ލަންޑަން (މެއި 23) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕެލަސް 2-0 އިން ބަލިކޮށް ލިވަޕޫލް ލީގުގެ ތިން ވަނައިގައި ނިންމާލިއިރު، ޓޮޓެންހަމް ހޮޓްސްޕާސް އިން 4-2 އިން ލެސްޓާ ސިޓީ ބަލިކުރުމުގެ ފައިދާނަގައި ޗެލްސީ ހަތަރު ވަނަ ހޯދައިފި އެވެ.
ލީގު ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީން ވަނީ 5-0 އިން އެވަޓަން ބަލިކޮށްފަ އެވެ. ސިޓީ އަށް 86 ޕޮއިންޓް ލިބުނުއިރު، ދެ ވަނަ އަށް ދިޔަ މެންޗެސްޓާ ޔުނައިޓެޑަށް ލިބުނީ 74 ޕޮއިންޓެވެ. ޔުނައިޓެޑުން ވަނީ ފުރަތަމަ ޓީމަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ނުލައި ވުލްވްސް އަތުން 2-1 އިން މޮޅުވެފަ އެވެ. ލިވަޕޫލް ތިން ވަނަ ހޯދީ 69 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި ޗެލްސީ އޮތީ 67 ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީ މިރޭ ވަނީ އެސްޓަން ވިލާ އަތުން 2-1 އިން ބަލިވެފަ އެވެ.
ފަސް ވަަނަ އަށް ދިޔައީ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި ލެސްޓާ އެވެ. އެ ޓީމަށް 66 ޕޮއިންޓް ލިބުނުއިރު، ހަ ވަަނަ އަށް ގޮސް ޔޫރޮޕާ ލީގުގެ ފަހު ޖާގަ ހޯދީ ވެސްޓް ހޭމް ޔުނައިޓެޑުންނެވެ. މިރޭ ސައުތެމްޓަން އަތުން 3-0 އިން މޮޅުވި ވެސްޓް ހޭމް އަށް ވަނީ 65 ޕޮއިންޓް ލިބިފަ އެވެ. ޓޮޓެންހަމް އިން ފަހު ވަގުތު ހޯދި މޮޅާ އެކު އެ ޓީމުން ލީގު ނިންމާލީ ހަތް ވަނައިގަ އެވެ. އެއީ 62 ޕޮއިންޓާ އެކު އެވެ. އަންނަ ސީޒަނުގައި ޔުއެފާ އިން ފަށާ ތިން ވަނަ ފަންތީގެ މުބާރާތް ޔުއެފާ ކޮންފަރެންސް ލީގުން ފުރުސަތު ލިބުނީ ޓޮޓެންހަމް އަށެވެ.
އަށް ވަނައިގައި ނިންމާލީ މިރޭ 2-0 އިން ބްރައިޓަން ބަލިކުރި އާސެނަލް އެވެ. މިއީ 1996 ވަނަ އަހަރަށް ފަހު އާސެނަލް ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިނުވި ފުރަތަމަ ފަހަރެވެ.
ކްރިސްޓަލް ޕެލަސްގެ ކޮޅަށް ލިވަޕޫލްގެ ދެ ގޯލު ވެސް ޖެހީ ސަޑިއޯ މާނޭ އެވެ. މި މެޗަކީ ކްރިސްޓަލް ޕެލަސްގެ ތަޖުރިބާކާރު ކޯޗު ރޯއީ ހޮޖްސަންގެ ކޯޗިން ހަޔާތުގެ ފަހު މެޗެވެ. ހޮޖްސަން ވަނީ ލިވަޕޫލާއި ފުލަމް އަދި ވެސްޓް ބްރޮމް އަށް ޕްރިމިއާ ލީގުގައި ކޯޗުކޮށްދީފަ އެވެ.
ލެސްޓާ އިން ޖޭމީ ވާޑީގެ ގޯލުން ލީޑުނަގާފައިވަނިކޮށް ޓޮޓެންހަމް އަށް އެއްވަރުކޮށްދިނީ ހެރީ ކޭން އެވެ. މި ގޯލާ އެކު ލީގުގައި 23 ގޯލު ހަމަކޮށް ލަނޑު ލިސްޓުގެ އެއް ވަނަ ހޯދައި ކޭން ވަނީ ރަން ބޫޓު ތިން ވަނަ ފަހަރަށް ހޯދައިފަ އެވެ. ދެ ވަނަ ހާފްގައި ވާޑީ އަލުން ލެސްޓާ އަށް ލީޑުނަގައިދިން ނަމަވެސް އެ ޓީމުގެ ކީޕަރު ކެޝްޕާ ޝްމައިކަލް އަތުން ބައިކޮޅަށް ވަން ގޯލުން ޓޮޓެންހަމް އެއްވަރުކުރި އެވެ. ޓޮޓެންހަމް މޮޅުކޮށްދިން ދެ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގެރެތު ބޭލް އެވެ.
މިއީ ސީޒަނުގެ ފަހު ދުވަހުގައި ލެސްޓާ އަށް ގަދަ ހަތަރެއް ގެއްލުނު ދެ ވަނަ ފަަހަރެވެ. މިދިޔަ ސީޒަނުގައި ފަހު މެޗުގައި ޔުނައިޓެޑް އަތުން ބަލިވިއިރު، މި ފަހަރު ޓޮޓެންހަމްގެ އަތްދަށުވީ އެވެ. ލެސްޓާ އަންނަ ސީޒަނުގައި ކުޅޭނީ ޔޫރޮޕާ ލީގުގަ އެވެ.
އެސްޓަން ވިލާ އަށް މިރޭގެ މެޗުގައި ލީޑުނަގައިދިނީ ކުރިން ޗެލްސީ އަށް ކުޅުނު ބާޓްރަންޑް ޓްރައޯރޭ އެވެ. އަންވަރު އެލް ގާޒީގެ ޕެނަލްޓީން އެސްޓަން ވިލާ ދެ ވަނަ ގޯލެއް ޖަހާފައިވަނިކޮށް ޗެލްސީގެ ހަަމައެކަނި ގޯލު ޖެހީ ބެން ޗިލްވެލް އެވެ. ޗެލްސީން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ސެޒާ އަޒްޕިލިކުއޭޓާ އަށް ރަތް ކާޑެއް ދެއްކުމުންނެވެ.
ޗެމްޕިއަން ސިޓީން ވަނީ އެވަޓަންއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސިޓީގެ ފުރަތަމަ ތިން ގޯލު ޖެހީ ކެވިން ޑިބްރޭނާ އާއި ގަބްރިއެލް ޖީސޫސް އަދި ފިލް ފޯޑެން އެވެ. އަދި ސިޓީގެ ފަހު ދެ ގޯލު ޖެހީ 10 އަހަރަށް ފަހު މި ސީޒަން ނިމުމުން ސިޓީ ދޫކޮށްލަން ނިންމާފައިވާ ސާޖިއޯ އަގުއޭރޯ އެވެ.
އަގުއޭރޯ ޖެހި މި ދެ ގޯލާ އެކު އޭނާ ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި އެއް ޓީމަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރިއަށް ޖެހިލައިފަ އެވެ. އަގުއޭރޯ 184 ގޯލު ހަމަކުރިއިރު، ކުރިން އެ ރެކޯޑް އޮތް މެންޗެސްޓާ ޔުނައިޓެޑްގެ ވޭން ރޫނީ ވަނީ 183 ގޯލު ޖަހައިފަ އެވެ. އަންނަ ސީޒަނުގައި އަގުއޭރޯ ފެންނާނީ ބާސެލޯނާ ޖޯޒީގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ވުލްވްސްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯގެ ފަހު މެޗުގައި ޔުނައިޓެޑަށް ލީޑުނަގައިދިނީ ޒުވާން ކުޅުންތެރިޔާ އެންތަނީ އެލަންގާ އެވެ. ނެލްސަން ސެމޭޑޯ ވުލްްވްސް އަށް އެއްވަރުކޮށްދީފައި ވަނިކޮށް ޔުނައިޓެޑް މޮޅުވި ގޯލު ޖެހީ ޕެނަލްޓީ އަކުން ހުއާން މަޓާ އެވެ.












