ރާއްޖޭގައި ރެކޯޑް މިންވަރަކަށް ކޮވިޑް ފެތުރެމުން ދާތީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ސަރުކާރުން ވަރުގަަދަކުރުމާ އެކު މާދަމައިން ފެށިގެން މި ބަލި ފެތުރޭ ރަށްރަށުގައި ކާފިއު ހިންގާ، ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނުކުތުން މަނާވާނެ އެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން އިކޮނޮމިކް މިނިސްޓްރީން ވަނީ ވިޔަފާރިތަކުން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސް މަސައްކަތަށް ނުކުމެވޭ މުވައްޒަފުންގެ އަދަދުތައް ލިމިޓުކޮށްފަ އެވެ. ތިރީގައި މިވަނީ އިކޮނޮމިކް މިނިސްޓްރީން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ވިޔަފާރިތަކުން ސަމާލުވާންވީ ކަންކަމެވެ.
މުދާ ވިއްކާ ތަންތަން
މުދާ ވިއްކާ ތަންތަނުން ކާފިއު ނޫން ވަގުތުތަކުގައި ހުއްދަ ހޯދައިގެން އާންމުންނަށް ހުޅުވާލައިގެން ހިދުމަތް ދެވެނޭ އެވެ. އެއީ ހެނދުނު 8:00 އިން ހެނދުނު 8.00 އިން ހަވީރު 4.00 އަށެވެ.
މި ނޫން ގަޑިތަކުގައި ހެނދުނު 6.00 އިން މެންދަމު 12.00 އަށް ވިޔަފާރިތަކަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ އެވެ. ފިހާރަތަކުން ހުއްދައަށް އެދޭނީ ޕާމިޓްތައް ދޫކުރަން ހާއްސަ ޕޮލިސް ޕޯޓަލް އިންނެވެ.
ކޮންމެ ފިހާރައަކުން 2 ސަޕޯޓް ސްޓާފް އަދި 2 ޑެލިވަރީ ސްޓާފުންނަށް ހުއްދަ ލިބޭނެ އެވެ. އަދި ޑެލިވަރީ ވެހިކަލްއަށާއި މުވައްޒަފުންނަށް 13 ފެބްރުއަރީގެ ފަހުން ދޫކޮށްފައިވާ ހުއްދަތަށް ބޭނުން ކުރެވޭނެ އެވެ.

ފިހާރަތަކަށް ހެނދުނު 6:00 އިން މެންދަމު 12:00 އަށް ޑެލިވަރީ ހިދުމަތް ދެވޭނެ
އިތުރު މުވައްޒަފުން ބޭނުންވާ ނަމަ އިކޮނޮމިކް މިނިސްޓްރީގައި އެދިގެން މުވައްޒަފުންނަށް ހުއްދަ ލިބެ އެވެ. މިނިސްޓްރީން ބުނީ މި ހުއްދަތައް ދޫކުރާނީ އިތުރަށް ދިރާސާކުރުމަށް ފަހު ކަމަށެވެ. ނަމަވެސް، އެހެންވެސް ގިނަވެގެން ހުއްދަ ލިބެނީ 20 މުވައްޒަފުންނަށެވެ. އަދި އެ މުވައްޒަފުން ޑިއުޓީއަށް ނެރެން ޖެހެނީ ދެ ޝިފްޓަކަށް ބަހާލައިގެން ޝިފްޓަކު ދިހަ މުވައްޒަފުންނެވެ.
ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަން
ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓުތަކުން އާންމުންނަށް ހުޅުވާލައިގެން ހިދުމަތެއް ނުދެވޭނެ އެވެ. އެކަމަކު ކާފިއު ނޫން ވަގުތު ޓޭކްއަވޭ ހިދުމަތް ދެވޭނެ އެވެ. އަދި ހެނދުނު ހެނދުނު 6.00 އިން މެންދަމު 12.00 އަށް ހުއްދަ ހޯދައިގެން ޑެލިވަރީ ކުރެވޭނެ އެވެ.
ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަނުން ވެސް ޕާމިޓަށް އެދެން ޖެހެނީ ޕޮލިސް ޕޯޓަލް އިންނެވެ. ކުރިން ނަގާފައި ހުރި ފާސްތަކެއް ބޭނުމެއް ނުކުރެވޭނެ އެވެ. މިފަދަ ވިޔަފާރިތަކުން ހުއްދަ ލިބެނޭ 4 ސަޕޯޓް ސްޓާފް އަދި 2 ޑެލިވަރީ ސްޓާފުންނަށެވެ. އަދި ޑެލިވަރީ ވެހިކަލްއަށާއި މުވައްޒަފުންނަށް 13 ފެބްރުއަރީގެ ފަހުން ދޫކޮށްފައިވާ ހުއްދަތަށް ބޭނުން ކުރެވޭނެ އެވެ.

ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓުތަކުން ހުޅުވާލައިގެން ހިދުމަތް ދިނުން އަދިވެސް މަނާ، އެކަމަކު ކާފިއު ނޫން ގަޑީގައި ޓޭކްއަވޭ ހިދުމަތް ދެވޭނެ
އިތުރު މުވައްޒަފުން ބޭނުން ނަމަ އިކޮނޮމިކް މިނިސްޓްރީގައި އެދުމުން، މިނިސްޓްރީން ބަލަންޖެހޭ ކަންކަން ބެލުމަށް ހުއްދަ ދޫކުރާނެ އެވެ. އެކަމަކު ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓުތަކަށް ވެސް ހުއްދަ ދޫކުރަނީ ދެ ޝިފްޓަކަށް ދިހަ މުވައްޒަފުން ހިމެނޭ ގޮތަށް ގިނަވެގެން 20 މުވައްޒަފުންނަށެވެ.
ވިޔަފާރިތަކުން އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުއްދައަށް އެދުން
މުވައްޒަފުން ނެރެގެން މަސައްކަތްކުރަން ވިޔަފާރިތަަކަށް ހުއްދަ ދޫކުރަނީ އެ ވިޔަފާރިތަކުން ކޮންމެހެން މަސައްކަތެއް ކުރަންޖެހޭ ނަމަ އެވެ. އެކަމަކު އިކޮނޮމިކް މިނިސްޓްރީން މި ހުއްދަ ދޫކުރަނީ އެ މުވައްޒަފެއްގެ ނަމާއި ކުރަންޖެހޭ މަސައްކަތް އެންގީމަ އެވެ. މިކަމަށް އެދި ވިޔަފާރިތަކުން މެއިލް ކުރަން ޖެހެނީ permit@trade.gov.mv އަށެވެ.
އޭގެ ތެރެއިން އެއާޕޯޓާއި، އެއަރލައިންތަކާއި ސްޓޫޑިއޯއަށް ނުވަތަ މަސައްކަތްކުރާ ތަނަށް ގޮސްގެން މަސައްކަތްކުރަންޖެހޭ މުވައްޒަފުންނަށް ހުއްދައަށް އެދެން ޖެހޭނީ އެ ވިޔަފާރިތަކުންނެވެ. މަސައްކަތްކުރާ ތަނުގެ ތަފްސީލާއެކު ހިއްސާކުރުމުން ހުއްދަ ދޫކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މި ތަންތަނުން ވަޒީފާއަށް ނެރެވޭނެ އެންމެ ގިނަ އަދަދެއް ކަނޑައަޅާފައި ނުވީ ނަމަވެސް، މުވައްޒަފުންގެ އަދަދު 10 އަކަށް ވުރެ އިތުރުވާ ނަމަ ޝިފްޓް ޑިއުޓީއަށް ބަހައިގެން ނުކުންނަ ގޮތުގެ ތަފްސީލު ހިއްސާކުރަން ޖެހެ އެވެ.
ކޮންސްޓްރަކްޝަން ސައިޓްތަކާއި ތިލަފުށީގައި ހިންގާ ސިނާއީ މަސައްކަތްތައް
ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލަން ވަނީ އަންގާފަ އެވެ. ނަމަވެސް ސައިޓަކަށް ގެއްލުމެއް ލިބޭނެފަދަ ހާލަތްތަކުގައި، މިނިސްޓްރީއާ ތަފްސީލުތައް ހިއްސާކޮށްގެން ހުއްދަ ލިބޭނެ އެވެ.
ފިޔަވަޅުތައް ވަރުގަދަ ކުރި ނަމަވެސް، ތިލަފުށީގައި ދާއިމީކޮށް ދިރިއުޅޭ މީހުންނާއި އެތަނުގައި ހުންނަ ގުދަން، ބޯޓުޔާޑު ފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން އިތުރު ހުއްދައެއް ނަގާކަށް ނުޖެހެ އެވެ. އެ މީހުން މަސައްކަތް ކުރާ ތަނަކުން ދޫކޮށްފައިވާ ހުއްދައެއް ބޭނުންކޮށްގެން މަސައްކަތުގެ ބޭނުމަށް މާލެ އާއި ތިލަފުއްޓާ ދެމެދު ދަތުރުކުރެވޭނެ އެވެ.










