ދެވަނަ ފަހަރަށް ރާއްޖޭން 208 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އެންމެ ގިނައިން އަލުން ކޮވިޑު ޖެހިފައިވަނީ ބަލިން ރަނގަޅުވިތާ ނުވަ މަސް ފަހުން ކަމަށް ހެލްތް ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ހިއްސާ ކުރެއްވި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ފަހުކޮޅުން އަލުން ބަލި ޖެހޭ މީހުންގެ އަދަދު ހުރީ ހަފްތާއަކު ފަސް ކޭސްގެ ގޮތުގަ އެވެ. ބަލި ޖެހުނުތާ ތިން މަސް ފަހުން 12 މީހަކަށް ކޮވިޑް ޖެހިފައިވާއިރު ހަތަރު މަސް ފަހުން 17 މީހަކަށް ޖެހިފައިވެ އެވެ. އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ ހަ މަސް ފަހުން ވަނީ 54 މީހަކަށް ކޮވިޑް ޖެހިފަ އެވެ.
"މިހާލަތު ވެސް އިތުރަށް ބަދަލުވެގެން ދާނެ. އަޅުގަނޑުމެންގެ ވެކްސިނޭޝަންގެ ސަބަބުން ލިބޭ އިތުރު ޕްރޮޓެކްޝަނެއް ލިބުނީމައި އަޅުގަނޑުމެން އުއްމީދު ކުރަނީ ރީއިންފެކްޝަން ކޭސްތައް މިއަށް ވުރެވެސް މަދުވާނެ ކަމަށް،" އަފްޒަލް ވިދާޅުވި އެވެ.
ދެވަނަ ފަހަރަށް ކޮވިޑު ޖެހުނު މީހުންގެ ތެރޭގައި ވެސް ގިނައީ ފިރިހެނުންނެވެ. ދެ ވަނަ ފަހަރަށް ގިނައިން ކޮވިޑް ޖެހިފައި ތިބީ 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށެވެ.
ބަލި ޖެހުމަށް ފަހު ދެން އެ ބަލި ނުޖެހި ހުންނަނީ ތިން މަސް ވަންދެންނެވެ. އަފްޒަލް ވިދާޅުވީ ތިން މަސް ފަހުން ކޮވިޑު ޖެހުމަކީ އެހާ އާދަޔާ ހިލާފުކަމެއް ނޫން ކަމަށެވެ.

ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު ބައްޔަކަށް އެންމެ ގިނައިން ފެންނަނީ ލޭމައްޗަށް ދިއުމާއި ހަކުރު ބައްޔެވެ. އަފްޒަލް ވިދާޅުވިގޮތުގައި އެހެން އެ ދިމާވަނީ ލޭމައްޗަށް ދިއުމާއި ހަކުރު ބައްޔަކީ ރާއްޖޭގައި އާއްމު ބަލިތަކަކަށް ވުމުންނެވެ.
މިއަހަރުގެ މިހާތަނަށް ވެސް އަދި މިމަހު ވެސް އެންމެ ގިނައިން ކޮވިޑް ޖެހެނީ 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް އަފްޒަލް ވިދާޅުވި އެވެ. އޭގެ ފަހުން ދެން އެންމެ ގިނައިން ބަލި ޖެހެނީ 45 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ.
ކޮވިޑް ފަރުވާ ޓީމުގައި އިސްކޮށް އުޅުއްވާ ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު އަލީ މިއަދު މި ނޫހަށް ވިދާޅުވިގޮތުގައި ދެ ފަހަރަށް ޕޮޒިޓިވްވާ ސަބަބު ސީދާ ދަނެގަނެވިފައެއް ނުވެ އެވެ. ނަމަވެސް ލަފާ ކުރެއްވެނީ ދެ ވަނަ ފަހަރަށް މީހާ ބަލި ވަނީ ކޮވިޑް-19 ގެ އާ ވޭރިއަންޓެއްގެ ސަބަބުން ކަމަށްވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑަށް ހީވަނީ އާ ވޭރިއެންޓެއް އުޅޭތީހެން. އެކަމަކު އަދި އިންވެސްޓިގޭޝަންތަކުގެ ނަތީޖާ ރިޕޯޓުތައް ނުލިބޭތީ ޔަގީންކަމާ އެކު ބުނާކަށް ނޭނގޭ،" ޑރ. މުހައްމަދު ވިދާޅުވި އެވެ.
"މޮސްޓް ލައިކްލީ ކޯސްއަކީ އެއީ."
ކޮވިޑު އެއް ފަހަރު ޖެހި ރަނގަޅުވި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަނދާންނައްތާނުލުމަށް އޭނާ އިރުޝާދު ދެއްވި އެވެ.
އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު ވެސް ކޮވިޑް-19 އަށް ކޮންމެ ދުވަހަކު ވެސް 1000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ އެވެ. އޭގެ ތެރެއިން 252 މީހަކަށް ފަރުވާދެނީ އެނދުމަތިކޮށްގެނެވެ. އަދި މިހާރު ވެސް އެ ބައްޔަށް ޕޮޒިޓިވް 24،818 މީހުން ރާއްޖޭގައި އެބަ ތިއްބެވެ. ބަލީގައި 175 މީހުން ވަނީ މަރުވެފަ އެވެ.












