އީސަ ވަކިނުކުރުމުން ފިރުޝާންގެ ހިތްހަމަނުޖެހުން: "މިއަދަކީ ލަދުވެތި ދުވަހެއް"!

މަޖިލީހުގެ ޖަލްސާއެއްގައި މަޑަވެލި ދާއިރާގެ މެމްބަރު ފިރުޝާން ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި މަޑަވެލި ދާއިރާގެ މެމްބަރު ފިރުޝާން ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

ގެވެށި އަނިޔާގެ މައްސަލައެއްގެ ހިޔަނި އެޅިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން ވަކިކުރަން ބޭއްވި ކޮމިޓީގެ ކޯރަމް ހަމަނުވެގެން އޭނާ ވަކިނުކުރެވުމަކީ ލަދުވެތި ކަމެއް ކަމަށް ވިދާޅުވެ މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ފިރުޝާން ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

އީސަ ވަކިކުރަން އެޖެންޑާކުރި ކޮމިޓީގެ ރިޔާސަތުގައި އިންނެވީ އޭނާ އެވެ. މަގާމުން ވަކިކުރަން ފަސް މެމްބަރުންގެ ވޯޓު ބޭނުންވާއިރު ހާޒިރުވެ ތިއްބެވީ ހަތަރު މެމްބަރުންނެވެ.

ފިރުޝާން ވެސް ތުހުމަތު ކުރައްވާ ގޮތުގައި، އީސަ ވަކި ކުރަން ހުށަހެޅި މައްސަލަ ކޯރަމް ހަމަނުވެގެން ކުރިއަށް ނުގެންދެވުނީ އޭނާ އަމިއްލައަށް އިސްތިއުފާ ދެއްވުމުގެ ފުރުސަތު ދޭށެވެ. އީސަ މިއަދު ވަނީ ތަހުގީގަށް އެއްބާރުލުން ދެއްވަން ކަަމަށް ވިދާޅުވެ ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް އަންގާރަ ދުވަހުގެ ދަންވަރު 1:30 ހާއިރު ހުށަހަޅާފައި ވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ އަވަށްޓެރިއެކެވެ. އަސްރާއަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑުއެއްބަފާ ކޮއްކޮ އެވެ.

މަޖިލީހުން ވެސް އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދަނިކޮށް، އިޖުތިމާއީ ކޮމިޓީގެ ތިން މެމްބަރުންގެ ސޮއި އާއެކު މުގައްރިރުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.

އެ މައްސަލާގައި ސޮއި ކުރައްވާފައިވަނީ ޖީހާންގެ އިތުރުން ކޮމިޓީގެ ނައިބު މުގައްރިރު އަދި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނާއި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި އެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއްގައި ފިރުޝާން ވިދާޅުވީ އިތުބާރުގެ މައްސަލަ ހުށަހަޅާފައިވަނީ މެމްބަރުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ ބާވަތަކީ މަޖިލީހަށާއި ކޮމިޓީއަށް ބަލައިގަނެވޭނެ ފަދަ ތުހުމަތަކަށް ނުވާތީ ކަމަށެވެ.

އަދި އެ މައްސަލާގައި ބަހުސްނުކޮށް އޮތީ ގޮތެއް ނިންމުން ކަމަށް އޭނާ އިއުލާނުކުރެއްވި އެވެ.

އެއާއެކު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ގިނަ އިރުތަކަކަށް ބައްދަލުވުން މެދުކަނޑާލުމަށްފަހު، އަލުން ބައްދަލުވުން ފެށުމާއެކު ރިޔާސަތުގައި އިންނެވި ފިރުޝާން ވިދާޅުވީ އެ ވޯޓު ކުރިއަށް ގެންދަން ބޭނުންވާ ވަރަށް ބައްދަލުވުމުގެ ކޯރަމް ހަމަނުވާ ކަމަށެވެ.

ފިރުޝާން ވިދާޅުވި ގޮތުގައި ޖުމްލަ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީގައި މި ބާވަތުގެ މައްސަލައެއް ކުރިއަށް ގެންދަން މުގައްރިރު ނުހިމަނައި މަދުވެގެން ފަސް މެމްބަރުން ތިއްބަވަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް މަސައްކަތް ކޮށްފިން ބާކީ ތިބި ތިން މެމްބަރުންނާ ގުޅައިގެން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭތޯ ބެލުމަށް. އެކަމަކު ކާމިޔާބުވާ ގޮތެއް ނުވި،" ބައްދަލުވުން ނިންމާލައްވަމުން އޭނާ ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުން

  1. މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
  2. ފަރެސްމާތޮޑަ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް
  3. ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު
  4. މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ

ދެން އެ ކޮމިޓީގައި ތިއްބަވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދުގެ އިތުރުން ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެގެން ބައްދަލުވުން މެދުކަނޑައިލީ އޮންލައިންކޮށް ބައިވެރިވެވަޑައިގެން އިންނެވި ޝާހިދުގެ އިންޓަނެޓަށް މައްސަލައެއް ދިމާވެގެން ކަމަށް ފިރުޝާން ވިދާޅުވި އެވެ.

ނަމަވެސް، އަލުން އެ ބައްދަލުވުން ފެށިއިރު، ޝާހިދު އެ ބައްދަލުވުމުގައި ހިމެނިވަޑައިނުގަންނަވަ އެވެ.

ބައްދަލުވުން ނިންމައިލި ފަހުން އިސްމާއިލް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރެވުނު ތުހުމަތުތަކާ ގުޅިގެން މުގައްރިރު ކަމުން އީސަ އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

އެއާއެކު މެމްބަރު މުހައްމަދު ރަޝީދު ވަނީ އެއީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން ގަސްދުގައި ކޯރަމް ގެއްލުވާލީ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން ފިރުޝާން "އަދަދު"އަށް ވިދާޅުވީ މިއަދު ކޮމިޓީގައި މެމްބަރުން ހެއްދެވީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ގެވެށި އަނިޔާ ފަދަ ސީރިއަސް ތުހުމަތެއް ކުރެވޭނަމަ، ވަގުތުން ފިޔަވަޅު އެޅެންޖެހޭ ކަމަށެވެ.

"އަޅުގަނޑުގެ މުޅި ސިޔާސީ ހަޔާތުގައި ވެސް މިއަދަކީ ވަރަށް ލަދުވެތި ދުވަހެއް،" ފިރުޝާން ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ މަޖިލީހުގެ ސާފި އަގުލަބިއްޔަތު ރައްޔިތުން އެމްޑީޕީއަށް ދިނީ، ނަޒާހަތްތެރި މަޖިލީހެއްގެ ވައުދުގެ މަތީގައި ކަމަށެވެ.

ނަމަވެސް، މިއަދު އެކަމަށް ވެސް ހިޔަނި އެޅުގެން ދިޔުމަކީ ލަދުވެތިކަމެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

ފިރުޝާން ވެސް ވިދާޅުވި ގޮތުގައި ކޯރަމް ހަމަނުކުރީ އީސައަށް އިސްތިއުފާ ދެއްވަން ފުރުސަތު ދިނުމަށް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

ނަމަވެސް، ޖެންޑާ މިނިސްޓްރީ ފަދަ މިކަމާ ގުޅުން ހުރި މުއައްސަސާތަކެއްގެ މެންޑޭޓް އޮންނަ ކޮމިޓީއެއްގެ މުގައްރިރުކަމުގައި އެފަދަ ބޮޑި ތުހުމަތެއް ކުރެވޭ މެމްބަރަކާމެދު ވަގުތުން ފިޔަވަޅު އަޅައި، ވަކި ނުކުރުމަކީ މެމްބަރުން ހެއްދެވި ވަރަށް ބޮޑު ގޯހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ފިރުޝާން އެހެން ވިދާޅުވެފައިވަނިކޮށް، މީގެ ކުޑައިރު ކޮޅެއް ކުރިން ކޮމިޓީގެ މުގައްރިރު ކަމުން އީސަ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އީސަ އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ މަގާމުން އެކަހެރިވެވަޑައިގަތީ އޭނާ އަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއް ބަލާތީ މުއައްސަސަތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަަމަށެވެ.

"ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް އަޅުގަނޑު ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަދި ހާއްސަކޮށް ކެނދިކުޅުދޫ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައި ވިދާޅުވި އެވެ.

ގެވެށި އަނިޔާގެ މައްސަލަތައް ބަލާ ފުލުހުންގެ ޑިޕާޓްމަންޓަށް ހާޒިރުވެ އަސްރާ އިއްޔެގެ ވަގުތެއްގައި ބަޔާނެއް ވަނީ ދެއްވާފަ އެވެ.

އީސަ ހައްޔަރުކުރަން ކޯޓު އަމުރު ހޯދުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ކުރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.

ގެވެށި އަނިޔާގެ މައްސަލައެއްގައި އީސަ ހައްޔަރުކުރިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަމުގެ ލިސްޓު ނެރުނުއިރު ވެސް އީސަގެ ނަން އޮތެވެ. ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި ޕީޖީ އޮފީސް ގުޅިގެން ހިންގާ ތަހުގީގުގައި އެ މައްސަލަ ވެސް އަންނަނީ ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox