ހަރުކަށި ފިކުރުގެ ވިސްނުން ފެތުރުމުގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތަށް ރޭ ފުލުހުން ހައްޔަރުކުރި އަބްދުﷲ އަލީ މަނިކުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
އއ. ހިމަންދޫގައި ހިންގި ހަމަނުޖެހުމާ ގުޅިގެން މީގެ ކުރިން ޖަލަށްލާފައިވާ އުމުރުން 43 އަހަރުގެ އަބްދުﷲ އަލީ މަނިކު މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހއ. މޮޅަދޫއަށް ނިސްބަތްވާ އަބްދުﷲ އަލީ މަނިކަކީ ޕާކިސްތާނުން ކިޔައިވައިގެން އައި މީހެކެވެ. އޭގެ ފަހުން އޭނާ ވަނީ ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވެފަ އެވެ.
އެގޮތުގެ މަތިން 2007 ވަނަ އަހަރު އޭނާ އިސްކޮށް ހުރެ، އއ. ހިމަންދޫގައި ސަލާމަތީ ބާރުތަކާ ކުރިމަތިލި އެވެ. އެ މައްސަލާގައި އޭނާ ހައްޔަރުކޮށް އުފުލި ދައުވާ ސާބިތުވެ 10 އަހަރަށް ޖަލަށްލި އެވެ.
ނަމަވެސް، ޖަލުން އޭނާ ފިލައިގެން ގދ. ތިނަދޫގައި އުޅުނެވެ. ތިނަދޫގައި ހުއްޓާ އޭނާ އަތުލައިގަނެގެން ގެނައި މަގުމަތީ ނަމާދުކޮށްލަން ދިން ފުރުސަތުގައި ކަނޑަަށް ފުންމާލައިގެން އަނެއްކާވެސް ފިލަން މަސައްކަތްކުރި އެވެ.

އޭގެ ފަހުން އޭނާ އަނެއްކާވެސް ފިލައި، ހައްޔަރުކުރީ ސިފަ ބަދަލުކޮށްގެން ތިލަފުށީގައި އުޅެމުންދަނިކޮށެވެ. ރެއާ ހަމައަށް ދޫވެފައިހުރީ ޖަލު ހުކުމް ތަންފީޒުކޮށް ނިމިގެންނެވެ.
އޭނާ އަކީ ރ. އަތޮޅުގައި ނުރައްކާތެރި ދަރަޖައަކަށް ހަރުކަށި ފިކުރު ފެތުރުމުގައި އުޅުނު ކަމަށް ތުހުމަތުކުރާ އިސްމާއިލް ހައްމާދު ފަދަ ގިނަ ބަޔަކު ރެކްރޫޓްކުރި މީހެއް ކަން "އަދަދު"އަށް ވަނީ އެނގިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، ފުލުހުން ގެންދަނީ ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. ސިފައިން ދަނީ މާލޭ ތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.
ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާ ވެސް ހަރުކަށި ފިކުރާ ގުޅޭއިރު މިހާތަނަށް ހައްޔަރުކުރި ތިން މީހުންގެ ހަރުކަށި ފިކުރުގެ ވިސްނުންތައް ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އައްޑޫ ސިޓީގައި ވެސް ފުލުހުން އޮޕަރޭޝަނެއް ހިންގައި އައިއެސް ޖަމާއަތާ ގުޅުން އޮތް ހަތް މީހަކު ހައްޔަރުކޮށް ވަނީ ބަންދު ޖަހާފަ އެވެ. އޭގެ ފަހުން ކ. ގުރައިދޫއާ އިންވެގެން އޮންނަ ކުޑަ ފަޅު ރަށެއް ކަމަށްވާ ޅޮސްފުށި ވެސް ފުލުހުން ވަނީ ބަލާފާސްކޮށްފަ އެވެ.
މި އޮޕަރޭޝަންތަކާ ގުޅޭ ތަފްސީލީ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ނަމަވެސް، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ރައީސް ނަޝީދުގެ ހަމަލާއާ ގުޅުން އޮތް އެންމެ ހައްޔަރުކޮށް، އެކަމަށް ފަންޑުކުރި މީހުންނާއި އަޑީގައި ތިބި މީހުން ވެސް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.












