މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި މި މަހުގެ ތިން ވަނަ ދުވަހު އެޅި ވަރުގަދަ ފިޔަވަޅުތައް އިތުރު ދެ ހަފުތާއަށް ދަންމާލަން ނެރުނު އެންގުމާ އެކު، މިހާރު ތަބާވާންޖެހޭ ފިޔަވަޅުތަކާ މެދު ގިނަ ބަޔަކަށް އޮޅުން އަރައިފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ރޭ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 މި މަހުގެ ތިން ވަނަ ދުވަހު އެޅި ފިޔަވަޅުތައް އިތުރު 14 ދުވަހަށް ދަންމާލާފައިވާ ކަމަށެވެ.
މާލެ ސަރަހައްދަށް މެއި 3ގެ ފިޔަވަޅުތައް
- ޕާކުތަކާއި، މައިޒާންތަކާއި، ކުޅިވަރުކުޅޭ ތަންތަނާއި، ދުވާ ޓްރެކުތަކާއި، ސްވިމިން ޓްރެކްތައް ބަންދުކުރުން.
- ކުޅިވަރުކުޅުމާއި، ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓައިލުން.
- ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުން.
- ހުއްދައާ އެކު ޒަރޫރީ ބޭނުންތައް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން.
- މާލެއިން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން.
- ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުމާއި، އެ ރަށް ރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން.
- ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް، 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން.
- އިންޑިއާއިން އަންނަ ދިވެހިންނާއި ވާކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ފުރިހަމަކޮށް، ޕީސީއާރު ޓެސްޓް ހެދުން.
- ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދެވިފައިވާ ލުއިތައް މެދުކަނޑައިލުން.
އެ ދުވަހުގެ އެންގުމަކީ އެޗްޕީއޭގެ 2021/34 ވަނަ އެންގުމެވެ. ނަމަވެސް، އޭގެ ފަހުން މާލޭގެ އިތުރުން އަތޮޅު ތެރޭގައި ޕޮޒިޓިވް ކޭސްތައް އިންތިހާއަށް އިތުރުވެ، ކޮވިޑުގެ ހާލަތު ގޯހުން ގޯހަށް ދިއުމުގެ ސަބަބުން، ރޭގެ އެންގުމާ ހަމައަށް ޖުމްލަ 17 އެންގުމެއް އެޗްޕީއޭއިން ނެރެފައިވެ އެވެ.
އޭގެ ތެރޭގައި މެއި ތިން ވަނަ ދުވަހުގެ އެންގުމާ ސީދާ ގުޅުން ހުރި ގިނަ އެންގުންތަކެއްގެ އިތުރުން މާލެ ސަރަހައްދަށް ހާއްސަކޮށް އެޅި އިތުރު ފިޔަވަޅުތަކުގެ އެންގުންތަކެއް ވެސް ހިމެނޭއިރު، ރޭގެ މުއްދަތު އިތުރުކުރި އެންގުމުގެ ސަބަބުން ގިނަ ބަޔެއްގެ ސިކުނޑީގައި ވަނީ ސުވާލު މާކެއް ޖެހިފަ އެވެ.

އޮޅުން އެރީ ފަހުގެ ފިޔަވަޅުތަކުގެ ސަބަބުން
މިގޮތުން، މެއި 3ގެ އެންގުމުގެ ފަހުން ތަފާތު އެކި އެންގުތައް މެދުވެރިކޮށް، ޓިއުޝަން ކްލާސްތަކާއި، ޑޭ ކެއާ ސެންޓަރުތަކާއި، ސަރުކާރާއި އަމިއްލަ އޮފީސްތައް ބަންދުކޮށް ގޭގައި ތިބިގެން މަސައްކަތްކުރާ ގޮތަށް ހެދުމުގެ އިތުރުން، ޖިމްތަކާއި ސެލޫންތަކާއި ސިނަމާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
އެ ތަންތަން ބަންދުކުރީ މުއްދަތެއް ނެތް ގޮތަށް އެހެން ގޮތަކަށް އަންގަންދެންނެވެ.
އޭގެ އިތުރުން، މެއި 11ގައި އެޗްޕީއޭއިން ވަނީ ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފަ އެވެ.
އަދި ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ އެންމެހައި ތަންތަނުން ޓޭކް އަވޭއާއި ޑެލިވަރީ ގެ ހިދުމަތް ފިޔަވައި އެހެނިހެއް ހިދުމަތް ދިނުން ހުއްޓައިލުމުގެ އިތުރުން އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން އެ އެންގުން މެދުވެރިކޮށް ވަނީ މަނާކޮށްފަ އެވެ.
ފިތުރު އީދާ ދިމާކޮށް ޖަމާއަތުގައި ނަމާދުކުރުން ވެސް މަނާކޮށްފައިވަނީ މެއި 11އިން ފެށިގެން ހަފްތާއެއްގެ މުއްދަތަށެވެ.
އެ ހަފްތާ ހަމަވުމުގެ ކުރިން، މާ ކުރިން ނެރެފައިވާ އެންގުމެއްގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކެއްގެ މުއްދަތު އިތުރުކުރުމުން، މިހާރު އަމަލުކުރަން ޖެހޭ ކާފިއު ގަޑިއަކީ ކޮބައިތޯ ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އަދި އެ އެންގުމުގެ މުއްދަތު އިތުރުކުރުމުން ކެފޭތައް ބަންދުކުރުމާއި، ޖަމާއަތުގައި ނަމާދުކުރުން ފަދަ މެއި 3ގެ އެންގުމުގެ ފަހުން އެޅި ފިޔަވަޅުތައް މިހާރު އުވުނީތޯ ވެސް އެއީ އަނެއް ބަޔަކު ކުރަމުންދާ ސުވާލެކެވެ.
މުއްދަތު އިތުރުކުރި އެންގުމުގެ ފަހުގެ އެންގުމެއް ބާތިލެއް ނުކުރޭ
އެކަމާ ގުޅޭގޮތުން އަރާފައިވާ އޮޅުންތައް ސާފުކޮށް ދެއްވަމުން އެޗްޕީއޭގެ ޑެޕިޔުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާނު "އަދަދު"އަށް ވިދާޅުވީ އޭގެ ފަހުން މެއި 6ގައި ނެރުނު 2021/35 ވަނަ އެންގުމުގައި މެއި 3ގެ އެންގުމުގެ ތިން ވަނަ ޕޮއިންޓުގައިވާ ވެހިކަލް ދުއްވުން މަނާކުރާ ގަޑީގެ ބައި ބާތިލުކޮށްފައިވާ ކަމަށެވެ.
އަދި މެއި 11 ގައި އާ ފިޔަވަޅުތަކާއެކު ނެރުނު އެންގުމުގައި ކާފިއު ގަޑިއަށް ބަދަލު ގެނައި 2021/35 އެންގުން ބާތިލުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ރޭ މުއްދަތު އިތުރުކުރި އެންގުމުގައި މެއި 3ގެ ފަހުން އިތުރު ކުރި ފިޔަވަޅުތައް ބާތިލުކޮށްފައިނުވާ ކަމަށް ވެސް ތަސްލީމާ ވިދާޅުވި އެވެ.
ނަމަވެސް، އެކަން ސާފުކޮށް ދެއްވުމަށް ތަސްލީމާ ކުރެއްވި މަސައްކަތުން ވެސް އުފެދެނީ އިތުރު ސުވާލެކެވެ.
އެއީ މެެއި 3ގެ އެންގުމުގެ ފަހުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް، އެ އެންގުމުގެ މުއްދަތު ރޭ އިތުރު ކުރި ސަބަބާ މެދުގަ އެވެ.
އެޗްޕީއޭ އިން ފިޔަވަޅުތައް ހަރުކަށިކޮށް އާއްމުކޮށް ބަލަނީ ދެ ހަފުތާގެ މުއްދަތަކަށެވެ. އެކަމަކު ދެ ހަފުތާ ވެސް ނުވަނީސް މި ފަހުން މި ފެންނަނީ ނެރެފައިވާ އުސޫލްތަކުގެ މައްޗަށް އުސޫލްތައް ނެރޭ ތަނެވެ.
މީގެއިން ރައްޔިތުން އަމަލުކުރަންވީ ކޮން އުސޫލަކަށްތޯ ސާފުނުވާ ދަރަޖައަށް އުސޫލްތައް އެބަ އާއްމުކުރެ އެވެ.
މިކަމުގައި އޮޅުން އަރާފައި މިތިބެނީ ކޮވިޑާ ހެދި އެޗްޕީއޭ އިން ނެރޭހާ އުސޫލަކަށް ތަބާވާން މަޖުބޫރުވެފައި ތިބި ރައްޔިތުންނަށެވެ.













