ލަންޑަން (މެއި 19) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ 2-1 އިން ލެސްޓާ ސިޓީ ބަލިކޮށް، މީގެ ތިން ދުވަސް ކުރިން އެފްއޭ ކަޕް ފައިނަލުގައި އެ ޓީމު އަތުން ވީ ބަލީގެ ބަދަލުހިފައި ޗެލްސީން ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި ޗެމްޕިއަންކަން ކަށަވަރުކޮށްފައި އޮތް މެންޗެސްޓާ ސިޓީ މިރޭ ވަނީ ރަށުންބޭރުގައި 3-2 އިން ބްރައިޓަން އަތުން ބަލިވެފަ އެވެ. ސިޓީ އަށް 37 މެޗުން ވަނީ 83 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތީ 37 މެޗުން 71 ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ޔުނައިޓެޑް އެވެ. ލެސްޓާ ބަލިވުމުން ޔުނައިޓެޑަށް ވަނީ ލީގުގެ ދެ ވަނަ ކަށަވަރުވެފަ އެވެ. ޔުނައިޓެޑް މިރޭ ވަނީ ރެލިގޭޓްވެފައިވާ ފުލަމްއާ 1-1 އިން އެއްވަރުވެފަ އެވެ.
ގަދަ ހަތަރެއްގެ ފަހު ދެ ޖާގައިގެ ވާދަވެރިކަން ވަނީ ވަރަށް ފޯރިގަދަވެފަ އެވެ. ޗެލްސީ ތިން ވަނައިގައި އޮތީ 37 މެޗުން 67 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ލެސްޓާ އަށް ވަނީ 37 މެޗުން 66 ޕޮއިންޓް ލިބިފަ އެވެ. މާދަމާރޭ ފަސް ވަނައިގައި އޮތް ލިވަޕޫލުން ބާންލީ ބަލިކޮށްފިނަމަ ލީގުގެ ހަތަރަކަށް އެރޭނެ އެވެ. އެއީ ލަނޑުގެ ތަފާތުންނެވެ. ލިވަޕޫލް މި ވަގުތު ފަސް ވަނައިގައި އޮތީ 36 މެޗުން 63 ޕޮއިންޓާ އެކު އެވެ.
މިރޭ ނަތީޖާއާ އެކު ލީގުގެ ގަދަ ހަތަރެއްގައި ނިންމައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު ޗެލްސީން ވަނީ ބޮޑުކޮށްފަ އެވެ. އާދިއްތަ ދުވަހު ކުޅޭ ފަހު މެޗުން ރަށުންބޭރުގައި އެސްޓަން ވިލާ އަތުން މޮޅުވެގެން އެހެން މެޗުތަކުގެ ނަތީޖާ އަށް ނުބަލައި ޗެލްސީ އަށް ގަދަ ހަތަރެއް ކަށަވަރު ކުރެވޭނެ އެވެ. ލިވަޕޫލް ކުރިއަށް އޮތް ދެ މެޗުންނާއި ލެސްޓާ އާދިއްތަ ދުވަހު ކުޅޭ މެޗުން މޮޅުވެއްޖެނަމަ ލެސްޓާ އާއި ލިވަޕޫލް ތެރެއިން ގަދަ ހަތަރެއް ލިބޭ ޓީމެއް ކަނޑައަޅާނީ ލަނޑުގެ ތަފާތުންނެވެ.
ގަދަ ހަތަރަކުން ޗެލްސީ ކެޓުމުގެ އޮތީ ހަނި ފުރުސަތެކެވެ. ޗެލްސީ ކަޓާނީ ފަހު މެޗުގައި އެ ޓީމު އެސްޓަން ވިލާ އަތުން ބަލިވެ، ލިވަޕޫލް ކުރިއަށް އޮތް ދެ މެޗުންނާއި ލެސްޓާ ބާކީ އޮތް މެޗުން މޮޅުވެއްޖެނަމަ އެވެ. ލިވަޕޫލަށް އޮތީ މާދަމާރޭ ބާންލީއާ ކުޅޭ މެޗާއި އާދިއްތަ ދުވަހު ކްރިސްޓަލް ޕެލަސްއާ ކުޅޭ މެޗެވެ. ލެސްޓާ އަށް އޮތީ އަމިއްލަ ދަނޑުގައި ޓޮޓެންހަމާ ބައްދަލުކުރާ މެޗެވެ.
ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މިރޭ ޗެލްސީން ލެސްޓާއާ ދެކޮޅަށް ނުކުތީ އެފްއޭ ކަޕްގެ ފައިނަލުން ބަލިވުމުގެ ބަދަލުހިފަން ނޫން ކަމަށާއި ޗެމްޕިއަންްސް ލީގުގެ ޖާގައެއް ކަށަވަރު ކުރަން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ކަމަށެވެ.
"ވަރަށް ރަނގަޅަށް ފުރަތަމަ ހާފު ދިޔައީ. އެކަމަކު އަހަރެމެން ޖެހި ދެ ގޯލު ވެސް ބަލައިނުގަތް. އެ ރޫހު ބަދަލު ނުކޮށް ދެ ވަނަ ހާފުގައި ވެސް މަަސައްކަތްކޮށް މޮޅުމިވީ. މި ހިސާބުން ނިމުނީއެއް ނޫން އަރާމްކުރަން ވަގުތެއް ނެތް،" ޓުޗެލް ބުންޏެވެ.

ޗެލްސީގެ ވާނާ (ކ) ލެސްޓާގެ ފޮފާނާ ކައިރިން ބޯޅަ ކޮންޓްރޯލްކުރަނީ.-- ފޮޓޯ: އޭއެފްޕީ
މިދިޔަ އަހަރުގެ މާޗް މަހަށް ފަހު މި ހަފްތާގެ މެޗުތަކަށް ހަމައެކަނި ހޯމް ސަޕޯޓަރުން ވައްދަން ވަނީ ހުއްދަ ދީފަ އެވެ. ޗެލްސީ ސަޕޯޓަރުން ކުރިމަތީގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޓިމޯ ވާނާ ޖެހި ދެ ގޯލު ވަނީ ބަލައިނުގަންނަން ނިންމައިފަ އެވެ. ފުރަތަމަ ގޯލު އޮފްސައިޑް ކަަމަށް ނިންމިއިރު، ދެ ވަނަ ގޯލު ބަލައިނުގަތީ އަތުން ބޯޅަ ފޮނުވާލުމުންނެވެ.
ދެ ވަނަ ހާފް ފެށިގެން ދެ މިނިޓް ތެރޭ އެންޓޯނިއޯ ރޫޑިގާ ވަނީ ޗެލްސީ އަށް ލީޑުނަގައިދީފަ އެވެ. މެޗުގެ 66 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޖޯޖީނިއޯ ވަނީ ޗެލްސީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ލެސްޓާގެ ވެސްލީ ފޮފާނާ އޭރިއާތެރެއިން ޗެލްސީގެ ވާނާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށް ފަހު އެވެ.
ލެސްޓާ އިން އަލުން މެޗުގެ ތެރެއަށް އައީ 76 ވަނަ މިނިޓްގައި ކެލެޗީ އިހެނާޗޯ ޖެހި ގޯލުންނެވެ. މެޗުގެ ފަހު މިނިޓްގައި ލެސްޓާ އަށް އެއްވަރު ކޮށްދޭން ސްޕެއިނުގެ ވިންގް އަޔޯޒީ ޕެރޭޒަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާތެރެއިން ހުސްކޮށް ހުރެފައި ޕެރޭޒް ޖެހި ޝޮޓް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ސިޓީން މިރޭ ބްރައިޓަން ދަނޑުގެ ބޮޑުބައި ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ސިޓީން އިލްކާއި ގުންޑޮގާންގެ ގޯލުން ލީޑު ނަގާފައިވަނިކޮށް މެޗުގެ 10 ވަނަ މިނިޓްގައި ސިޓީގެ ޔާއޯ ކަންސެލޯ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ކަންސެލޯ އަށް ރަތް ކާޑެއް ދެއްކީ އެންމެ ފަހު ކުޅުންތެރިއަކަށް ހުރެ ބްރައިޓަންގެ ޑެނީ ވެލްބެކަށް ފައުލުކުރި ކަމަށް ބަލައިފަ އެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ މެޗުގެ 48 ވަނަ މިނިޓްގައި ފިލް ފޯޑެން ސިޓީ އަށް ލީޑުފުޅާކޮށްދިނެވެ.
ލީގުގެ 15 ވަނަ އަށް މިރޭ ޖެހިލި ބްރައިޓަން އިން ސިޓީއާ ދެކޮޅަށް ނަތީޖާ އަނބުރާލީ ފަހަތުން އަރައި ތިން ގޯލު ޖަހައިގެންނެވެ. އެ ގޮތުން މެޗުގެ 50 ވަނަ މިނިޓްގައި ބްރައިޓަންގެ ފުރަތަމަ ގޯލު ޖެހީ ޔޫރޯގައި ބެލްޖިއަމް ސްކޮޑުގައި ހިމެނުނު ލެއަންޑްރޯ ޓްރޮސާޑް އެވެ. މެޗުގެ 72 ވަނަ މިނިޓްގައި އެޑަމް ވެބްސްޓާ ބްރައިޓަން އަށް އެއްވަރުކޮށްދިނެވެ. އޭގެ ހަތަރު މިނިޓް ފަހުން ބްރައިޓަން މޮޅުކޮށްދިނީ ޑެން ބާން އެވެ. މިއީ 2010 ވަނަ އަހަރުގެ ފަހުން ބާން ޖެހި ފުރަތަމަ ގޯލެވެ.
މި މެޗުގައި ބްރައިޓަންގެ ކޯޗިން ސްޓާފުންގެ ފަރާތުން ފެނިގެންދިޔަ ބައެއް ކަންތައްތަކާ ހުރެ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މެޗަށް ފަހު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.












