"އާލާތްތައް ހުރި ނަމަވެސް، އިންސާނީ ވަސީލަތްތައް އެވަރަކަށް ނެތް،!"
ކޮވިޑުގެ ހާލަތު ގޯހުން ގޯހަށް ދާން ފެށުމާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޅުކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ މި އެވެ. ބަލި ޖެހޭ އަދަދު ކޮންޓްރޯލުން ނެއްޓި، ސިއްހީ ހިދުމަތްތެރިންނަށް ބުރަބޮޑުވެދާނެ ކަމެވެ.
އެ ހާލަތަށް ރާއްޖެ ވެއްޓި، ބަލީގައި ފަރުވާދޭނެ ޑޮކްޓަރުންނާއި ނަރުހުންނާ އެކު އެހެން ކަންކަމަށް އެހީތެރިންގެ ބޭނުން މި ވަނީ ޖެހިފަ އެވެ. ބަލި މީހުންނަށް އެހީވުމަށާއި ފްލޫ ކްލިނިކްތަކާއި ސާމްޕަލް ނެގުމަށް ވެސް މީހުން މަދެވެ.
ހުޅުމާލޭގެ ކޮވިޑް ފެސިލިޓީގައި ނޭވާލާނެ ވަގުތެއް ވެސް ނުވެ، ނަރުހުންނާއި ވޮލެންޓިއަރުން މަސައްކަތް ކުރަމުން އަންނަނީ ހާލަތު ރަނގަޅު ކުރެވޭތޯ އެވެ. މި ހާލަތަށް ދާން ފެށުމާ އެކު އެންމެ ފުރަތަމަ ވޮލެންޓިއާ މަސައްކަތް ކުރެއްވުމަށް އިސް ނެންގެވި ބޭފުޅުންގެ ތެރޭގައި ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހިމެނިވަޑައިގަންނަވަ އެވެ.
"ފުރުސަތު ދީފި ނަމަ އިންސާނީ ވަސީލަތަށް ޖެހިފައި އޮތް ތަނެއްގައި މަސައްކަތް މިހުރީ ތައްޔާރަށް،" ފަސްޓްލޭޑީ މި މަހުގެ ކުރީކޮޅު ވިދާޅުވެފައިވެ އެވެ.

ފަޒްނާ މިހާރު ގެންދަވަނީ އެންމެ ހާލަތު ދަށް، ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ވޮލަންޓިއާކޮށް މަސައްކަތް ކުރައްވަމުންނެވެ. މިކަން ފާހަގަކުރަމުން، ގާލްގައިޑް އެސޯސިއޭޝަނުން ބުނީ އެކަމަނާ ދައްކުވައިދެނީ ޒުވާން އަންހެނުންނަށް ވަރުގަދަ ނަމޫނާއެއް ކަމަށެވެ. ޗީފް ގައިޑްގެ ގޮތުން ފަޒްނާ މީގެ ކުރިން ވެސް އެކި ކަންކަމުގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.
"އަޅުގަނޑުމެންގެ ހިތްވަރު ދެއްވައި، އުއްމީދު ދެއްވާތީ ޝުކުރިއްޔާ،!" ގާލްގައިޑް އެސޯސިއޭޝަނުން ބުންޏެވެ.
ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ނިންމެވީ، ފަޒުނާ ވިދާޅުވެފައިވާ ގޮތުގައި މަގުސަދަކީ އާއްމު ހިދުމަތުގައި މަސައްކަތްކޮށްފައިވާ މީހުންނަށް ގައުމު ބޭނުންވެއްޖެ ހިނދެއްގައި ހިލޭ ސާބަހަށް ނުކުތުމަށް ބާރު އެޅުމަށެވެ.
"އަހަރެންގެ ބޭނުމަކީ، އަހަރެން ކުރާ ކަންތައްތަކުގެ ވާހަކަ ދެއްކުމެއް ނޫން. އެކަމަކު، އަހަރެން ފަދައިން އާއްމު ހިދުމަތުގައި މަސައްކަތްކޮށްފައިވާ މީހުންނަށް ގައުމު ބޭނުންވެއްޖެ ހިނދެއްގައި ހިލޭ ސާބަހަށް ނުކުތުމަށް ބާރު އެޅުން،" ފަސްޓްލޭޑީ ވިދާޅުވެފައިވެ އެވެ.
ފަސްޓްލޭޑީ ފަޒުނާ ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތަށް ނުކުންނެވީ، ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯއްދެވުމަށް ފަހު އެވެ.
ބައްޔަށް ޕޮޒިޓިވްވެޑައިގެން އާއިލާއާ އެކަހެރިވެގެން ހުންނެވި މުއްދަތުގައި، ވެސް ފަޒްނާ ވަނީ ކޮވިޑުން ރައްކާތެރިވާން ހޭލުންތެރިކަން އިތުރުކުރުމުގެ އެކި ކަންކަމުގައި ބައިވެރިވެވަޑައިގެންފަ އެވެ.
އެގޮތުން، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އާއި ޔުނިސެފްއާ ގުޅިގެން އޮންލައިންކޮށް، އެހީތެރިކަން ބޭނުންވާ އާއިލާތައް ހޭލުންތެރި ކުރުވުމަށް ވީޑިއޯ މެސެޖްތަކެއްގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮވިޑް ފެސިލިޓީގައި ގާލްގައިޑާއި ރެޑްކެރެސެންޓް ވޮލެންޓިއަރުންގެ އިތުރުން، އާންމުން ވެސް ވޮލެންޓިއަރުންގެ ގޮތުގައި މިހާރު ހަރަކާތްތެރިވަމުން އެބަދެ އެވެ.













