ރާއްޖޭގައި ކޮވިޑުގެ ހާލަތު ކޮންޓްރޯލުން ނެއްޓި ދުވާލަކު އެތައް ބަޔަކު މަރުވަމުންދާތީ މިއަދުން ފެށިގެން ތަންފީޒުކުރަން ފެށި ފިޔަވަޅުތަކަށް ފުރިހަމައަށް ތަބާވެއްޖެ ނަމަ ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނަމްބަރުތައް ދަށްވާން ފަށާނެ ކަމަށް ޑރ. ނަޒްލާ މުސްތަފާ ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ނިންމާ، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގު)ގައި ހިމެނިވަޑައިގަންނަވާ ނަޒްލާ ވިދާޅުވީ ރާއްޖޭގެ ހާލަތު މިއޮތީ ވަރަށް ގޯސް ހިސާބެއްގައި ކަމަށެވެ. މި ބަލީގައި ލަފާ ދެއްވާ، ޑރ. ޝިނާ މޫސާގެ ޕްރޮޖެކްޝަންތަކުން އެކަން ފެންނަން އެބައޮތް ކަމަށް ވިދާޅުވި އެވެ.
ހުއްދަ ނެތި ގެއިން ބޭރަށް ނުނިކުމެވޭ ގޮތަށް މާލެ މިއަދު ބަންދުކޮށްލީ އެ ޕްރޮޖެކްޝަންސްތަކަށް ބަލައި ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށެވެ.

"މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކު ދެ ހަފުތާ ތެރޭގައި ނަމްބަރުތައް ދަށްކުރެވޭނެ،" ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނަމްބަރުތައް ދަށްވިޔަސް މީހުން މަރުވާ ނިސްބަތް ދަށްވާން ފަށާނީ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. އެއީ، މިހާރު ގިނަ ބަޔަކަށް ބަލި ފެތުރިފައިވާ އިރު އޭގެތެރޭގައި ބަލީގައި ބޮޑުވަރުވާ މީހުން ތިބޭނެތީ ކަމަށް ވިދާޅުވި އެވެ.
ކޮވިޑުގައި މީހުން މަރުވާ އަދަދު ދަށްކުރެވޭނީ ވީހާވެސް ރަނގަޅަކަށް ފިޔަވަޅުތަކަށް ތަބާވެގެން ކަން ނަޒްލާ ތަކުރާރުކޮށް ހަނދާކޮށްދިނެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ. -- ފޮޓޯ/ ރައީސް އޮފީސް
ޑރ. ޝީނާ މި މަ މަހުގެ ކުރީކޮޅު ހެއްދެވި ޕްރޮޖެކްޝަންސްގައިވާ ގޮތުގައި، ފިޔަވަޅުތައް ދޫކޮށްލާފައި ބާއްވައިފި ނަމަ ދުވާލަކު ބަލިޖެހޭ އަދަދު 7000 އަށް އަރާނެ އެވެ.
"އެންމެ ޕީކް ދުވަހު 7،000 މީހުން ޕޮޒިޓިވްވާނެ ކަމަށް. މިނިމަލް ރެސްޓްރިކްޝަނެއް ނަގަންޏާ 6،000 މީހުން. ކުރިން ނެގި ވަރުގެ މޮޑަރޭޓް ރެސްޓްރިކްޝަނެއް ނަގަންޏާ، ވާސްޓް ކޭސް ސިނާރިއޯގައި ގާތްގަނޑަކަށް 3،000 މީހުން، އެންމެ ޕީކްގައި ޕޮޒިޓިވްވާނެ،" ނަޒްލާ ވިދާޅުވި އެވެ.
އެޗްޕީއޭ އިން ލަފާކުރަނީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ދުވާލަކު ޕޮޒިޓިވްވާ އަދަދު 500 އަށް ވުރެން ދަށްކުރެވޭނެ ކަމަށެވެ.
ކޮވިޑުގެ ހަތަރު ވަނަ ރާޅަކާ އެކު ރާއްޖޭގައި މި ބަލި ކޮންޓްރޯލުން ނެއްޓުނީ އެޕްރީލް މަހުގެ ތެރޭގައި ދިން ލުއިތަކުގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވަނީ ވިދާޅުވެފަ އެވެ. މިއާ އެކު ބަލީގެ ހާލަތު ގޯސްވެ މި މަަސްވީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި މަހަށެވެ.
ކޮވިޑަށް މި މަހު އެކަނި 28،600 މީހުން ޕޮޒިޓިވްވެ 71 މީހަކު މަރުވެފައިވެ އެވެ.













