ޕޯޓޯ (މެއި 30) - ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރޭ 1-0 އިން ޗެލްސީ އަތުން ބަލިވީ މެންޗެސްޓާ ސިޓީ އަށް ބައިވަރު ގޯސްތަކެއް ހެދިގެނެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ރޭގެ މެޗަކީ ސިޓީގެ ތާރީހުގައި އެ ޓީމުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަަހަރެވެ. ސިޓީގެ ކުރިން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އަލަށް ކުޅުނު ހަތް ޓީމު ވެސް ވަނީ ބަލިވެފަ އެވެ. އެ ޓީމުތަކުގެ ތެރޭގައި މިދިޔަ އަހަރު ބަލިވި ޕީއެސްޖީ އާއި އޭގެ ކުރިން ފަހަރު ބަލިވި ޓޮޓެންހަމް ހޮޓްސްޕާސް ވެސް ހިމެނެ އެވެ.
ސިޓީން ރޭގެ މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި ރަހީމް ސްޓާލިން ހިމަނައި ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅެމުން އައި ރޮޑްރީ އާއި ފެނާންޑީނިއޯ ތެރެއިން ކުޅުންތެރިއަކު ނުލައި މެޗު ފެށުމުން ގިނަ ބަޔަކު އެ ނިންމުމަށް ފާޑުކިޔެވެ. މުޅި މެޗަށް ބަލާއިރު ވެސް ޗެލްސީގެ ޑިފެންސް ފޫއަޅުވާލައި ސިޓީ އަށް މާ ރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސް ނުކުރެވެ އެވެ.
ފުރަތަމަ ހާފުގައި ސްޓާލިން އާއި ފިލް ފޯޑެން އަށް ރަނގަޅު ބޯޅަތަކެއް ލިބި ބޭކާރުވިއިރު، މެޗަށް ފަހު ގާޑިއޯލާ ވަނީ އެކަން ފާހަގަކޮށްފަ އެވެ.
"އަހަރެން (ޓީމު ނެގުމުގައި) ކަންތައް ކުރީ އަހަންނަށް ފެންނަ އެންމެ ރަނގަޅަށް. ޓީމު ނެގުމުގައި ގޯހެއް ނެތް. ފުރަތަމަ ހާފު ދިޔައީ ބޭނުންވި ލެވަލަކަށް ނޫން. އަހަރެމެންނަށް ފުރުސަތުތަކެއް ލިބުނު ކޮންޓްރޯލް ނަގަން. އެކަމަކު މެޗުގެ އޮއެވަރުގައި އަހަރެމެންނަށް ކުޅެވެން ފެށީ މާ ފަހުން،" ދިހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓީމެއް ގޮވައިގެން ނުކުތް ގާޑިއޯލާ ބުންޏެވެ.
"އަނެއްކޮޅުން މިއީ އަހަރެމެން މާ ބައިވަރު ގޯސްތަކެއް ހެދިގެން ބަލިވި މެޗެއް ނޫން. ޗެލްސީ އަށް ލިބުނީ ރަނގަޅު އެއް ފުރުސަތު އެ މީހުން ބޭނުން ހިފައިފި،"
ޗެލްސީ އަތުން ބަލިވި މެޗަކީ ސިޓީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ބަލިވި ފުރަތަމަ ފަހަރެވެ.
ގާޑިއޯލާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 2009 އާއި 2011 ވަނަ އަހަރު ބާސެލޯނާގައި ހުރިއިރު އެވެ. ބާސެލޯނާ ދޫކޮށްލި ފަހުން ގާޑިއޯލާ އަށް ޗެމްޕިއަންސް ލީގުގެ ތަށީގައި އަތްލުމުގެ ނަސީބެއް ނުލިބެ އެވެ. ބަޔާން މިއުނިކް ގޮވައިގެން ފައިނަލަކުން ވެސް ފުރުސަތު ނުލިބުނުއިރު، ސިޓީއާ އެކު މިއީ ކުރިމަތިލި ފުރަތަމަ ޗެމްޕިއަންސް ލީގު ފައިނަލެވެ.
"މި މުބާރާތުގައި އެބަތިބި ވަރަށް މޮޅެތި ޓީމުތައް ވެސް 60 އަހަރު ވަންދެން ކުޅުނުއިރު ވެސް ހަތަރެއް ފަހެއް ނޫނީ ހަ ފަހަރު ތަށި ހޯދި. އެހެންވީމަ އަހަރެން ނޫނީ މި ކްލަބްގެ އިންތިޒާރު ދިގުވުން އެއީ ބޮޑު ކަމެއް ނޫން،" ގާޑިއޯލާ ބުންޏެވެ.
ޖެނުއަރީ މަހު ޗެލްސީގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެ ޓީމުން މި ވަނީ ތިން ފަހަރު ސިޓީ ބަލިކޮށްފަ އެވެ. އެއީ އެފްއޭ ކަޕް ސެމީ ފައިނަލާއި އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ފައިނަލުގަ އެވެ.
މި ސީޒަނުގައި ހަތަރު ތަށްޓައް އަމާޒުހިފި ސިޓީ ފަރުޖައްސާލަން ޖެހުނީ ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. ސިޓީން ހޯދީ ލީގާއި ލީގު ކަޕް ތަށްޓެވެ. ގާޑިއޯލާ ބުނީ މިއީ ކާމިޔާބު ސީޒަނެއް ކަމަށާއި އަންނަ އަހަރަށް ޓީމުގެ މަސައްކަތްތައް ފަށާނީ ޗުއްޓީއަކަށް ފަހު ކަމަށެވެ.












