ޕޯޓޯ، ޕޯޗުގަލް (މެއި 29) - މިދިޔަ އަހަރު ޕީއެސްޖީ ގޮވައިގެން ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވެ ތަޖުރިބާ ކުރި ކަންތައްތައް މި އަހަރު ޗެލްސީއާ އެކު ތަކުރާރުވާން ނޭދޭ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.
މުޅިން އަލަށް ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިދީ ޓުޗެލް އެ ޓީމު ގޮވައިގެން ފައިނަލުގައި ކުޅުނީ ބަޔާން މިއުނިކާ ދެކޮޅަށެވެ. މިދިޔަ އަހަރު އޮގަސްޓް މަހު ކުޅުނު ފައިނަލުން ބަޔާން މޮޅުވީ 1-0 އިންނެވެ. ފައިނަލުން ބަލިވިތާ ހަތަރު މަސް ވީ ތަނާ ޓުޗެލް ޕީއެސްޖީގެ ކޯޗުކަމުން ވަކިކުރީ ޑިސެމްބަރު ފަހު ކޮޅުގަ އެވެ. ޓުޗެލް ޗެލްސީއާ ހަވާލުވީ ޖެނުއަރީ މަހުގެ ފަހު ކޮޅުގަ އެވެ.
މިރޭގެ ފައިނަލަށް ނުކުންނައިރު ޓުޗެލް އަކީ ޖެހިޖެހިގެން ދެ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ތަފާތު ދެ ޓީމު ގޮވައިގެން ނުކުންނާނެ ފުރަތަމަ ކޯޗެވެ. ޓުޗެލް ބުނީ އަމާޒަކީ މި ފަހަރު ޕޮޒިޓިވް ނަތީޖާއަކާ އެކު ފައިނަލް ނިންމާލުން ކަމަށެވެ.
"މިދިޔަ އަހަރު އެއީ ތަފާތު ތަޖުރިބާއެއް. މި ފަހަރު އަހަރެން ބޭނުމެއް ނޫން އެ ގޮތަށް ނިމޭކަށް. (ޖެހިޖެހިގެން ދެ ފައިނަލުން ބަލިވާން)،" ޓުޗެލް ބުންޏެވެ.
ޕީއެސްޖީގެ އިތުރުން މައިންޒާއި ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލްގެ ކޯޗު ކަމުގައި ޗެލްސީން ވަނީ މިރޭގެ ފައިނަލުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެންޗެސްޓާ ސިޓީ ދެ ފަހަރެއްގެ މަތިން ބަލިކޮށްފަ އެވެ. އެއީ އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި 1-0 އިންނާއި އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ ދަނޑުގައި ފަހަތުން އަރައި 2-1 އިން ޗެލްސީ މޮޅުވި މެޗެވެ.
ޓުޗެލް ބުނީ އެ މެޗުތަކުން ލިބޭނީ ހިތްވަރު ކަމަށާއި ކުރިމަތިލައިގެން މި އުޅެނީ ޔޫރަޕްގެ ބޮޑު ފައިނަލެއް ކުޅެން ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި އޭނާގެ ވާދަވެރިކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭތީ ވެސް ޓުޗެލް ވަނީ ޖަވާބު ދީފަ އެވެ.
"މިއީ ދެ ކްލަބެއްގެ ކުރިމަތިލުމެއް. ދެ ކޯޗުންގެ ވާދަވެރިކަމެއް ނޫން. އަހަރެން ގަބޫލުކުރާ ހިތް އޮތީ ޗެލްސީއާ އެކު އަހަންނަށް މިކަން ކުރެވިދާނެ ކަން،" ޓުޗެލް ބުންޏެވެ.
ޗެލްސީ ވަނީ މި ސީޒަނުގައި އެއް ފައިނަލުގައި ޓުޗެލްގެ ކޯޗުކަމުގައި ބަލިވެފަ އެވެ. އެއީ އެފްއޭ ކަޕް ފައިނަލުގައި ލެސްޓާ ސިޓީ އަތުން 1-0 އިންނެވެ. ޓުޗެލް ބުނީ އެ މެޗުން ލިބުނު ފިލާވަޅުތައް ވެސް ރަނގަޅު ކަމަށާއި ބޭނުންވަނީ ކުރެވިފައި ހުރި ރަނގަޅު ކަންތައްތައް ފޯކަސް ކޮށްގެން ޗެމްޕިއަންސް ލީގުގެ ފައިނަލުން މޮޅުވުން ކަމަށެވެ.
"މިއީ މި ފައިނަލާ ކުރިމަތިލާން ރަނގަޅު ވަގުތެއް. އަހަރެން މި ހުރީ މި ފައިނަަލަށް ނުކުންނަން ބަލާއިރު ރަނގަޅު ޓީމެއްގައި. އަހަރެން މި ކުޅުންތެރިންނަށް ކުރާ އިތުބާރު ދަނޑުމަތީގައި އެ ކުޅުންތެރިން ސާބިތުކޮށްދީފި. ބޭނުންވި ގޮތަށް ނޫން އެންމެ ފަހުން މެޗުތައް ދިޔައީ. އެކަމަކު އެ މާޔޫސްކަން މިހާރަކު ނެތް،" ޓުޗެލް ބުންޏެވެ.
ފައިނަލަށް ނުކުންނައިރު ޗެލްސީ އަށް އެއްވެސް އަނިޔާގެ މައްސަލައެއް ނެތެވެ. އެ ޓީމުގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ އާއި މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ވަނީ އަނިޔާއިން ރަނގަޅުވެ ޓީމާ ގުޅިފަ އެވެ.
މިއީ ޗެލްސީން 2012 ވަނަ އަހަރު އަލަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފަހުން އެ ޓީމު މި މުބާރާތުގެ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. ޗެލްސީން 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، ކޯޗަކަށް ހުރީ އެ ސީޒަނުގެ މެދުތެރެއިން ޓީމާ ހަވާލުވި އިޓަލީގެ ކޯޗު ރޮބާޓޯ ޑި މަޓެއޯ އެވެ.
ސިޓީން ފައިނަލުގެ ފުރުސަތު ހޯދީ މެޗަކުން ބަލިނުވެ އެވެ. އެ ޓީމަށް މޮޅެއް ނުލިބުނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޯޓޯއާ އެއްވަރުވި މެޗުންނެވެ. ޗެލްސީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ބަލިވީ ހަމައެކަނި ޕޯޓޯ އަތުން އެކަންޏެވެ. މިރޭގެ ފައިނަލް ކުޅޭނީ ޕޯޓޯގެ ސްޓޭޑިއަމް އެސްޓަޑިއޯ ޑްރަގާއޯގަ އެވެ. މެޗު ފަށާނީ ރާއްޖެ ގަނޑިން 00:00 ގަ އެވެ.












