އެމެރިކާއިން ދެ ގޮތެއް ނުވެ އިޒްރޭލަށް ތާއީދު ކުރަނީ ކީއްވެ؟

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ (ކ) އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެން، މާޗް 2016 ގައި.-- ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ (ކ) އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެން، މާޗް 2016 ގައި.-- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ހުއްޓުމެއް ނެތި ފަލަސްތީނުގެ ގާޒާއަށް ބޮން އަޅަމުން ދާތާ މިއަދަށް 11 ދުވަސް ފުރިފައި ވާއިރު، އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ގެންދަވަނީ މީގެ އެތައް އަހަރެއް ކުރިން އެމެރިކާގައި ލިޔެފައިވާ ސްކްރިޕްޓަކާ އެއް ގޮތަށް އަކުރުން އަކުރަށް އަމަލު ކުރަމުންނެވެ.

އެއީ ދެ ގޮތެއް ނުވެ އަބަދުވެސް އިޒްރޭލަށް ތާއީދު ކުރާނެކަން ހާމަކޮށް، އިޒްރޭލަށް އަންނަ ހަމަލާތަކުން ރައްކާތެރިވުމަށް އަމިއްލަ ދިފާއުގައި ފިޔަވަޅު އެޅުމަކީ ގާނޫނުން ހުއްދަ ކަމެއްގެ ގޮތުގައި ދެކޭކަން ހާމަކުރުމެވެ. އިޒްރޭލުން ގާޒާއަށް ބޮން އެޅުމަކީ މައްސަލައެއް ނޫން ކަމަށް ދައްކަން މަސައްކަތް ކުރުމެވެ.

ފަލަސްތީނާއި އިޒްރޭލުގެ މައްސަލާގައި އަސްކަރީ ގޮތުންނާއި މުއްސަނދި ކަމުގެ ގޮތުންނާއި އެހެނިހެން ވަސީލަތްތަކުގެ ގޮތުން ކުރީގައި އުޅެނީ އިޒްރޭލުކަން އެމެރިކާ ސަރުކާރަށް ނުވިސްނޭ ކަހަލަ އެވެ. ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ތެރެއިން އަންނަ ފިއްތުންތައް އިތުރުވި ނަމަވެސް، އެމެރިކާގެ ވިސްނުން ބަދަލެއް ނުވެ އެވެ.

އެތައް އަހަރަކަށް ދިގުދެމިގެން ގޮސްފައިވާ މި މައްސަލާގައި މި އަހަރު ހަމަލާ ބަދަލު ކުރަން ފެށިތާ މިވީ 10 ދުވަސް ތެރޭގައި އެކަނިވެސް ފަލަސްތީނުގެ 61 ކުދިންނާއެކު ޖުމްލަ 213 މީހުން މަރުވެއްޖެ އެވެ. އިޒްރޭލުން މަރުވީ ދެ ކުދިންނާއެކު 12 މީހުންނެވެ. ހަމަލާތަކުން ނިކުންނަ ނަތީޖާ ސާފުކޮށް ފެންނަން އޮތް އިރު، އެމެރިކާއިން އަދިވެސް ދެ ގޮތެއް ނުވެ އިޒްރޭލަށް ތާއީދު ކުރަނީ ކީއްވެ ހެއްޔެވެ؟

އެމެރިކާއިން އިޒްރޭލަށް ތާއީދު ކުރަން ފެށީ ކޮން އިރަކު؟

ފެށުނީއްސުރެ ވެސް އެމެރިކާގެ ތާއީދު އޮންނަނީ އިޒްރޭލަށެވެ. ފަލަސްތީނުގެ ބިން ފޭރިގަނެ، އިޒްރޭލުގެ ދައުލަތެއް 1948 ގައި ފުރަތަމަ ފަހަރަށް އިއުލާނު ކުރުމުން އެކަން ބަލައިގަތް ދުނިޔޭގެ ފުރަތަމަ ވެރިޔަކީ އެމެރިކާގެ އޭރުގެ ރައީސް ހެރީ ޓްރޫމަން އެވެ.

އިޒްރޭލުގެ ދައުލަތް ބަލައިގަންނަން ޓްރޫމަން އަވަސްވެގަތީ ކީއްވެ؟

އެއް ސަބަބަކީ އެއީ ޓްރޫމަންގެ އަމިއްލަ ދިރިއުޅުމާ ގުޅިފައިވާ ކަމަކަށް ވާތީ އެވެ. އެމެރިކާއިން އިޒްރޭލުގެ ދައުލަތް ބަލައިގަންނަން ކުރި މަސައްކަތުގެ ފަހަތުގައި ހުރީ ޓްރޫމަންއާ އެކު ކުރިން ވިޔަފާރި ކުރި އެޑްވާޑް ޖޭކޮބްސަން އެވެ. އަނެއް ސަބަބަކީ ސްޓްރެޓެޖިކް ގޮތުން ލިބެން ހުރި ފައިދާތަކެވެ.

ސްޓްރެޓެޖިކް ގޮތުން ލިބެން ހުރީ ކޮން ފައިދާތަކެއް؟

އިޒްރޭލުގެ ދައުލަތެއް އުފެއްދީ ދެ ވަނަ ބޮޑު ހަނގުރާމަ ނިމުމާއެކު އެވެ. އޭރު ކޮމިއުނިސްޓް ރަޝިއާ އާއި އެމެރިކާއިން ވަނީ ފިނި ހަނގުރާމަ ފަށާފަ އެވެ.

ފިނި ހަނގުރާމައިގެ ތެރޭގައި މެދުއިރުމަތި ސްޓްރެޓެޖިކް ގޮތުން މުހިއްމުވީ އެތަނުގެ ތެލުގެ މުއްސަނދިކަމާއި، ސުއެޒް ކެނަލް ފަދަ މުހިއްމު ދަތުރުފަތުރުގެ ރޫޓުތައް ހުރުމުންނެވެ. އެހެންކަމުން މެދުއިރުމަތީގައި އަބަދު ވެސް އެމެރިކާއަށް ވަފާތެރި ދައުލަތެއް އޮތުން މުހިއްމުވީ އެވެ.

ނަމަވެސް އޭރު ވެސް އެމެރިކާގެ ދެ ގޮތެއް ނުވާ ތާއީދު އިޒްރޭލަކަށް ނުލިބެ އެވެ.

އެމެރިކާއިން ދެ ގޮތެއް ނުވެ އިޒްރޭލަށް ތާއީދުކުރަން ފެށީ ކޮން އިރަކު؟

މިކަން ދިމާވީ 1967 ގެ ހަނގުރާމައިގައި އިޒްރޭލުން އަރަބި ގައުމުތައް ބަލިކޮށް ކުރި ހޯދުމުންނެވެ. މިސްރާއި، ސީރިއާ އަދި އުރުދުންގެ ސިފައިން ބަލިކޮށް، ކުރިން އިޒްރޭލަށް ނުލިބި ހުރި ފަލަސްތީނުގެ ބިންކޮޅު ވެސް ފޭރިގަތެވެ. އޭގެ އިތުރަށް ސީރިއާ އާއި މިސްރުގެ ބިމުން ބައެއް ވެސް އަތުލައިގަތެވެ.

އޭގެ ފަހުން އެމެރިކާއިން ހުއްޓުމެއް ނެތި ދަނީ އިޒްރޭލަށް ތާއީދު ކުރަމުންނެވެ. އެމެރިކާއިން ދަނީ އިޒްރޭލުގެ ވަރުގަދަ އަސްކަރީ ބާރު އިތުރަށް ވަރުގަދަ ކުރަން އެހީވެ، އިޒްރޭލަށް ލިބިދާނެ ގެއްލުމަކުން ދިފާއުވުމުގައި ވެސް އެހީވަމުންނެވެ.

އެމެރިކާގެ ނިންމުމާ ގުޅުން ހުރި އެހެން ކަންކަމަކީ ކޮބާ؟

މިސްރާއި ސީރިއާގެ ސިފައިންނާ ދެކޮޅަށް އިޒްރޭލުން 1973 ގައި ކުރި އިތުރު ހަނގުރާމައަކުން ވެސް ކުރި ހޯދީ އިޒްރޭލެވެ.

ކޮމިއުނިސްޓް ރަޝިއާގެ ނުފޫޒު މެދުއިރުމަތިން ބޭރު ކުރުމުގެ ބޭނުމުގައި އެމެރިކާއިން ދެން މަސައްކަތް ފެށީ މިސްރާއި ސީރިއާގެ ގުޅުން ގޯސްކުރާށެވެ. އެގޮތުން އިޒްރޭލާއި މިސްރާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ހަދާ 1979 ގައި ސޮއިކުރި އެވެ.

އެ އެއްބަސްވުމުގެ ސަބަބުން އިޒްރޭލަށް އެމެރިކާގެ އެހީ ލިބޭތަ؟

ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު އެމެރިކާއިން ހުއްޓުމެއް ނެތި އެންމެ ގިނައިން އެހީ ފޯރުކޮށްދެމުންދާ ގައުމަކީ އިޒްރޭލެވެ.

ފަހުގެ ތާރީހަށް ބަލާއިރު، 2016 ވަނަ އަހަރު އޭރުގެ ރައީސް ބަރަކް އޮބާމާ ވަނީ އިޒްރޭލަށް އަސްކަރީ އެހީ ފޯރުކޮށްދިނުމަށް 38 ބިލިއަން ޑޮލަރު 10 އަހަރުގެ ތެރޭގައި ދޭން އެއްބަސްވެ ވަޑައިގެންފަ އެވެ. މި އެހީ ބޭނުން ކުރާނީ އިޒްރޭލުން ގެންގުޅޭ އަޔަން ޑޯމް މިސައިލް ޑިފެންސް ސިސްޓަމް ވަރުގަދަ ކުރާށެވެ.

މިހާ ބޮޑެތި އަދަދުތަކުން އެމެރިކާގެ ހިލޭ އެހީ އިޒްރޭލަށް ފޯރުކޮށްދޭއިރު، އިޒްރޭލަކީ ހަގީގަތުގައި ދުނިޔޭގެ އެންމެ މުއްސަނދި އެއް ގައުމެވެ.

އެމެރިކާގެ ނިންމުންތައް ބިނާވަނީ ހަމައެކަނި ސްޓްރެޓެޖިކް ފައިދާތަކަށްތަ؟

ހާރިޖީ ސިޔާސަތާ ގުޅުން ހުރި އެހެން ކަންކަން ފަދައިން އާއްމުންގެ ވިސްނުން ހުންނަ ގޮތާއި، ފައިސާ އަދި ފައިސާގެ ސަބަބުން ލިބޭ ސިޔާސީ ނުފޫޒަކީ އެމެރިކާއިން އިޒްރޭލާ މެދު ގެންގުޅޭ ހާރިޖީ ސިޔާސަތުގެ އެންމެ ބޮޑު ބައެވެ.

އާއްމުންގެ ވިސްނުން އަދާކުރީ ކޮން ދައުރެއް؟

އެމެރިކާގައި އާއްމުން އަބަދުވެސް ބުރަވަނީ އިޒްރޭލު ކޮޅަށެވެ. އޭގެ އެއް ސަބަބަކީ އިޒްރޭލުން އާއްމުންގެ ތާއީދު ހޯދަން ހިންގާ ޕީއާރް ހަރަކާތްތަކެވެ. ނަމަވެސް ފަލަސްތީނަށް ތާއީދު ކުރާ ބައެއް ގްރޫޕުތަކުން ހިންގާފައިވާ އަމަލުތަކުގެ ސަބަބުން އެމެރިކާގެ މީހުންގެ ހިތްތައް އިޒްރޭލަށް ދެވިފައިވެ އެވެ. އެގޮތުން 1972 ގައި އިޒްރޭލުގެ 11 އޮލިމްޕިކް އެތްލީޓުން މަރާލި ހާދިސާ ފާހަގަކުރެވެ އެވެ. މިފަދަ ހަބަރުތައް ނޫސްތަކުން ރިޕޯޓު ކުރުމުން އެމެރިކާ މީހުން އިޒްރޭލާ މެދު ހަމްދަރުދީ ވެ އެވެ.

ހަމްދަރުދީއަށް އެއްވެސް ބަދަލެއް އައިސްފިތަ؟

ގޯލަޕްއިން ކޮންމެ އަހަރަކު ވެސް ހަދާ ދިރާސާއިން ދައްކާ ގޮތުގައި އަހަރުން އަހަރަށް އެމެރިކާ މީހުން ފަލަސްތީނު މީހުންނާ މެދު ދެކޭ ގޮތް ދަނީ ރަނގަޅުވަމުންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ދިރާސާއިން ދެއްކި ގޮތުގައި އެމެރިކާގެ 25 ޕަސެންޓު މީހުން ބޮޑަށް ހަމްދަރުދީވަނީ ފަލަސްތީނާ މެދު އެވެ. އެއީ 2020 އާ އަޅާބަލާއިރު ދެ ޕަސެންޓުގެ އިތުރުވުމެކެވެ. އަދި 2018 އާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ.

ފަލަސްތީނު ސަރުކާރަށް ތާއީދު ކުރާ އެމެރިކާގެ މީހުންގެ ޕަސެންޓޭޖު ވެސް ވަނީ 30 ޕަސެންޓަށް އަރާފަ އެވެ. މިއީ 2020 އާ އަޅާ ބަލާއިރު ހަތް ޕަސެންޓުގެ ކުރިއެރުމެކެވެ.

ނަމަވެސް އަދިވެސް އެމެރިކާގެ މެޖޯރިޓީ ބުރަވަނީ އިޒްރޭލް ކޮޅަށެވެ. އެގޮތުން 58 ޕަސެންޓު މީހުން އިޒްރޭލާ މެދު ހަމްދަރުދީވާއިރު، 75 ޕަސެންޓު މީހުންގެ ތާއީދު އޮތީ އިޒްރޭލް ސަރުކާރަށެވެ.

އެމެރިކާގައި އިޒްރޭލަށް ތާއީދު ކުރާ ސިޔާސީ ނުފޫޒު އެބަ އޮތްތަ؟

އެމެރިކާއިން އިޒްރޭލަށް ތާއީދުކުރަން ޖެހޭނެ ކަމަށް ނިންމާ، އެކަން ޕްރޮމޯޓް ކުރާ ގިނަ ޖަމިއްޔާތަކެއް ހަރަކާތްތެރިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދި ސިޔާސީ ގޮތުން އެންމެ ބާރުގަދަ ޖަމިއްޔާއަކީ އެމެރިކަން އިޒްރޭލް ޕަބްލިކް އެފެއާޒް ކޮމިޓީ (އެއިޕެކް) އެވެ.

މި ޖަމިއްޔާއިން ހަރަކާތްތެރިވަނީ ސިޔާސީ ޕާޓީއެއް ފަދައިންނެވެ. އެގޮތުން ގްރާސްރޫޓު ފެންވަރުގައި ކަންކަން އިންތިޒާމުކޮށް، އަޑުއުފުލާ، ފަންޑު ހޯދުން ފަދަ ކަންކަން ކުރެ އެވެ. އެކަމުގައި ބޮޑަށް އުޅެނީ އެމެރިކާގައި ދިރިއުޅޭ ޔަހޫދީންނާއި ބައެއް ނަސާރާ ފައްޅިތަކުގެ މީހުންނެވެ.

އެއިޕެކް ކިހާ ބާރުގަދަ؟

އެއިޕެކްއިން ކޮންމެ އަހަރަކު ވެސް ބޮޑު ކޮންފަރެންސެއް ވޮޝިންޓަންގައި ބާއްވަ އެވެ. އެ ކޮންފަރެންސްގައި 20،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާއިރު އޭގެ ތެރޭގައި ސިޔާސީ ލީޑަރުން ހިމެނެ އެވެ. އެގޮތުން މިހާރުގެ ރައީސް ޖޯ ބައިޑެން އާއި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް އެއިޕެކް ކޮންފަރެންސްތަކުގައި ބައިވެރިވެ ވަޑައިގެންފައި ވެ އެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ ކޮންމެ އަހަރަކު ވެސް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާ މެމްބަރެކެވެ.

އެއިޕެކްއާ ވާދަވެރި ޖަމިއްޔާއެއް އުޅޭތަ؟

ޑިމޮކްރެޓިކް ޕާޓީގެ ވިސްނުމުގެ ތެރެއިން އުފެދުނު ޖޭ ސްޓްރީޓަކީ ކުޑަ ޖަމިއްޔާއެއް ނަމަވެސް، އެ ޖަމިއްޔާއިން އަންނަނީ އިޒްރޭލާއި ފަލަސްތީނުގެ ހައްގުތަކަށް ހަމަހަމަކާއެކު އިސްކަން ދިނުމަށް ބާރު އެޅުމުގެ ގޮތުން މަސައްކަތް ކުރަމުންނެވެ.

ޑޮލަރުން ކުރާ ނުފޫޒަކީ ކޮބާ؟

އިޒްރޭލަށް ތާއީދު ކުރާ ޖަމިއްޔާތަކުން އެމެރިކާގެ ސިޔާސީ ވެރިންނަށް މިލިއަނުން ފައިސާ ޑޮނޭޓު ކުރެ އެވެ. އެގޮތުން 2020 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި އިޒްރޭލަށް ތާއީދު ކުރާ ގްރޫޕުތަކުން ޖުމްލަ 30.95 މިލިއަން ޑޮލަރު ޑޮނޭޓު ކުރި އެވެ. އޭގެ ތެރެއިން 63 ޕަސެންޓު ލިބުނީ އިންތިހާބު ކާމިޔާބު ކުރި ޑިމޮކްރެޓުންނަށެވެ. އަދި ރިޕަބްލިކަނުންނަށް ލިބުނީ 36 ޕަސެންޓެވެ. އެއީ 2016 ވަނަ އަހަރު އެފަދަ ގްރޫޕުތަކުން ދިން ފައިސާއަށް ވުރެ ދެ ގުނަ އިތުރު އަދަދެވެ.

އިޒްރޭލު ފަޅީގައިވާ އެމެރިކާގެ ސިޔާސީ ވެރިންނަކީ ކޮބާ؟

ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ އިޒްރޭލަށް ވަރަށް ތާއީދުކުރެއްވި ބޭފުޅެކެވެ. އެއީ ނަތަންޔާހޫއާ ވިސްނުން އެއްގޮތް ވުމުންނާއި ނަސާރާއިންގެ ތެރެއިން ޔަހޫދީންނަށް ކުރާ ތާއީދުގެ ސަބަބުންނެވެ.

އެމެރިކާގެ ކޮންގްރެސްގައި ޑިމޮކްރެޓިކް އަދި ރިޕަބްލިކަން ޕާޓީގެ ބޮޑު މެޖޯރިޓީއަކީ ވެސް އިޒްރޭލަށް ތާއީދު ކުރާ މެމްބަރުންނެވެ.

ހައުސް އޮފް ކޮންގްރެސްގެ ރައީސް ނެންސީ ޕިލޯޒީ އާއި މެޖޯރިޓީ ލީޑަރު ސްޓެނީ ހޯޔާ އަދި ސެނެޓުގެ މެޖޯރިޓީ ލީޑަރު ޗަކް ޝޫމާއަކީ ވެސް އިޒްރޭލުގެ ސަޕޯޓަރުންނެވެ.

ފަލަސްތީނު ފަޅީގައިވަނީ އެމެރިކާގެ ކޮން ބަޔެއް؟

ފަލަސްތީނު ފަޅިއަށް އަބަދުވެސް ތާއީދު އޮންނަނީ 1980 ގައި އުފެއްދި އެމެރިކަން އަރަބް އެންޓި ޑިސްކްރިމިނޭޝަން ކޮމިޓީ (އޭޑީސީ) ގެ ތެރެއިންނެވެ. އޭގެ އިތުރުން 2001 ގައި އުފެއްދި ޔޫއެސް ކެމްޕެއިން ފޯ ޕަލެސްތީނިއަން ރައިޓްސްއިން ވެސް މަސައްކަތް ކުރެ އެވެ. ނަމަވެސް މި ގްރޫޕުތަކުން ކެމްޕެއިނާ ދިމާކޮށް ސިޔާސީ ކަންކަމަށް ފައިސާ ހަރަދުކޮށް ނުހަދަ އެވެ.

ފަލަސްތީނު ފަޅީގައިވާ އެމެރިކާގެ ސިޔާސީ ވެރިންނަކީ ކޮބާ؟

ފަހުގެ ތާރީހުގައި ޑިމޮކްރެޓިކް ޕާޓީގެ ތެރެއިން ފަލަސްތީނަށް ތާއީދު ކުރާ ވެރިންތަކެއް ވަނީ އުފެދިފަ އެވެ. އަދި އެ މީހުން ދަނީ ލިބިފައިވާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން އަޑުއުފުލަމުންނެވެ.

އެންމެ އިސްކޮށް ފާހަގަކުރެވޭ ވެރިންނަކީ ސެނެޓާ ބާނީ ސެންޑާޒް އާއި އެލިޒަބަތް ވޮރެން އެވެ. މިއީ 2020 ގެ ރިޔާސި އިންތިހާބުގައި ޕާޓީގެ ޓިކެޓަށް ވާދަކުރެއްވި ދެ ކެންޑިޑޭޓުންނެވެ. ބާނީ އާދި އެލިޒަބަތު ވެސް ވަނީ ފަލަސްތީނުގެ ހައްގުތަކަށް އަރައިނުގަންނަން ޝަރުތުކުރުމަށް ފަހު މެނުވީ އިޒްރޭލަށް އެހީ ނުދިނުމަށް ގޮވާލައްވާފަ އެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި އެލްގްޒޭންޑްރިއާ އޮކާސިއޯ ކޯޓެޒް، އިލްހާން އުމަރު، އަޔާނާ ޕްރެސްލީ އަދި ރާޝިދާ ތްލެއިބް ފަދަ މެމްބަރުން ފާހަގަކުރެވެ އެވެ. އޭގެ ތެރެއިން ރާޝިދާއަކީ ކޮންގްރެސްއަށް އިންތިހާބުވި އެންމެ ފުރަތަމަ ފަލަސްތީނު ނަސްލުގެ އެމެރިކާ ރައްޔިތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox