މެޑްރިޑް (މެއި 27) - ރެއާލް މެޑްރިޑްގެ ކޯޗުކަން ދޫކޮށްލަން ނިންމައި ޒިނެދިން ޒިދާން އެކަން އެ ކްލަބްގެ ވެރިންނަށް އަންގާފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސްޕެއިނުގެ ނަން މަޝްހޫރު ގިނަ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ޒިދާން ވަނީ މިއަދުގެ ވަގުތެއްގައި އޭނާ އެ ޓީމުގެ ކޯޗަކަށް ދެމިހުންނަށް ބޭނުންނުވާކަން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށް ރަސްމީކޮށް އަންގައިފަ އެވެ.
މީގެ ކުރިން ވެސް މި ސީޒަނަށް ފަހު ޒިދާން ރެއާލް ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ. އެ ގޮތުން ގޯލް.ކޮމް އިން ރިޕޯޓްކުރި ގޮތުގައި ޒިދާން ވަނީ ސެވިއްޔާ އާއި ރެއާލް އެއްވަރުވި މެޗުގައި މި ސީޒަނަށް ފަހު ދެން އޭނާ ރެއާލްގެ ކޯޗުގެ މަގާމުން ނުފެންނާނެ ކަމަށް ކުޅުންތެރިން ގާތުގައި ބުނެފަ އެވެ.
އެކަމަކު ޒިދާން ފަހުން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. ބެލެވޭ ގޮތުގައި ޒިދާން އޭރު އެ ވާހަކަ ދައްކަން ބޭނުންނުވީ ރެއާލުން ލީގަށް ވާދަކުރަމުންދާތީ އެވެ. ޒިދާން ވަނީ ލީގުގެ ފަހު މެޗުގައި ވިޔަރެއާލާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ރެއާލް ދޫކޮށްލަން އުޅޭ ކަމުގެ އިޝާރާތެއް ދީފަ އެވެ. ޒިދާން ބުނީ އޭނާ ނުލައި ރެއާލުން ރަނގަޅަށް ކުޅެފާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ރެއާލަށް ލީގު ގެއްލުނީ ފަހު މެޗުގަ އެވެ. މި ފަހަރު ޒިދާން ރެއާލް ދޫކޮށްލަން ޖެހުނީ 2011 ގެ ފަހުން ރެއާލް ފުރަތަމަ ފަހަރަށް ހުސްއަތާ ސީޒަނެއް ނިންމާލަން ޖެހުނު ފަހަރު އެވެ. ޒިދާން އެންމެ ފުރަތަމަ ރެއާލް ކޯޗުކަމުން ވަކިވީ 2018 ވަނަ އަހަރު ޖެހިޖެހިގެން ތިން އަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ހޯދައިދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.
ޒިދާން އަލުން ރެއާލާ ހަވާލުވީ 2019 ވަނަ އަހަރު މާޗް މަހުގަ އެވެ. އެއީ މަގާމު ދޫކޮށްލިތާ އަހަރެއް ވެސް ނުވަނީހެވެ. އާ ކޯޗެއް ހޯދަން ރެއާލުން ކުރާ މަސައްކަތުގައި އެ ޓީމުން ވާހަކަ ދައްކާނެ ކަމަށް ބެލެވޭ ދެ ކޯޗުންނަކީ މިރޭ އިންޓަ މިލާނުން ވަކިވި ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި ޔުވެންޓަސް އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު މެސިމޯ އަލެގްރީ އެވެ.
ފްރާންސްގެ ބައެއް ނޫސްތަކުން މީގެ ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރެއާލްގެ ދޫކޮށްލަން ޒިދާން ނިންމަން ބޭނުންވާ އެއް ސަބަބަކީ ޔުއެފާއާ ދެކޮޅަށް ޔޫރަޕިއަން ސުޕަ ލީގު އުފައްދަން ކުރާ މަސައްކަތުގައި ރެއާލް ދެމި އޮންނަން ނިންމާތީ އެވެ. އެމެރިކާ އިންވެސްޓަރުންނާ ގުޅިގެން ޗެމްޕިއަންސް ލީގުގެ ބަދަލުގައި ޔޫރަޕްގެ ނަން މަޝްހޫރު ޓީމުތައް ބައިވެރިވާ މުބާރާތެއްގެ ގޮތުގައި ކުޅެން ރާވާ ސުޕަ ލީގުގެ ޗެއާމަނަކީ ރެއާލްގެ ރައީސް ޕެރޭޒް އެވެ.
އެ ލީގުގައި ފުރަތަމަ 12 ކްލަބެއް އޮތް ނަމަވެސް ޔުއެފާގެ އިންޒާރުތަކާއި ސަޕޯޓަރުންގެ ޕްރެޝަރާ ހެދި ނުވަ ކްލަބް ވަނީ ވަކިވެފަ އެވެ. ރެއާލްގެ އިތުރުން މި ވަގުތު އެ ލީގުގައި އޮތީ ޔުވެންޓަސް އާއި ބާސެލޯނާ އެވެ. މި ތިން ކްލަބާ މެދު ޔުއެފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަރަށް އަވަހަށް ފިޔަވަޅެއް އަޅާނެ އެވެ. އެއީ ސުޕަ ލީގުން ވަކިވާން ޔުއެފާ އިން އެންގި އެންގުމަށް ބޯނުލަނބައި ފާޅުކަން ބޮޑު ގޮތެއްގައި ސުޕަ ލީގު ދިފާއުކޮށް އެ ކްލަބްތަކުން ވާހަކަ ދައްކާތީ އެވެ.












