ކޮވިޑް ބަލީގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު މަރުވި ދުވަހެއްގެ ގޮތުގައި މިއަދު ރިކޯޑް ކުރެއްވިއްޖެ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވެދިޔަ 21 ގަޑިއިރުގެ ތެރޭގައި 13 މީހަކު ވަނީ މަރުވެފަ އެވެ.
އެގޮތުން ރޭ ދަންވަރު 2:00 ން ފެށިގެން މިރޭގެ 11:30 އަށް ނިޔަލަށް 13 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ތިބި މީހުންނެވެ. އެކަމަކީ، އައްޑޫގައި ފަރުވާދެމުން ގެންދިޔަ މީހެކެވެ.
މަރުވި ގިނަ މީހުންނަކީ ދުވަސްވީ މީހުންކަން ފާހަގަކޮށްލެވެ އެވެ.
މިއަދުގެ 13 މަރާއެކު މި މަހު އެކަނި ވެސް ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 69 އަކަށް އަރާފަ އެވެ. ބަލީގައި ރާއްޖޭން ޖުމްލަ މަރުވި މީހުންގެ އަދަދު 142 އަކަށް އަރަ އެވެ.

ކޮވިޑް ބަލީގައި އެންމެ ގިނަ ބަޔަކު މަރުވި މަހެއްގެ ގޮތުގައި މެއި މަސް ރިކޯޑް ކުރެވިފައިވާއިރު، އެހެން މަސްތަކާ އަޅާބަލާއިރު މަރުގެ ނިސްބަތް އުޅެނީ ވަރަށް މަތީގަ އެވެ.
މި އަހަރަށް ބަލާއިރު، ޖެނުއަރީ މަހު ކޮވިޑް ބަލީގައި ހަތަރު މީހަކު މަރުވިއިރު ފެބުރުއަރީ މަހު މަރުވެފައިވަނީ 10 މީހުންނެވެ. މާޗް މަހު ފަސް މީހުން މަރުވިއިރު، އޭޕްރީލް މަހު ބަލީގައި މަރުވި މީހުންގެ އަދަދަކީ ހައެކެވެ.
މީހުން މަރުވާ މިންވަރު އިތުރުވެފައިމިވަނީ ކޮވިޑަށް ރައްކާތެރިވުމުގެ ވެކްސިން ވެސް ޖަހަން ފަށާފައިވަނިކޮށެވެ. ކޮވިޑް ވެކްސިނަކީ، ބަލީގައި ހާލު ބޮޑުވުމުން ދުރުކޮށްދޭ އެއްޗެކެވެ. ނަމަވެސް، ގިނަ ބަޔަކަށް ކޮވިޑްގެ ދެވަނަ ޑޯޒު ވެކްސިން ނެތުމުގެ ސަބަބުން ވަނީ ނުޖެހި އެވެ.
އެޗްޕީއޭއިން މީގެ ފަސް ދުވަސް ކުރިން ހާމަކުރި ގޮތުގައި މި މަހުގެ އެހާތަނަށް މަރުވި މީހުންގެ ތެރެއިން 64 ޕަސަންޓު މީހުން ކޮވިޑު ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހަ އެވެ. އެ ތަފާސްހިސާބު ހާމަކުރި މި މަހު މަރުވެފައިވަނީ 39 މީހުންނެވެ.
އޭގެ ތެރެއިން، 20 ޕަސަންޓު އެއް ޑޯޒް ޖަހާފައިވާއިރު، ވެކްސިން ފުރިހަމަކޮށްފައިވަނީ އެންމެ 12 ޕަސަންޓް މީހުންކަން އެޗްޕީއޭއިން ހާމަކޮށްފައިވެ އެވެ.
ރާއްޖޭގައި ހަތަރު ވަނަ ރާޅަކާ ހަނގުރާމަ ކުރަމުންދާއިރު، ސިއްހީ ހިދުމަތްތެރިން ބުރަކޮށް މަސައްކަތް ކުރަން ޖެހުމުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ. ކޮވިޑް ފެސިލިޓީތަކާއި އައިސީޔޫތައް ވެސް ފުރިފައިވާއިރު، އެތަންތަނުގައި ބަލި މީހުން ބެލުމަށް އިންސާނީ ވަސީލަތްތައް މަދެވެ.
އެހެންނަމަވެސް، ބަލި މީހުންގެ ފަރުވާއަށް އެއްވެސް އިހުމާލެއް ނޯންނާނެ ކަމުގެ ޔަގީންކަން އެޗްޕީއޭ އިން ދެ އެވެ.
ކޮވިޑު ބަލީގައި މަރުވާ މީހުން، ހުޅުމާލޭ ސަހަރާގައި ވަޅުލަމުންދާއިރު އާއިލާއަށް ރަނގަޅަށް ޖަނާޒާ ވެސް ކުރިއަށް ނުގެންދެ އެވެ. އެއީ، ހިތްދަތި ތަޖުރިބާއެއް ކަމަށް ކޮވިޑް ބަލީގައި މަރުވާ މީހުންގެ އާއިލާތަކުން ދަނީ ބުނަމުންނެވެ. އަދި، ސަހަރާގައި މަސައްކަތް ކުރާ މީހުންނަށް ވެސް ކޮންމެ ދުވަހަކު އެތައް ބަޔަކު ވަޅުލާން ޖެހުމުން ވަނީ އަސަރުތަކެއް ކުރުވާފަ އެވެ.
ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ، ސަރުކާރުން ވަނީ މާލޭގައި ފިޔަވަޅުތައް ވަރަށް ބޮޑަށް ހަރުކަށި ކުރަން ނިންމާފަ އެވެ. އެގޮތުން ކާފިއުގެ ގަޑި ހަވީރު 4:00 ން ހެނދުނު 8:00 އަށް އިތުރުކޮށް އެ ނޫން ވަގުތުގައި ވެސް ހުއްދަ ނުލާ ނޫން ގޮތަކަށް ބޭރަށް ނުކުމެ ނޫޅެވޭ ގޮތަށް އަންނަ ބުދަ ދުވަހުން ފެށިގެން ހަދަން ވަނީ ނިންމާފަ އެވެ.













