ރާއްޖެއަށް ދިމާވެފައިވާ ކާޑުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ މަގުސަދުގައި ރާއްޖޭގައި ގޮދަން ފުށް ބަންދު ކުރަން ފަށަން ނިންމާފައިވާ ކަމަށް އެސްޓީއޯއިން މިއަދު ބުނެފި އެވެ.
އެސްޓީއޯގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި މިކަން އިއުލާން ކުރައްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސެއިން އަމްރު ވިދާޅުވީ, ރާއްޖޭގައި ގޮދަން ފުށް ތައްޔާރުކުރާ ފެކްޓަރީއެއް ގާއިމް ކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރަމުންދާ ކަމަށެވެ.
"މިފަދަ ފެކްޓަރީއެއް ކާމިޔާބު ކަމާއެކު ރާއްޖޭގައި ގާއިމު ކުރެވިއްޖެނަމަ، ކާޑުގެ ބާވަތްތައް ހުސްވިޔަނުދީ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ އިތުރުން، ކާޑު އެތެރެކުރުމަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަން ފާހަގަކުރަން،" އަމްރު ވިދާޅުވި އެވެ.
މިކަމުގައި އެސްޓީއޯގެ ވިސްނުމަކީ ގޮވާން އެތެރެކޮށް، އެ ޕްރޮސެސްކޮށްގެން ގޮދަން ފުށް ތައްޔާރުކޮށް ބަންދު ކުރުމެވެ.
އެހެން ހެދުމުގެ ސަބަބުން، މިހާރަށް ވުރެ ގިނަ ދުވަހު ގުދަން ކޮށްފައި ބެހެއްޓޭނެކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އަމްރު ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ ކާޑުގެ ބާވަތްތަކަށް ބަރޯސާވާ ނިސްބަތް ދަށް ކުރުމަށް ރާއްޖެއަށް ބޭނުންވާ ތަކެތި ރާއްޖޭގައި އުފައްދަން އެބަޖެހޭ ކަމަށެވެ.
"ދެމެހެއްޓެނެވި ގޮތެއްގައި ފުޑް ސެކިއުރިޓީ ގާއިމް ކުރެވޭނީ ރާއްޖެ އެތެރެކުރެވޭ ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައިވެސް ގޮވާންކޮށް، ދަނޑުވެރިކަމުގެ ބާވަތްތައް އުފައްދައިގެން. ހަގީގަތުގައި މިއީ ސިއްހަތަށްވެސް އެންމެ ފައިދާ ކުރުވަނިވި ގޮތް."
އެސްޓީއޯއިން ރާއްޖޭގައި ކާބޯތަކެތީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކުގެ ތެރެއިން ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި ގަތުމަށް އެގްރިސެންޓަރެއް ވަނީ ގާއިމްކޮށްފަ އެވެ.
ދަނޑުވެރިން ރާއްޖޭގައި އުފައްދާ ތަކެތި ގަތުމަށްފަހު އެތަކެތި މާކެޓްކޮށް ވިއްކުމުގެ މަސައްކަތް ކުރުމަށް މި ސެންޓަރު ހުޅުވާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ.
"މި ސެގްމަންޓުގެ ބޭނުމަކީ ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކޮށް، އެ ފަރާތްތަކަށް މާކެޓް ޕްލެޓްފޯމެއް ހޯދައިދިނުން." އަމްރު ވިދާޅުވި އެވެ.
މިހާރު އެގްރިސެންޓަރުގެ މަސައްކަތް ފަށައިގެން ކުރިޔަށްދާއިރު ދަނޑުވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ސެންޓަރުން ބުނެ އެވެ. އޭގެ ތެރެއިން ބައެއް ޕްރޮޑަކްޓުތައް އެ ސެންޓަރުން މިހާރު ވިއްކަން ފަށައިފި އެވެ.
އެސްޓީއޯއިން އަންނަނީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށާއި ފުޑް ސެކިއުރިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓަމްންޓްތަކެއް ކުރަމުންނެވެ. މި އަހަރުގެ ތެރޭގައި ވެސް އިންވެސްޓްމަންޓުތަކެއް ކުރާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެ އެވެ.










