ލިވަޕޫލް (މެއި 23) - މި ސީޒަނުގައި ލިވަޕޫލަށް އަނިޔާގެ ކަންތައްތައް ދިމާވި ގޮތަށް މެންޗެސްޓާ ސިޓީ އަށް ވެސް އެ މައްސަލަ ކުރިމަތިވިނަމަ އެ ޓީމަށް ލީގު ނުހޯދޭނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ލިވަޕޫލުން މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ ދެ ވަނައިގައި އޮތް ސިޓީ އަށް ވުރެ 18 ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ސިޓީން މި ފަހަރު ލީގު ޗެމްޕިއަންކަން ކަށަވަރު ކޮށްފައިވާއިރު، ލިވަޕޫލް ހަތަރު ވަނައިގައި އޮތީ ސިޓީ އަށް ވުރެ 17 ޕޮއިންޓް މަދުން ހޯދައިގެންނެވެ.
މި ފަހަރު ލީގުގައި ލިވަޕޫލަަށް އެންމެ ބޮޑު މައްސަލަތަކެއް ދިމާވީ ޑިފެންޑަރުންގެ އަނިޔާތަކާ ހެދި އެވެ. އޮކްޓޫބަރު މަހުގައި ލިވަޕޫލްގެ އެއް ވަނަ ޑިފެންޑަރު ވާޖިލް ވެން ޑައިކަށް އަނިޔާވެ ސީޒަން ނިމުނުއިރު، އޭގެ އެއް މަސް ފަހުން ނޮވެމްބަރު މަހު ލިވަޕޫލްގެ ދެ ވަނަ ޑިފެންޑަރު ޖޯ ގޯމޭޒަށް ވަނީ އަނިޔާވެ ސީޒަން ނިމިފަ އެވެ. އަދި ޖެނުއަރީ މަހު ލިވަޕޫލްގެ ތިން ވަނަ ޑިފެންޑަރު ޖޮއެލް މަޓިޕަށް އަނިޔާވެ އޭނާ އަށް ވެސް ސީޒަން ނިމުނީ އެވެ. މީގެ އިތުރުން ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ އާއި ތިއާގޯ އަލްކަންޓަރާ އަށް ވެސް ވަނީ ތިން މަހެއްހާ ދުވަސް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ.
ލިވަޕޫލުން ޑިފެންސް ލައިނުގެ މައްސަލަތައް ހައްލުކުރަން މެދުތެރެއަށް ކުޅޭ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި ފަބީނިއޯ ލައްވައި ފަހަތަށް ކުޅުވި އެވެ. އަދި ޖެނުއަރީ މަހު ލޯން އެއްބަސްވުމެއްގެ ދަށުން ގެނައި ތުރުކީގެ އޮޒާން ކަބަކް ވެސް ގިނަ މެޗުތަކެއްގައި ކުޅުނުއިރު، އޭނާ މި ވަގުތު ހުރީ އަނިޔާއެއްގަ އެވެ. އެންމެ ފަހުން ކުޅުނު މެޗުތަކުގައި ލިވަޕޫލްގެ ފަހަތް ބަލަހައްޓަމުން އަންނަނީ މި ސީޒަނުގައި އަލަށް ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ޒުވާން ދެ ޑިފެންޑަރުން ކަމަށްވާ ނެޓް ފިލިޕްސް އާއި ރީސް ވިލިއަމްސް އެވެ.
"އަހަރެމެންގެ އިންޖަރީ ލިސްޓު އޮތްގޮތުން މި އަހަރަކު ޗެމްޕިއަންކަމެއް ނުލިބޭނެ. އެއްވެސް ޓީމަކަށް މި ވަރުގެ އަނިޔާގެ ލިސްޓަކާ އެކު ނުލިބޭނެ. ސިޓީ ވަރަށް މޮޅު. އެކަަމަކު އެ ޓީމަށް ވެސް ތިން ޑިފެންޑަރުން ނުލައި ލީގު ނުހޯދޭނެ. މެންޗެސްޓާ ޔުނައިޓެޑަށް ވެސް ނުހޯދޭނެ،" ކްލޮޕް ބުންޏެވެ.
ލިވަޕޫލުން ލީގުގެ ފަހު މެޗާ ކުރިމަތިލާއިރު، ވާދަކުރަނީ ގަދަ ހަތަރަކަށެވެ. މިރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން ލިވަޕޫލް މޮޅުވެއްޖެނަމަ ހަތަރެއް ކަށަވަރުވާނެ އެވެ. ލިވަޕޫލް މޮޅުވިޔަސް ގަދަ ހަތަރަކުން ކަޓާނެ އޮތީ ހަނި ފުރުސަތެކެވެ. އެއީ ފަސް ވަނައިގައި އޮތް ލެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ބޮޑު ތަފާތަކުން ޓޮޓެންހަމް ބަލިކޮށްފިނަމަ އެވެ. އެ ގޮތަށް ވެއްޖަނަމަ ލިވަޕޫލާއި ލެސްޓާ ޕޮއިންޓް އެއްވަރުވެ، ލެސްޓާ އަށް ލަނޑުގެ ތަފާތުން ކުރި ލިބޭނެ އެވެ.
މި ސީޒަން ދިޔަ ގޮތުން ލިވަޕޫލަށް ގަދަ ހަތަރެއްގައި ނުނިންމި ދާނެ ކަމަށް ވެސް ހީވި ކަމަށާއި އެކަމަކު މުޅި ޓީމުން ނިންމީ ފަހު ވަގުތާ ޖެހެންދެން ހިތްވަރުކުރަން ކަމަށް ކްލޮޕް ބުންޏެވެ.
"އަހަރެމެން ކުރީ މަސައްކަތް. ހުރި އުނދަގޫތަކާ ވެސް ކުރިމަތިލީ. އާދިއްތަ ދުވަހު (މިއަދު) އަހަރެމެން މޮޅުވެގެން ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެނަމަ އަހަރެމެންނަށް މި އުނދަގޫ ތެރޭގައި ރަނގަޅު ކަމެއް ހާސިލް ކުރެވުނީ،" ކްލޮޕް ބުންޏެވެ.
ޕްރިމިއާ ލީގުގެ މި ސީޒަނުގެ ފަހު މެޗުތައް ކުޅޭނީ މިރޭ އެވެ. ހުރިހާ މެޗެއް ވެސް ފަށާނީ އެއް ވަގުތެއްގަ އެވެ. އެއީ ރާއްޖެ ގަޑިން 20:00 ގަ އެވެ.












