އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކުގެ ބައެއް ބާވަތްތައް ޖޫން މަހުން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ޑިސެމްބަރު މަހު ނެރުއްވި ގަރާރުގައި ހިމެނޭ ބައެއް ތަކެތި މަނާ ކުރާ ތާރީހަށް އަމަލު ކުރުން ފަސްކޮށްފި އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ގަރާރުގައި ހިމެނޭ ބައެއް ޕްލާސްޓިކުގެ ބާވަތްތައް އެތެރެކުރުން މަނާ ކުރާ ތާރީހު ފަސް ކުރީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މުދާ އެތެރެ ކުރުމަށް ދަތިތަކެއް ހުރުމުންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ސޯލިހުގެ ގަރާރަށް ގެނައި ބަދަލުތައް މިއަދުގެ ވަގުތެއްގައި ގެޒެޓު ކުރާނެ ކަމަށެވެ.
އަންނަ ޖޫން މަހުން ފެށިގެން މަނާ ކުރާ ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރޭގައި ސުޕާރީ ޕެކެޓާއި ކާނާ ބަންދު ކުރާ ސްޓައިރަފޯމާއި 500 މިލިލީޓަރަށްވުރެ ކުދި ދިޔާ އެއްޗެހި ހިމެނޭ ޕެޓު ފުޅި ހިމެނެ އެވެ. އަދި ޕްލާސްޓިކު ކަފަބުރާއި ހޮޅި ވެސް ހިމެނެ އެވެ.
އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކުގެ ބައެއް ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާ ކުރުމަށް އިމްޕޯޓް/އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހު ގެޒެޓުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު، 22، ގަ އެވެ.

އޭގައި ބުނެފައިވާ ގޮތުން މަނާ ކުރާ ޕްލާސްޓިކުގެ ބާވަތްތަކާއި އެ ތަކެތި އެތެރެ ކުރުން މަނާ ކުރާ ތާރީހު ގަރާރަކުން ކަނޑައަޅަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
އެތެރެ ކުރުން މަނާ ކުރާ ޕްލާސްޓިކާއި އެ ތަކެތި މަނާ ކުރާ ތާރީހު ބަޔާން ކުރާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ޖެނުއަރީ، 1، 2021، ގެ ކުރިން ނެރުމަށް ވެސް އެ ގާނޫނު ލާޒިމް ކުރި އެވެ.
ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން މިދިޔަ ޑިސެމްބަރު، 30، ގައި ރައީސް ނެރުއްވި ގަރާރުގައި މަނާކޮށްފައި ވަނީ 12 ބާވަތެއްގެ ޕްލާސްޓިކެވެ. އޭގެ ތެރެއިން ނުވަ ބާވަތެއްގެ ޕްލާސްޓިކު އެތެރެ ކުރުން މަނާ ވަނީ މާދަމާ އިން ފެށިގެންނެވެ.
އޭގެ އިތުރުން ދެ ބާވަތުގެ ޕްލާސްޓިކު ޑިސެމްބަރު، 1، 2022 ގައި އަދި އެއް ބާވަތެއް ޑިސެމްބަރު، 1، 2023 ގައި މަނާ ކުރުމަށް ވެސް ގަރާރުގައި ކަނޑައަޅާފައި އޮތެވެ.
ޖޫން މަހުން ފެށިގެން އެތެރެ ކުރުން މަނާ ތަކެތި
- ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ޕްލާސްޓިކް ދަނޑިކޮޅު
- ސްޓައިރަފޯމް (ޕާރުސަލް) ފޮށި
- 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު
- ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ
- 250 މިލިލީޓަރަށްވުރެ ކުޑަ ޕްލާސްޓިކް ތަށި
- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
- 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި ޝޭމްޕޫ އާއި ސައިބޯނި ފުޅި
- 500 މިލިލީޓަރަށްވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާ ތަކެތި (ފެނާއި ލުއިބުއިން ހިމެނޭގޮތަށް)
އޭގެ އިތުރުން ރައީސްގެ ގަރާރުގައި ބާޒާރު ކުރަން ބޭނުން ކުރާ 50 މައިކްރޯނަށްވުރެ ތުނި ކޮތަޅު، ޑިސެމްބަރު، 1، 2022، ގައި މަނާ ކުރުމަށް ގަރާރުގައި ހިމަނާފައި އޮތެވެ. ގަރާރުގައިވާ ގޮތުން 50 މިލިލީޓަރާއި 200 މިލިލީޓަރާ ދެމެދު ހުންނަ ކުދި ސައިބޯންޏާއި ޝޭމްޕޫ ފުޅި ވެސް އެ ތާރީހުގައި މަނާވާނެ އެވެ.
އަދި އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފެން ފުޅި ޑިސެމްބަރު، 1، 2023 ގައި މަނާވާނެ އެވެ.
މީގެ އިތުރުން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި އުފެއްދުން މަނާކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.
ބިލުގައި ބުނެފައިވަނީ ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހިގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއް ކަމަށެވެ.
އަދި އޭގެ ދަށުން އެކި މަރުހަލާތަކަކަށް ބަހާލައިގެން ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް މަނާކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ނަމަވެސް، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެ ބާވާތްތަކުގެ ލިސްޓެއް ގެޒެޓު ކުރަންޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
ނަމަވެސް، އެ ލިސްޓުގައި ހިމެނޭ ބާވަތްތައް މަނާވާނެ ތާރީހުތައް ކަނޑައަޅާފައި އޮންނަންވާނެ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ލިސްޓު އެކުލަވާލާއިރު، އެތަކެތި އެހާތަނަށް އުފައްދައި ބޭނުންނުކޮށް ހުރި މިންވަރަށާއި ބޭނުންކުރަމުންދާ މިންވަރުގެ އިތުރުން އެތަކެތި މަނާކުރުމުން ބަދަލުގައި ބޭނުންކުރެވޭނެ ތަކެތި ލިބެންހުރި މިންވަރަށް ރިއާއަތް ކުރަންޖެހޭނެ ކަމަށް އެ ބިލުގައިވެ އެވެ.
ސިންގަލް ޔޫސް ޕްލާސްޓިކް ރާއްޖޭގައި ބޭނުން ކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަން އދ. ގެ އާއްމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި ސެޕްޓެމްބަރު 23، 2019 ވަނަ ދުވަހު ބޭއްވި ކްލައިމެޓް ސަމިޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާނު ކުރައްވައިފަ އެވެ.












