އަތޮޅުތަކުގެ ކޮވިޑުގެ ހާލަތު ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންގެވުމަށް ބޭފުޅުންތަކެއް ހަމަޖައްސައިފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ރައީސްގެ ފަރާތްޕުޅުން އަތޮޅުތަކަށް އިސް ފަރާތްތަކެއް ކަނޑައެޅީ ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާ ކުރަން ކަމަށެވެ. އަތޮޅުތަކަށް ހަމަޖެއްސީ މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގެ ބޭފުޅުންނެވެ.
މި ބޭފުޅުން މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ އަތޮޅުތަކުގެ ޓާސްކްފޯސްތަކާ ގުޅިގެންނެވެ. މި ބޭފުޅުންގެ ޒިންމާއަކީ އަތޮޅުތަކުގެ ހާލަތު ބެލުމާއި ދަތިވާ ކަންކަމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަނާ އެކު މަޝްވަރާކޮށް ހައްލު ހޯދުމެވެ.
ރާއްޖޭގައި 70 އަށް ވުރެން ގިނަ ރަށުގައި ވަނީ ކޮވިޑް ފެތުރިފަ އެވެ. މި ބަލީގައި އެންމެ ހާލަތު ގޯހީ މާލޭގަ އެވެ. ބައްޔަށް ޕޮޒިޓިވްވެ ފަރުވާދެމުންދާ މީހުންގެ ތެރެއިން މި މަހުގެ ތެރޭގައި ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ.
ކޮވިޑަށް މި މަހު އެކަނި ވެސް 28،600 މީހުން ޕޮޒިޓިވްވެ 80 އަށް ވުރެން ގިނަ މީހުން މަރުވެފައިވެ އެވެ. މިއީ ރާއްޖޭގައި ކޮވިޑު ފެތުރެން ފެށިފަހުން އެންމެ ގިނަ ބަޔަކު މަރުވި މަހެވެ. ބަލި މީހުން ގިނަވެ، ސިއްހީ ހިދުމަތްތެރިންނަށް ވަނީ ބުރަބޮޑުވެފަ އެވެ.

ކޮވިޑުގެ ހާލަތު ކޮންޓްރޯލްކުރެވިފައި ވަނިކޮށް، ގިނަ ބަޔަކު ބައްޔަށް ހުށަހެޅުނީ އެޕްރީލް މަހުގެ ތެރޭގައި ދެވުނު ލުއިތަކުގެ ސަބަބުން ކަމަށް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. އެކަން ރަނގަޅުކޮށް، ހާލަތު ގޯސްވިޔަ ނުދީ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދެއްވައިފަ އެވެ.












