާމިޔާބީ އަކީ ފޯކަސް ގެއްލުވާނުލައި ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާ. އިންޓަނޭޝަނަލް ގޯލްޑެއް ލިބުނު. ދެން ލޯކަލް މުބާރާތްތަކުގެ މެޑަލް ޓެލީ އަށް ބަލާއިރު 90 ޕަސެންޓް ރިވައިވަލް އަށޭ ބުންޏަސް ދޮގަކަށް ނުވާނެ،" ޒަޔާން ބުންޏެވެ.

ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ރިވައިވަލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ރިވައިވަލް ސްޕޯޓްސް
ފުރަތަމަ އަހަރުތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް ރިވައިވަލް އަށް ދެ ވަނަ އަހަރުގައި ކުރަން ޖެހުނު ތަޖުރިބާ އެންމެ ރަނގަޅެއް ނޫނެވެ. ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކުގެ ތެރޭގައި ޓްރެއިނިންތަކަށާއި އެހެނިހެން ކަންކަމަށް ބުރޫއެރީ އެވެ. އެކަމަކު ބެޑްމިންޓަން އޭޝިއާ އެކެޑަމީ އިން ވާޗުއަލްކޮށް ގެންދާ ޓްރެއިނިންގެ ފިލާވަޅުތަކުގެ އެހީގައި ކުޅުންތެރިންގެ ފިޓްނަސް ވެއްޓުނަނުދީ މެނޭޖް ކުރަން ކޮންމެވެސް ވަރަކަށް މަސައްކަތް ކުރެވުނީތީ އެ ހިތްހަމަޖެހުން އެބައޮތެވެ.
"ލޮކްޑައުން އަށް ފަހު އަލުން ކުޅެލަން ފުރުސަތު ލިބިގެން ފެށިއިރު އެނގުނު ހަގީގަތުގައި ކުރިން ހުރި ލެވަލަށް ދާން މަސައްކަތް ކުރަން ޖެހޭ މިންވަރު. ޑްރޮޕްވެފައި ހުރީ. އެހެންވެ މިހާރު މިދާ ލޮކްޑައުން ޕީރިއަޑްގައި ލެވަލް ވެއްޓުނަނުދީ މަސައްކަތް ކުރަން ޖެހޭނެކަން ހުރިހާ ކުޅުންތެރިންނަށް ވެސް އެނގޭނެ،" ޒަޔާން ބުންޏެވެ.
ރިވައިވަލް އިން ވަނީ ކްލަބްގެ މަސައްކަތްތައް އިތުރަށް ފުޅާކުރަން މިހާތަނަށް ވެސް ރަނގަޅު ކަންކަން ފަށައިފަ އެވެ. އެ ގޮތުން ސިންގަޕޫރުގެ ތަޖުރިބާކާރު ބެޑްމިންޓަން ކޯޗު އަބްދުލް ހާމިދު ހާންގެ ޓްރެއިނިން ކޭމްޕެއް ބޭއްވި އެވެ. އަދި މިދިޔަ އަހަރު ރިވައިވަލް އިން ވަނީ ތިން އަހަރުގެ މުއްދަތަށް ޕޮލިސް ކްލަބާ އެކު އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. އަދި މި ކޮންޓްރެކްޓްގެ ތެރެއިން ރިވައިވަލް އާއި ޕޮލިހުން ގުޅިގެން ހައި ޕާފޯމަންސް ބެޑްމިންޓަން ކުޅުންތެރިން އުފެއްދުމާއި ކޯޗުން ތަމްރީނު ކުރުމުގެ އިތުރުން ރާއްޖޭގައި ޔޫތު އެކެޑަމީ ސިސްޓަމް ފުޅާކުރާނެ އެވެ.
މީގެ އިތުރުން ރިވައިވަލް އިން ވަނީ ފެންވަރު ރަނގަޅު ކޯޗެއް ކަމަށްވާ ކުރީގެ ކުޅުންތެރިޔާ އަހުމަދު ވަސީމްއާ އެކު ކޮންޓްރެކްޓެއް ހަދައި ހދ. ނޮޅިވަރަމްގައި ބެޑްމިންޓަންގެ ޕްރޮގްރާމްތަކެއް ފަށައިފަ އެވެ. އަދި އެ ރަށުގައި ބެޑްމިންޓަން މުބާރާތެއް ވެސް ރިވައިވަލް އިން ބޭއްވި އެވެ.
ތިލަދުންމައްޗަކީ ބެޑްމިންޓަންގެ ބޮޑު ފޯރިއެއް އޮތް ސަރަހައްދަކަށްވާއިރު، ނޮޅިވަރަމްގައި ފެށި ބެޑްމިންޓަންގެ މި މަސައްކަތް އިތުރު ރަށްތަކަށް ފުޅާކުރުުމުގެ ވިސްނުން ރިވައިވަލް އިން ގެންގުޅެ އެވެ.
ސްކޮލަޝިޕެއް ގޮތުގައި ކުޅުންތެރިން ޑިވެލޮޕްކުރުމުގެ ޕްރޮޖެކްޓެއް
ރިވައިވަލް އިން އަންނަނީ އެ ކްލަބް ފުޅާކޮށް ބެޑްމިންޓަން ކުރިއަރުވަން ކުރެވޭނެ އެކި ކަންކަން އަބަދުވެސް ދިރާސާކުރަމުންނެވެ. އެ ގޮތުން ކުޅުންތެރިންގެ ފިޒިކަލް ފިޓްނަސް އަށް އިސްކަންދީ ކްލަބްގެ ކަންކަން ރަނގަޅަށް ގެންދަން ބޭނުންވާތީ ކްލަބްގެ ހާއްސަ ޖިމެއް މިހާރު ހުޅުވާފައިވާއިރު، އެތަނުގައި ކުޅުންތެރިންގެ އެކޮމަޑޭޝަން ބްލޮކެއް ވެސް ހުންނާނެ އެވެ. މިއީ ބޮޑު މަސައްކަތްތަކެއްގެ ފެށުމެކެވެ.
"އަޅުގަނޑުމެން ޓީމާ އެކު ގެންގުޅެން ރަނގަޅު ޒުވާން ކުޅުންތެރިޔެއް ކެޔޮދޫ ހައިޝަމް. އޭނަ އަކީ މި ޓީމު އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް އޮޕޮޗިއުނިޓީސް (ފުރުސަތު ދީގެން) މާލޭގައި ބަހައްޓައިގެން ޑިވެލޮޕްކުރާ ކުޅުންތެރިއެއް،" ޒަޔާން ބުންޏެވެ.

ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން ޒަޔާން.-- ފޮޓޯ: މިހާރު
ޒަޔާންގެ ވިސްނުމަކީ ހައިޝަމް އަށް ލިބިފައި އެ އޮތް ފުރުސަތު އިތުރުން ތިނެއް ނޫނީ ހަތަރު ކުޅުންތެރިއަކަށް ދިނުމެވެ. އަދި އެއީ ސްކޮލަޝިޕެއް ގޮތަށް ފެށޭ ކަމެއްގެ ގޮތުގައި ހަދަން ޒަޔާން ހުރީ އަމާޒުހިފައިގެންނެވެ.
"މާލެ އަށް ވުރެން ބޮޑަށް ދެން ބޭނުންވަނީ އަތޮޅުތަކަށް ފޯކަސް ކުރަން. އެހެންވެ އަތޮޅުތަކުން 19 އަހަރުން ދަށުގެ ކުޅުންތެރިން މި ނަގަނީ. ފުރަތަމަ އިންނާނީ 3-6 މަހުގެ ޓްރެއިނިން ސްކޮލަޝިޕެއް. އޭގެތެރެއިން އެވަލުއޭޝަންތަކެއް ދާނެ. ދެން ކުޅުންތެރިޔާގެ ފެންވަރު ރަނގަޅުވިއްޔާ މި ކޮޅަށް ހައި ޕާފޯމަންސް ޓީމާ އެކު ޕްރެކްޓިސްކުރުން ކުރިއަށްދާނެ. ދެން ޓްރަޔަލް ޕީރިއަޑްގައި މި ނެގޭ ކުދިންގެ އެކޮމަޑޭޝަނާއި ހުރިހާ ކަމެއް ކްލަބުން ދެވޭ ގޮތަށް މި އޮތީ،" ޒަޔާން ބުންޏެވެ.
ރިވައިވަލް އިން ބުނީ ޝައުގުވެރިވާ ކުޅުންތެރިން revivalsportsmv@gmail.com އަށް ސީވީއާ އެކު އެހެނިހެން މުހިއްމު މައުލޫމާތު ފޮނުވުމަށެވެ. އަދި ރިވައިވަލްގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ވެސް މި ސްކޮލަޝިޕްގެ މައުލޫމާތުތައް ސާފުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ރިވައިވަލް އިން ދެން ވިސްނައިގެން ހުރީ ކޮވިޑް-19ގެ ހާލަތު ރަނގަޅުވިހާ އަވަހަކަށް އެކި ހިސާބުތަކުގައި ފުރުސަތު ލިބުނު ވަރަކުން ޓެލެންޓް ހަންޓިންގެ މަސައްކަތް ކުރުމަށެވެ. ޒަޔާން ބުނީ ބެޑްމިންޓަންގެ ގައުމީ ލެވަލްގައި ކުޅޭ ގިނަ މުބާރާތްތަކުގައި ވެސް ފެންވަރު ރަނގަޅު ކުޅުންތެރިން ރަށްރަށުން ފާހަގަވާ ކަމަށާއި ބައިނަލްއަގުވާމީ ލެވަލަށް ގެންދެވޭނެ ކުޅުންތެރިންނަށް މުސްތަގުބަލުގައި ރިވައިވަލް އިން ދެމެހެއްޓެނިވި ގޮތެއްގައި ފުރުސަތު ދޭން ބޭނުންވާ ކަމަށެވެ.













