އިއްޔެ ހަވީރު ކުދި ބޮޑު އެންމެން ޝުއޫރުފާޅުކުރަމުން ދިޔައީ ފަލަސްތީނާ އެކު ދިވެހި ތިބިކަން ރަމްޒުކޮށްދޭ އެކި މެސެޖުތަކާ އެކު އެވެ. އެޕާޓްމަންޓުތަކުގެ ބެލްކަނީގަޔާއި ދިރިއުޅޭ ގެ ކައިރިޔާއި މަގުމަތީގަ އެވެ. ފަލަސްތީނާ އެކު ތިބިކަން އަންގައިދޭން ބޭއްވި ހަރަކާތުގައި ގައުމީ ޓީމުން ވެސް ބައިވެރިވި އެވެ. ގައުމީ ޓީމު މި ވަގުތު ތިބީ އަމިއްލަ އާއިލާއާ ދުރުގައި ހޮޓެލް ޖެންގައި ކޭމްޕް ކޮށްގެންނެވެ.
ގައުމީ ޓީމު ކޭމްޕް ކޮށްގެން ތިބީ މި މަހު 30 އިން އަންނަ މަހު 15 އަށް ސެންޓްރަލައިޒްކޮށް ޗައިނާގައި ކުރިއަށްދާ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކަށް ދިއުމުގެ ކުރިން ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެެވެ. އެއީ މާލޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، ކުޅުންތެރިން ވެސް ޕޮޒިޓިވްވަމުންދާތީ އެފްއޭއެމުން އެޅި ފިޔަވަޅެކެވެ.
ޒުވާނުންތަކެއް އިސްނަގައިގެން އިއްޔެ ހަވީރު ފަލަސްތީނާ އެކު ދިވެހި ތިބިކަން ދައްކުވައިދޭން ބޭއްވި ހަރަކާތަށް ވަރަށް ހީވެސް ނުކުރާހާ ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ. މިކަމުގައި ގައުމީ ޓީމު ވެސް ބައިވެރިވެވެން އޮތްގޮތަކަށް އެއްބާރުލުންދިނީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަލީ ސުޒޭން އިސްނެގުމާ އެކު އެވެ.
ގައުމީ ޓީމުގެ މެނޭޖަރު ޔާމީން އިބްރާހިމް (ޔާމްބެ) މިއަދު "އަދަދު" އަށް ބުނީ މިއީ ކޯޗު ސުޒޭންގެ އިސްނެގުމާ އެކު ކުޅުންތެރިން ވެސް ބޭނުންވެގެން ކުރިއަށްދިޔަ ފޮޓޯ ސެޝަނެއް ކަމަށެވެ. އަދި މިކަމުގައި ކުޅުންތެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނުކަން ޔާމީން ފާހަގަކުރި އެވެ. އެ ގޮތުން ކޮންމެ ކުޅުންތެރިއަކު ކަހަަލަ ގޮތަކަށް ފަލަސްތީނުގެ ދިދަ ހިފައިގެން ފޮޓޯއެއް ނަގާފައިވެ އެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިން ވަނީ އެ ފޮޓޯ ސޯޝަލް މީޑިއާއަށް ދޫކޮށްލައިފަ އެވެ.
ގައުމީ ޓީމު ސްކޮޑުގައި މި ފަހަރު އެކި ސަބަބުތަކާ ހުރެ ނުހިމެނޭ ކުޅުންތެރިން ވެސް ވަނީ ފަަލަސްތީނާ އެކު ތިބިކަން ދައްކުވައިދީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފަ އެވެ.
މިދިޔަ ހަތް ވަރަކަށް އަހަރަށް ބަލާއިރު ފަލަސްތީން ގައުމީ ޓީމާއި ރާއްޖޭގެ ގައުމީ ޓީމު ވަނީ ބައިނަލްއަގުވާމީ މެޗުތަކެއް ކުޅެފަ އެވެ. އެ ގޮތުން 2014 އަހަރު ފަލަސްތީނާއި ރާއްޖެ ވަނީ މާލޭގައި ކުޅުނު އޭއެފްސީ ޗެލެންޖް ކަޕްގައި ވާދަކޮށްފަ އެވެ. އެ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އެ ފަހަރު ފަލަސްތީނުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، ދިވެހި ގިނަ ބަޔަކު ދަނޑަށް ގޮސް ފަލަސްތިނަށް ސަޕޯޓްކުރި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި 2019 ވަނަ އަހަރު ގައުމީ ޓީމު ވަނީ ދެ ފަހަރެއްގެ މަތިން ފަލަސްތީނާ ދެކޮޅަށް ކުޅެފަ އެވެ. މާލޭގައި ފަލަސްތީނު 3-0 އިން މޮޅުވިއިރު، ފަލަސްތީނުގައި ކުޅުނު މެޗުން އެ ޓީމު ވަނީ ރާއްޖެ 8-1 އިން ބަލިކޮށްފަ އެވެ. ފަަލަސްތީނުގައި ކުޅުނު އެ މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ދާން ޖެހުނީ ވަރަށް އުނދަގޫ ދަތުރެއް ކުރުމަށް ފަހު އެވެ. އެތައް ގަޑިއިރެއް ވަންދެން ބޯޑަރު ހުރަސްކުރަން ތިބެން ޖެހުމުން ރާއްޖޭގެ ކުޅުންތެރިން ކުރަން ޖެހުނު ތަޖުރިބާތައް ބައެެއް ކުޅުންތެރިން ވަނީ މީޑިއާ އަށް ހިއްސާކޮށްފަ އެވެ. އެ މެޗު ކުޅުނު ގިނަ ކުޅުންތެރިން މި ވަގުތު ގައުމީ ސްކޮޑުގައި ހިމެނެ އެވެ.
ފަލަސްތީނާ އެކު ތިބިކަން ދައްކުވައިދޭން ބައިނަލްއަގުވާމީ ގިނަ ފުޓްބޯޅަ ކުޅުންތެރިން ވެސް އަންނަނީ މެޗުތަކަށް ފަހު ފަލަސްތީނުގެ ދިދަ ބޭނުންކުރަމުންނެވެ.













