ލަންޑަން (މެއި 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބާންލީ ދަނޑުގައި 3-0 އިން މޮޅުވެ ލިވަޕޫލް ލީގުގެ ހަތަރު ވަނަ އަށް ޖެހިލިއިރު، ވެސްޓް ބްރޮމްވިޗް އަލްބިއަންގެ މައްޗަށް ފަހަތުން އަރައި 3-1 އިން ކުރިހޯދައި ވެސްޓް ހޭމް ޔުނައިޓެޑް ފުރުސަތުގެ ބޭނުންހިފައި ލީގުގެ ހަ ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގައި ރޭ ޗެލްސީން ލެސްޓާ ސިޓީ ބަލިކުރުމުން މިރޭ ބާންލީ ބަލިކޮށްގެން ހަތަރަކަށް އެރުމުގެ ފުރުސަތު ލިވަޕޫލަށް އޮތީ ހުޅުވިފަ އެވެ. ޗެލްސީ ތިން ވަނައިގައި އޮތީ 37 މެޗުން 67 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި ލިވަޕޫލް އޮތީ 37 މެޗުން 66 ޕޮއިންޓާ އެކު ފައިދާ 24 ގޯލު ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް ލެސްޓާގެ އޮތީ 37 މެޗުން 66 ޕޮއިންޓާއި ފައިދާ 20 ގޯލެވެ.
އާދިއްތަ ދުވަހުގެރޭ ލީގުގެ ފަހު މެޗުތައް ކުޅޭއިރު، ލިވަޕޫލް އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ކްރިސްޓަލް ޕެލަސްއާ އެވެ. ޗެލްސީ ރަށުންބޭރުގައި އެސްޓަން ވިލާއާ ކުޅޭއިރު، ލެސްޓާ ސިޓީ އަމިއްލަ ދަނޑުގައި ނުކުންނާނީ ޓޮޓެންހަމާ ދެކޮޅަށެވެ. ގަދަ ހަތަރެއް ހޯދައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ދިއުމުގެ އަމިއްލަ ބާރު މި ތަނުން އޮތީ ޗެލްސީ އާއި ލިވަޕޫލް އަތުގަ އެވެ.
މިރޭ އެސްޓަން ވިލާ އިން ވަނީ 2-1 އިން ޓޮޓެންހަމް ބަލިކޮށްފަ އެވެ. ވެސްޓް ހޭމް އިން އޭގެ ފައިދާނަގައި ފަސް ވަނަ އަށް ޖެހިލީ 37 މެޗުން 62 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމް ހަ ވަނައިގައި އޮތީ 37 މެޗުން 59 ޕޮއިންޓާ އެކު އެވެ. ފަސް ވަނަ އާއި ހަ ވަނަ މަގާމުގެ ވާދަވެރިކަން ބޮޑުވެފައިވަނީ ޔޫރޮޕާ ލީގުގެ ޖާގަތަށް ހޯދުމަށެވެ. ފަހު މެޗުން އަމިއްލަ ދަނޑުގައި ސައުތެމްޓަނާ އެއްވަރު ކޮށްލައިގެން ވެސްޓް ހޭމަށް ގަދަހައެއް ކަށަވަރު ކުރެވޭނެ އެެވެ.
ލީގުގައި މިރޭ އާސެނަލާއި އެވަޓަން ކުޅުނު މެޗުތަކުން ވެސް ވަނި މޮޅުވެފަ އެވެ. އާސެނަލުން ރަށުންބޭރުގައި ކްރިސްޓަލް ޕެލަސް ބަލިކުރީ 3-1 އިންނެވެ. އެވަޓަން އިން އަމިއްލަ ދަނޑުގައި ވުލްވްސް އަތުން ވަނީ 1-0 އިން މޮޅުވެފަ އެވެ. އެވަޓަން އޮތީ ފަހު މެޗާ ކުރިމަތިލާއިރު އަށް ވަނައިގައި 37 މެޗުން 59 ޕޮއިންޓާ އެކު އެވެ. އާސެނަލް ނުވަ ވަަނައިގައި 37 މެޗުން 58 ޕޮއިންޓް ހޯދައިގެން އޮތްއިރު، ގަދަ ހައެއްގައި ނިންމާލުމުގެ އަމިއްލަ ބާރެއް އާސެނަލާއި އެވަޓަން އަތުގައި ނެތެވެ.
ބާންލީ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ލިވަޕޫލްގެ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އަދި ތިއާގޯ އަލްކަންޓާރާ ލަނޑު ޖަަހަން ރަނގަޅު ފުރުސަތުތަކެއް ނަގާލި އެވެ. ބާންލީގެ ކްރިސް ވުޑް ޖެހި ބޯޅައެއް ގޯލާ ސީދާނުވެ ދިޔައިރު، ޑްވައިޓް މެކްނީލް ޖެހި ޝޮޓް ލިވަޕޫލްގެ ކީިޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލަށް ލީޑުނަގައިދިން ގޯލު ޖެހީ ރޮބާޓޯ ފިރްމީނޯ އެވެ. ދެ ވަަނަ ހާފުގައި ލިވަޕޫލްގެ އަނެއް ދެ ގޯލު ޖެހީ ފާއިތުވި މެޗުތަކުގައި ލިވަޕޫލް ފަހަތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނެޓް ފިލިޕްސް އާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލެކްސް އޮކްސްލޭޑް-ޗެމްބަލެއިން އެވެ.
އާސެނަލުން ނިކޮލަސް ޕެޕޭގެ ގޯލުން ލީޑުނަގާފައިވަނިކޮށް ކްރިސްޓަލް ޕެލަސް އަށް އެއްވަރުކޮށްދިނީ ކްރިސްޓިއަން ބެންޓެކޭ އެވެ. ގަބްރިއެލް މާޓިނެލީ އާސެނަލަށް ފަހު ވަގުތު އަލުން ލީޑުނަގައިިދިންއިރު، އާސެނަލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ގޯލު ޖެހީ ޕެޕޭ އެވެ.
ރޮބާޓޯ ޕެރެއިރާ ކޯނަރަކުން ގޯލަށް ފޮނުވާލި ބޯޅައިން ވެސްޓް ބްރޮމް ލީޑުނަގާފައިވަނިކޮށް ވެސްޓް ހޭމް އެއްވަރުކުރީ ތޯމަސް ސޫޝެކް ޖެހި ގޯލުންނެވެ. ވެސްޓް ހޭމް އަށް ލީޑުނަަގައިދިނީ ގަބްރިއެލް އޮގްބޮންނާ އެވެ. އަދި ފަހު ގޯލު ޖެހީ ކައުންޓަ އެޓޭކެއްގައި މިކޭލް އެންޓޯނިއޯ އެވެ.












