މީގެކުރިން ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސް ނުވާ މިންވަރަށް ގޮސްފައިވާއިރު މި މަހުގެ މިހާތަނަށް ކޮވިޑް ބަލީގައި 50 މީހުން މަރުވެފައިވާ ކަމަށް ރިކޯޑްކޮށްފި އެވެ.
ކޮވިޑްގައި މިއަދު ތިން މީހަކު މަރުވެފައިވާއިރު، އެ ތިން މީހުންނަކީ ވެސް ދެބައިއުމުރުގެ މީހުންނެވެ. މިއަދުގެ ތިން މަރާއެކު، ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 123 އަށް އެރީ އެވެ. މީގެ ތެރޭގައި ހިމެނެނީ 108 ދިވެހިންނާއި 15 ބިދޭސީންނެވެ.
އެންމެ ގިނަ މީހުން އެއް މަހެއްގެ ތެރޭގައި މަރުވެފައިވަނީ، މި ހިނގާ މެއި މަހުގެ ތެރޭގަ އެވެ. އެގޮތުން މި މަހުގެ މިހާތަނަށް 50 މީހުން ވަނީ މަރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މި އަހަރަށް ބަލާއިރު، ޖެނުއަރީ މަހު ކޮވިޑް ބަލީގައި ހަތަރު މީހަކު މަރުވިއިރު ފެބުރުއަރީ މަހު މަރުވެފައިވަނީ 10 މީހުންނެވެ. މާޗް މަހު ފަސް މީހުން މަރުވިއިރު، އޭޕްރީލް މަހު ބަލީގައި މަރުވި މީހުންގެ އަދަދަކީ ހައެކެވެ.
އެ މަސްތަކާ އަޅާބަލާއިރު، މެއި މަހު ބަލީގައި މަރުވި މީހުންގެ އަދަދު އެތައް ގުނައެއް އިތުރެވެ. މިއީ، ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މިންވަރު ވަރަށް ރަނގަޅަށް ވަޒަންކުރެވޭނެ ކަމެކެވެ.

މީހުން މަރުވާ މިންވަރު އިތުރުވެފައިމިވަނީ ކޮވިޑަށް ރައްކާތެރިވުމުގެ ވެކްސިން ވެސް ޖަހަން ފަށާފައިވަނިކޮށެވެ. ކޮވިޑް ވެކްސިނަކީ، ބަލީގައި ހާލު ބޮޑުވުމުން ދުރުކޮށްދޭ އެއްޗެކެވެ. ނަމަވެސް، ގިނަ ބަޔަކަށް ކޮވިޑްގެ ދެވަނަ ޑޯޒު ވެކްސިން ނެތުމުގެ ސަބަބުން ވަނީ ނުޖެހި އެވެ.

ކޮވިޑް ބަލީގައި މިއަދު މަރުވި މީހަކު ވަޅުލަނީ: މި މަހު މިހާތަނަށް ވެސް ވަނީ 50 މީހުން މަރުވެފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
އެޗްޕީއޭއިން މީގެ ތިން ދުވަސް ކުރިން ހާމަކުރި ގޮތުގައި މި މަހުގެ އެހާތަނަށް މަރުވި މީހުންގެ ތެރެއިން 64 ޕަސަންޓު މީހުން ކޮވިޑު ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހަ އެވެ. އެ ތަފާސްހިސާބު ހާމަކުރި މި މަހު މަރުވެފައިވަނީ 39 މީހުންނެވެ.
އޭގެ ތެރެއިން، 20 ޕަސަންޓު އެއް ޑޯޒް ޖަހާފައިވާއިރު، ވެކްސިން ފުރިހަމަކޮށްފައިވަނީ އެންމެ 12 ޕަސަންޓް މީހުންކަން އެޗްޕީއޭއިން ހާމަކޮށްފައިވެ އެވެ.
ރާއްޖޭގައި ހަތަރު ވަނަ ރާޅަކާ ހަނގުރާމަ ކުރަމުންދާއިރު، ސިއްހީ ހިދުމަތްތެރިން ބުރަކޮށް މަސައްކަތް ކުރަން ޖެހުމުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ. ކޮވިޑް ފެސިލިޓީތަކާއި އައިސީޔޫތައް ވެސް ފުރިފައިވާއިރު، އެތަންތަނުގައި ބަލި މީހުން ބެލުމަށް އިންސާނީ ވަސީލަތްތައް މަދެވެ.
އެހެންނަމަވެސް، ބަލި މީހުންގެ ފަރުވާއަށް އެއްވެސް އިހުމާލެއް ނޯންނާނެ ކަމުގެ ޔަގީންކަން އެޗްޕީއޭއިންދެ އެވެ.
ކޮވިޑް ބަލީގައި މަރުވާ މީހުން، ހުޅުމާލޭ ސަހަރާގައި ވަޅުލަމުންދާއިރު އާއިލާއަށް ރަނގަޅަށް ޖަނާޒާ ވެސް ކުރިއަށް ނުގެންދެ އެވެ. އެއީ، ހިތްދަތި ތަޖުރިބާއެއް ކަމަށް ކޮވިޑް ބަލީގައި މަރުވާ މީހުންގެ އާއިލާތަކުން ދަނީ ބުނަމުންނެވެ. އަދި، ސަހަރާގައި މަސައްކަތް ކުރާ މީހުންނަށް ވެސް ކޮންމެ ދުވަހަކު އެތައް ބަޔަކު ވަޅުލާން ޖެހުމުން ވަނީ އަސަރުތަކެއް ކުރުވާފަ އެވެ.
ރާއްޖެ، މިހާލަތަށް ވެއްޓިދާނެ ކަމަށް ވަރަށް ކުރިންސުރެ ވެސް، އަންދާޒާކޮށްފައިވާއިރު މި ހާލަތަށް ސަރުކާރުން އެންމެ ފުރިހަމައަށް ތައްޔާރުވެފައި ނެތް ކަމުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެގޮތުން، ރާއްޖެއަށް ހޯދަން ހަވާލުކުރި ވެންޓިލޭޓަރުތައް ކޮރަޕްޝަނާ ހެދި މިހާތަނަށް ވެސް ލިބިފައި ނެތުމަކީ ފާޑުކިޔުން ބޮޑު މައްސަލައެކެވެ. މިފަހުން، ފެސިލިޓީއެއްގައި މަސައްކަތް ކުރާ ނަރުހަކު ވެސް ވަނީ އެ ވެންޓިލޭޓަރުތައް ހުރިނަމަ، ބަލި މީހުންނަށް ފަރުވާ ދިނުމަށް ފަސޭހަވެގެން ދިޔައީސް ކަމަށް ބުނެފަ އެވެ.
ބަލީގެ ނުރައްކާ ބޮޑުވެފައި އޮތުމުން ފިޔަވަޅުތައް ވެސް ވަނީ ހަރުކަށިކޮށްފަ އެވެ. މާލޭގައި މިހާރު ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް އޮތީ ކާފިއު އިއުލާންކޮށްފަ އެވެ. ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައިވާ އިރު ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.













