މާލޭގެ ހިމޭން މަގުތައް ފޮޓޯ ނަގަން ހުރި "އަދަދު"ގެ ފޮޓޯގްރާފަރު ހުސެއިން ވަހީދުގެ ކެމެރާގެ ލެންސުގައި ރޭ އަޅައިގަތީ މަތީގައި އެވާ ފޮޓޯ އެވެ؛ ކޮވިޑް ކަވަރޭޖުގައި، ބުރަ ދުވަހެއްގެ ވަރުބަލިކަމާ އެކު މަސައްކަތް ނިންމާލައި ގެއަށް ވަންނަ ހިތުން ހުއްޓައި ފެނުނު އެ މަންޒަރުން ހިތްހަމަޖެހުމެއް ލިބުނީ އެވެ. ސިފައިންގެ ދެ މީހަކު ބޮޑުތަކުރުފާނު މަގުން ސައިކަލެއްގައި ދިޔައީ ގިޓައެއް ހިފައިގެންނެވެ.
އެ މަންޒަރު އެހާ އާއްމެއް ނޫނެވެ؛ އެހެންވެ، ހުސެއިންގެ ކެމެރާގައި އެ މަންޒަރު ރައްކާކުރީ، ސަޅި ފޮޓޯއަކުން އޭނާއަށް ލިބުނު ހިތްހަމަޖެހުމާ ވެސް އެކުގަ އެވެ. އެ މަންޒަރަށް ފަހު ސިފައިންގެ ހިތްގައިމު ލަވައެއް އަޑުއަހާލަން ލިބިދާނޭ ކަމަށް އޭރު އޭނާއަށް އުއްމީދު ކުރެވިފައެއް ނުވެ އެވެ. މިކަން މިހެން ހިނގާފައި ވަނިކޮށް، ވައިރަލްވާން ފެށީ ސިފައިންގެ މަރުކަޒެއްގެ ތެރޭގައި ކަރޯކޭ ޖައްސާ ވީޑިއޯ އެކެވެ.
"ގިޓާ ގެންދިޔައީ މިތަނަށް ކަމަށް ވާނީ،" ހުސެއިންއާ ދިމާކޮށްލަން ނޫސްވެރިއަކު ގްރޫޕްގައި ލިއުނެވެ.
އެންމެންގެ ސަމާލުކަމަށް އައި އެ ވީޑިއޯ އިން ފެންނަނީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދު ހިންދީ އިހުގެ ލަވައަކަށް ކަރޯކޭ ޖައްސާ ތަނެވެ.
ދިވެހިންނަކީ ލަވައާ މިއުޒިކަށް ލޯބި ކުރާ ބަޔަކަށް ވާއިރު، ސިފައިންގެ ކޮޕްސް ބޭންޑަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވެސް ރީތީ ރާގުތައް ކުޅެ، ގިނަ ޝޯތަކެއް ދީފައިވާ ބޭންޑެކެވެ. ގައުމީ ލަވަ އާއި ލޯބީގެ ލަވަ ވެސް އެ ބޭންޑުން އުފެއްދި އެވެ. ފަހުން އެ ބޭންޑުގެ މޫނުމަތިކަމަށް ވި އަހުމަދު އާތިފްމެން ފަދަ ބޭފުޅުންގެ ހުނަރުވެރިކަން އެ ފެނިގެން ދިޔައީ އެ ބޭންޑުންނެވެ.

މިޔުޒިކާ އެކު، ތަމްސީލާއި ޑްރާމާ އާއި ކޮމެޑީ ޝޯތަކުން ވެސް ސިފައިން އާންމުންނާ ގާތަށް ދިޔަ އެވެ. ސިފައިންގެ ޑްރާމާއެއްގައި އާތިފް ކިޔާލި "ދޭނަން ހިތާ ޖާނާ،" ލަވައަކީ އަދިވެސް ޕްލޭ ލިސްޓްގައި އެންމެ ކުރިން ޖާގަ ހޯދާ ލަވައެކެވެ.
ސިފައިންގެ މިޔުޒިކީ ކަމެއްގެ ހިލަމެއް ނުވާތާ ގިނަ ދުވަސްތަކަކަށްފަހު ރޭގައި އެންމެންގެ ސަމާލުކަމަށް އައީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދު ހިންދީ އިހުގެ ލަވައަކަށް ކަރޯކޭ ޖައްސާ ވީޑިއޯކޮޅަކަށެވެ.
ސަމްޕޫރަމް ސިން ކާލްރާ ނުވަތަ މަޝްހޫރު ނަމުން ނަމަ، ގުލްޒާރު ސާހިބްގެ ގަލަމުން 1980 ވަނަ އަހަރު ލިޔުއްވި 'މުޖޭ ޗޫރަހީހޭ' ލަވައަކީ އެ އަހަރު ހިޓް ފިލްމް 'ސުވޭމްވަރު' އަށް އޭނާ ހެއްދެވި ޅެމެކެވެ. ލަވަ ކިޔާފައިވަނީ އެފަދަ ދެވަނަ އެއް ނެތް މުހައްމަދު ރަފީ އަދި ލަތާ މަންގޭޝްކަރުގެ އަޑުންނެވެ. އެ ލަވައަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ ޝަޝީ ކަޕޫރާއި މޯޝަމީ ޗެތަޖީ ގެ އެކްޓިން އެވެ.
ޔުނީފޯމުގައި ތިއްބަވައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ލަވަ ވިދާޅުވަމުން ގެންދެވުމުން މިއީ ޑިއުޓީ ބްރޭކެއްގައި ކުރިއަށް ގެންދިޔަ ކަމެއްކަން ސާފުވެ އެވެ.
މި ވީޑިއޯ އާންމުވުމާ އެކު މިކަމުގައި ދިވެހި ޓުވީޕުން ބަސް އިއްވަން ފެއްޓި އެވެ. ބައެއް މީހުންނަށް މިކަންވީ ގޯހަކަށެވެ.
އެއް ބަޔަކު ދެކުނު ގޮތުގައި، ބޮޑު ހަމަލާއެއްގެ ތަހުގީގު ކުރިއަށްދާ، ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ސިފައިންގެ އިސް ބޭފުޅުންގެ ފަރާތުން ފެނުން މިއީ ރަނގަޅު މަންޒަރެއް ނޫނެވެ. އަދި، ސިފައިންގެ ޒިންމާ އެންމެ ފުރިހަމައަށް މި ހާލަތުގައި އަދާކުރަމުން ނުދާ ކަމުގެ ޝަކުވާ މި މަންޒަރާ ގުޅުވި އެވެ.
އެކަމަކު، އެއީ މަދު ބައެއްގެ ހިޔާލެވެ. ހައިލެވެލްގެ އެލާޓްގައި ސިފައިން ބަންދުވެ، ހާސްކަމެއްގެ ތެރޭގައި އުޅޭއިރު ހުސްވަގުތެއް ހޯދާލައި މުނފޫހިފިލުވާލައި، ބޯ ހަމަޖައްސާލަން ޖެހޭކަމަށް ދެކުނު މީހުން މާ ގިނަ އެވެ. އާންމު ސިފައިންގެ މީހުންނާއެކު، ސިފައިންގެ ވެރިން މިގޮތަށް ބައިވެރިވުމަކީ ގުޅުން ބަދަހިވާނެ ކަމެއްގެ ގޮތުގައި މީހުން ސިފަ ކުރި އެވެ.
ޗީފް އެ ވިދާޅުވާ ލަވައިގެ މައިގަނޑުގައި ބުނެފައި އެ އޮންނަނީ "ކަލާގެ ހޫނު ނޭވާ އަހަރެންނަށް އިހުސާސުވަމުންދޭ' ކަމަށާއި، 'އެ ނޭވާގެ ވަހުން އަހަރެންގެ ރޭގަނޑާއި ދުވާލު ވެސް މީރުވަހުން ފުރާލައިފި' ކަމަށެވެ. ލަވައަކީ ލަތާ-ރަފީ ކޮމްބިނޭޝަންގެ އެހެން ގިނަ ލަވަތަކެކޭ އެއްގޮތަށް ޅެންވެރިކަމުގެ ފޭރާން ހެޔޮ ޅެމެކެވެ.
ސިފައިންގެ ތަރުޖަމާނު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވި ގޮތުގައި، ސިފައިން އެލާޓްތަކުގައި ހެޑް ކުއާޓާތަކުގެ ތެރޭގައި ތިބޭއިރު ހުސްވަގުތު ތަކުގައި ކަރޯކޭތައް ބާއްވާ ހަދަ އެވެ. އެހެން ބާއްވާ ކަންކަމުގައި އަސްކަރިއްޔާގެ ސީނިއާ އޮފިޝަލުން ވެސް ވަގުތު ލިބޭ ވަރަކުން ބައިވެރިވުމަކީ ސިފައިންގެ ތެރޭގައި ޒަމާނުންސުރެ އޮންނަ ކަމެއް ކަމަށް އާޒިމް ވިދާޅުވި އެވެ.
ސިފައިންގެ ކޮޕްސް ބޭންޑްގެ ކުރީގެ އިސް ގިޓަރިސްޓް، ޗީފް ޝަމާލަކީ އަބަދުވެސް މިއުޒިކީ ބޭފުޅެކެވެ. ސްޓޭޖް ޝޯތަކުގައި ވެސް ވަރަށް ގިނައިން މިއުޒިކް ކުޅުއްވާ ލަވަ ވިދާޅުވެފައިވެ އެވެ. އޭނާގެ ލަވަ ކިޔުމަށް ގިނަ ބައެއްގެ ސަމާލުކަން އޭރުންސުރެ ވަނީ ހޯދައިފަ އެވެ.
ޝަމާލުގެ އަޑު ދަށުން ލަވަކިޔައި ޓްވީޓްކުރުން މިހާރު ވަނީ ޓްރެންޑަކަށްވެފަ އެވެ. އޭނާއަށް ޗެލެންޖުކޮށް ވެސް ވީޑިއޯތައް އަޕްލޯޑްކުރަނީ އެވެ.
"ގައުމަށް ދިމާވާ ކުޑަބޮޑު ކޮންމެ ކަމެއްގައި، އެންމެ ބުރަ މަސައްކަތް ކުރި އެއްބަޔަކީ ސިފައިންނާއި ފުލުހުން. ކޮވިޑުން ސަލާމަތްވުމަށް ވެސް އެ ބޭފުޅުން އެވަނީ ބޮޑު ގުރުބާނީއެއް. ބޯހަމަޖައްސާލަން މަޖާކޮށް ސަކަރާތް ޖަހާލުން މުހިއްމު. ޗީފްގެ ލަވަ ވެސް ހަމަ ސަޅި،" ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެފައިވެ އެވެ.
"އެމްއެންޑީއެފްގެ އޮފިސަރުން އެ ބޭފުޅުންގެ އޮފް ގަޑީގައި ލަވަ ކިޔުމަކީ އަޅުގަނޑަށް މައްސަލައެއް ނޫން، އަސްލު ރަނގަޅު ކަމެއް،" އެލެކްސް އަހުމަދުގެ ނަމުގައި ހިންގާ އެކައުންޓަކުން ބުންޏެވެ.
ކޮވިޑާއެކު އެންމެން ވެސް މިތިބީ ބަންދުވެ، ނަފުސާނީ ދުޅަހެޔޮ ކަމަށް އަމިއްލައަށް މަސައްކަތްތައް ކުރަން ޖެހޭ ހާލަތުގަ އެވެ. ހާއްސަކޮށް މި އުނދަގޫ ހާލަތުގައި ފްރޮންޓްލައިންގައި މަސައްކަތް ކުރަން މަޖުބޫރުވެ، ހިތްދަތި، އުނދަގޫ އެތައް މަންޒަރެއް ފެންނަ މީހުންނަށް މި ނަފްސާނީ ދުޅަހެޔޮކަން މުހިންމެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް އިރުޝާދު ދެއްވާ ބޭފުޅުން ވެސް ވިދާޅުވާ ގޮތުގައި، މިފަދަ ހާލަތެއްގައި އެމީހަކަށް ހިތްހަމަޖެހުން ގެނެސްދޭ ކަމެއް ކޮށްލުން ވަރަށް މުހިންމެވެ. އެއީ، ކޮވިޑާއެކު އަންނަ ހާސްކަމާއި އެންޒައިޓީން ވެސް ދުރުކޮށްދޭ ކަމެއް ކަމަށެވެ.
ޝަމާލް ލަވަ ކިޔާ މަންޒަރަށް ފާޑުކިޔާފައި ތިބި މީހުންނަށް ރައްދެއްގެ ގޮތުން "ކޮބާތަ މައްސަލައަކީ" ލިޔެ ގިނަ ބަޔަކަށް ޓުވީޓްކުރެވުނީ، މައްސަލައަކަށް ނުވާ ކަންކަން ވެސް ޓުވިޓާގައި މައްސަލައަކަށް ހަދައި ޒާތީވުން އާއްމުކަމަށް ހަދާފައިވާތީ ކަމަށް ވެދާނެ އެވެ.
"ހިންދީ ލަވަ ކިޔުން އޯކޭ. މައްސަލައަކީ ހިލަމެއް ނުވާތީ ދޯ؟!" ސިފައިންގެ ލަވައާ ގުޅޭ ގޮތުން ޓުވިޓާގައި އައިޝާ އީމާންގެ ހިޔާލަކީ މިއީ އެވެ.
ޝަމާލް ލަވައެއް ކިޔާލުން އޭނާއަކަށް މައްސަލައެއް ނޫނެވެ؛ ރުޅި އަންނަންވީ ލަވައެއް ކިޔައިގެން ނޫނެވެ.
ފޮޓޯ ގްރާފަރު ހުސެއިންގެ ޒިންމާއަކީ ފޮޓޯ ނެގުމެވެ؛ އެކަމުގައި، އޭނާގެ ފަރުވާކުޑަވުމެއް ނެތް ކަން ދަންވަންދެން މަސައްކަތުގައި އުޅެފައި ނެގި ފޮޓޯއިން ފެނެ އެވެ. ސޯޝަލްމީޑިއާއަށް ދޫކޮށްލައި އެ މަންޒަރު ފެނުމުން އޭނާއަށް ލިބުނު ހިތްހަމަޖެހުން ހިއްސާކުރަން ބޭނުން ނުވީ، މުޅިން ވެސް "ފާޑުކިޔާ ހޮޅުއައްޓަކަށް" ޓުވިޓާ ވެފައި އޮތުމުންނެވެ. އޭނާއަށް ލިބުނު ހިތްހަމަޖެހުން ހިއްސާކޮށްގެން ފާޑުކިއުއްވަން ބޭނުން ނުވީ އެވެ.












