ނިޔޯން (މެއި 29) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ފޯމެޓަށް ގެންނަން އުޅޭ ބަދަލުތަކުގެ ތެރެއިން އަވޭ ގޯލު ގަވާއިދު ދޫކޮށްލައި "ފައިނަލް 4" ފޯމެޓަށް ސެންޓްރަލައިޒްކޮށް މެޗުތައް ކުޅޭ ގޮތަށް ހަމަޖައްސަން މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި 1965-1966 އިން ފެށިގެން އަމަލުކުރަމުން އަންނަ އަވޭ ގޯލު (ރަށުންބޭރުގައި ޖަހާ ގޯލު) ގަވާއިދު ދޫކޮށްލަން ޔުއެފާގެ ކޮމްޕެޓިޝަން ކޮމިޓީ (މުބާރާތްތަކުގެ ކޮމިޓީ) އިން ނިންމައި މިހާރު އެގްޒެކްޓިވް ކޮމިޓީން އެ ކަން ފާސްކުރަން ހުށަހަޅާފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ ދި ޓައިމްސް ނޫހުންނެވެ.
މިހާރު އޮތްގޮތުން ޗެމްޕިއަންސް ލިގުގެ ނޮކައުޓް ބުރުގައި ރަށުންބޭރުގައި ޖަހާ ގޯލު ގުނާނީ އުސޫލެއްގެ ގޮތުން ދެ ގޯލުގެ ބުރަދަނުގަ އެވެ. ގިނަ މެޗުތަކުގެ ނަތީޖާ ކަނޑައަޅަން ޖެހެނީ ވެސް އެގްރިގޭޓް އެއްވަރުވާއިރު އަވޭ ގޯލުންނެވެ. އާ ގަވާއިދު ޔުއެފާ އެގްޒެކްޓިވް ކޮމިޓީން ފާސްކޮށްފިނަަމަ އޭގެއާ އެއްގޮތަށް އަމަލުކުރަން ފަށާނީ 2024 އިން ފެށިގެންނެވެ.
ޔުއެފާ އިން "ފައިނަލް 4" ފޯމެޓްގެ ވާހަކަ ބޮޑަށް ދައްކަން ފެށީ މިދިޔަ އަހަރުގެ ފަހުންނެވެ. ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރު ކޮށްގެން މެޗުތައް ކުޅެވޭނެ ގޮތެއް ނެތުމުން ޔުއެފާ އިން ވަނީ މިިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުން ފެށިގެން އެއް ގައުމެއްގައި ކުޅެފަ އެވެ. އެއީ ދެ ލެގު އުސޫލު ދޫކޮށްލައި މިިނީ ޓޯނަމެންޓެއްގެ ގޮތުގަ އެވެ.
އެ ގޮތަށް ކުޅުނުއިރު މުބާރާތުގެ ފޯރިގަދަވެފައިވާ ކަމަށް ޔުއެފާގެ އޮފިޝަލުންނާއި ފުޓްބޯޅަ ކޯޗުން ވަނީ ބުނެފަ އެވެ.
ޔުއެފާ އިން މިހާރު މަޝްވަރާ ކުރަމުން އަންނަނީ ކުއާޓާ ފައިނަލުގެ ބަދަލުގައި ސެމީން ފެށިގެން އެއް ލެގަށް ބަދަލުކޮށް ދެ ސެމީ ފައިނަލާއި ފައިނަލް މެޗު އެއް ދަނޑެއްގައި ކުޅޭ ގޮތަށް "ފައިނަލް 4" ފޯމެޓަށް ކުޅުމަށެވެ. އަދި މެޗުތައް ކުޅޭނީ އެއް ހަފްތާގެ މުއްދަތަށް ބަހާލައިގެން ކަމަށް ވެސް ޔުއެފާ އިން މަޝްވަރާކޮށްފައިވެ އެވެ.
ފްރާންސްގެ ލެކިއުޕޭ ނޫހަށް ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ ވެސް "ފައިނަލް 4" ފޯމެޓަށް ތާއީދުކުރާ ކަމަށެވެ.
"އަހަރެން ތާއީދުކުރަން ފައިނަލް 4 ފޯމެޓަށް. އެއީ އާމްދަނީ އާއި ސަޕޯޓަރުންގެ ވިސްނުމަށް ބަލާއިރު ވެސް ރަނގަޅު ބަދަލަކަށް ވާނެ. އެކަމަކު މިއީ އަދި އަހަރެންގެ އަމިއްލަ ވިސްނުމުން ނިމޭނެ ކަމެއް ނޫން. މީގެ ވަރަށް ގިނަ ބަޔެއްގެ ވިސްނުމާއި ތާއީދު ވެސް ބޭނުންވާނެ،" ކެފެރިން ވިދާޅުވި އެވެ.
ޔުއެފާ އިން ގެންނަން ބޭނުންވާ ބަދަލުތަކާ މެދު މިރޭ ކުޅޭ ޗެމްޕިއަންސް ލީގުގެ މި ސީޒަނުގެ ފައިނަލްގެ ކުރިން މަޝްވަރާކުރާނެ އެވެ. އަދި އަވޭ ގޯލު ގަވާއިދާ މެދު އަމަލުކުރުން އަވަސް ކުރަން ބޭނުންނަމަ އެ ކަން ވެސް މިރޭގެ ބައްދަލުވުން ނިމިގެންދާނެ ކަމަށް ޓައިމްސް އިން ރިޕޯޓްކޮށްފައިވެ އެވެ.
މިރޭ ޕޯޗުގަލްގެ އެސްޓަޑިއޯ ޑްރަގާއޯ ސްޓޭޑިއަމްގައި ކުޅޭ ފައިނަލުގައި ބައްދަލުކުރާނީ ޗެލްސީ އާއި މެންޗެސްޓާ ސިޓީ އެވެ.












