އަސްރާ އަށް އޮތް ކުރު ހަޔާތާއި ލާމަސީލު ލޯބި!

އަސްރާ އަދި އޭނާގެ ފިރިމީހާ ޔާސިރު: އަސްރާގެ ބަލި ހާލަތު ބޮޑަސް، ފިރިމީހާގެ ލޯބި އިންތިހާއަށް --

އަސްރާ އަދި އޭނާގެ ފިރިމީހާ ޔާސިރު: އަސްރާގެ ބަލި ހާލަތު ބޮޑަސް، ފިރިމީހާގެ ލޯބި އިންތިހާއަށް --

"މިކަމުން ސަލާމަތްވެގެން އެންމެ ދުވަހެއް ވެސް ހެޕީކޮށް، ބަލި މީހެއް ނޫންކަން އިހުސާސްކޮށްގެން އުޅެލަން ބޭނުން. ބޭނުންވޭ މި އޮކްސިޖަން ބޭގުން ސަލާމަތްވެގެން ނޯމަލް މީހެއްގެ ދިރިއުޅުން އުޅެލަން، މޫދަށް ގޮސްލާ އުޅެލަން،"

މޫދަށް އެރިލައި، ސަކަރާތް ޖަހާލާ ހިތް ކިތަންމެ ވިޔަސް، އެއީ އައިމިނަތު އަސްރާއަށް އޮތް ނަސީބެއް ނޫނެވެ. އާންމު މީހަކަށް އެއީ ދިރިއުޅުމުގެ ބަޔަކަށްވީ ނަމަވެސް އެ ކުޑަ މިންވަރަކީ އަސްރާގެ މުޅި ހަޔާތުގެ މަގުސަދެވެ. އޮކްސިޖަން ބޭގެއް އަތުން ހިފަހައްޓައިގެން، ހޮޅި ގުޅައިގެން ނޭވާލަމުންދާ އައިމިނަތު އަސްރާގެ ހަޔާތާމެދު އޮތް ކުޑަ އުއްމީދެވެ.

ސިއްހީ ގޮތުން އެތައް ތަކުލީފެއް އުފުލަމުންދާ އަސްރާގެ ހިތުގައި ލޯވަޅެއް އެބަ އިނެވެ. އޭގެ ސަބަބުން އޭނާގެ ފުއްޕާމޭ ވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާއިރު، ނޭވާލެވެނީ އޮކްސިޖަން ޕަންޕެއްގެ އެހީގަ އެވެ. ދިރިހުރެވޭނީ ބޭސްތަކެއް އެހީގަ އެވެ.

Advertisement

ޓީވީއެމްއިން ގެނެސްދިން "އިހުސާސް" ޕްރޮގްރާމްގައި އަސްރާގެ ހަޔާތުގެ ސަފުހާތައް ކިޔައިދީފައިވާއިރު، އެ އިހުސާސްތައް އެންމެންގެ ހިތްތަކާ ވަނީ ކުޅެލާފަ އެވެ. އަސްރާގެ ހަޔާތުގައި އުފުލި ވޭނާއި ކުރަމުންދާ އުއްމީދުތަކާއި އޭނާގެ ފިރިމީހާ ޔާސިރު އަހުމަދުގެ ހިތްވަރުން އެންމެންގެ ލޯތައް ވެސް ކަރުނައިން ހިލުވާލި އެވެ.

އަސްރާގެ ދެރަ ދިރިއުޅުން

ފުވައްމުލަކަށް އުފަން އަސްރާ އެންމެ ކުޑަ ދުވަހުން ފެށިގެން ވެސް ތަޖުރިބާ ކުރަމުން ދިޔައީ ހިތި ދިރިއުޅުމެކެވެ. ހަރަކާތްތެރިވެ، ހެލިފެލިވެ އުޅުމަށް އަސްރާއަށް އުނދަގޫއިރު، އޭނާއަށް އެތައް މަލާމާތެއް ރައްދުވި އެވެ. އެހެން ކުދިންގެ ބުލީކުރުންތަކުން އަސްރާގެ ޅަ އުމުރުގެ ހަޔާތް ބަނަކޮށްލި އެވެ.

"ނުވެސް ކުޅެވޭ. ދުރުގައި ބަލަން ހުންނާތީ އެހެން ކުދިން ދިމާވެސް ކުރޭ،" އަސްރާ، އޭނާގެ ޅަ ދުވަހުގެ ވާހަކަތައް ކިޔައިދިނެވެ.

އުފެދުމުގައި ވެސް އަސްރާގެ ހިތުގައި ލޯވަޅު ހުރި ނަމަވެސް، އެކަން އޭރަކު ނޭނގެ އެވެ. އުމުރު މަތިވަމުން ދިޔަ ވަރަކަށް އުފުލަން ޖެހުނު ވޭންތައް ބޮޑުވި އެވެ. އެ ވޭންތަކާއެކު ވެސް ދިރިއުޅުމެއް ފަށަން އަސްރާ ބޭނުންވެފައި ހުރިލެއް ބޮޑުކަމުން މާލެ ބަދަލުވެ މީހަކާ ކައިވެނިކުރި އެވެ. ނަމަވެސް، އެ ދިރިއުޅުން އޭނާ އުއްމީދުކުރި ގޮތަކަށް ނުދިޔަ އެވެ.

އަސްރާ: ޅަ އުމުރުގައި ވެސް ދިމާވީ ހިތްދަރި ދިރިއުޅުމަކާ
އަސްރާ: ޅަ އުމުރުގައި ވެސް ދިމާވީ ހިތްދަރި ދިރިއުޅުމަކާ

އަސްރާ: ޅަ އުމުރުގައި ވެސް ދިމާވީ ހިތްދަރި ދިރިއުޅުމަކާ

"ވަޒީފާގައި އުޅެނިކޮށް ކުއްލިއަކަށް ހުންގަދެވެގެން ހޮސްޕިޓަލަށް ދިޔައީ، ހޮސްޕިޓަލަށް ދިޔަތަނާ ބުނީ އައިސީޔޫގައި ބާއްވަން ޖެހޭ ވާހަކަ، އޭރު އަތަކު ފައިސާއެއް ނެތް، ފިރިމީހާގެ އަތަކު ވެސް ނެތް، އެހެންވެ، ހޮސްޕިޓަލުން ފިލައިގެން އައީ،" އަސްރާ ބުންޏެވެ.

އެކަމަކު، ފިލައިގެން އުޅެވޭވަރަށްވުރެ އަސްރާގެ ހާލު ބޮޑުވި އެވެ. އެންމެފަހުން އޭނާ އައިސީޔޫއަށްލި އެވެ. އެއީ ރަސްމީކޮށް އަސްރާގެ ބަލި ދެނެގަނެވުނު ފަހަރެވެ. ބައްޕަ އާއި ބޭބެ ވެސް މާލެ އައިސް އަސްރާގައި ހުއްޓެވެ. ދުޅަހެޔޮ ހަށިގަނޑަކާއެކު އަސްރާ އައިސީޔޫއަށް ވެއްދި ނަމަވެސް، އޭގެ މަސް ދުވަސް ފަހުން ނެރުނުއިރު ހުރީ ހިކި އަނަރޫފަވެފަ އެވެ.

އެއަށް ފަހު ފަރުވާއަށް އަސްރާ އިންޑިއާއަށް ދިޔައީ އޭރުގެ ފިރިމީހާއާއެކު އެވެ. އެތަނުގައި އަސްރާއަށް މާބޮޑު ފަރުވާއެއް ނުލިބުނުއިރު އެ ދަތުރު ނިމިގެން ދިޔައީ، އަސްރާގެ އަލަތު ޒަވާޖީ ހަޔާތް ވެސް ރޫޅިގެންނެވެ.

"ފިރިމީހާ ބުނި އަަސްރާއަށް ދެން ދަރިންނެއް ވެސް ނުހޯދެނެއޭ، ވަރަށް ދެރަވި އެކަމާ،" އަސްރާ ބުންޏެވެ.

ޔާސިރާ އެކު ދިރިއުޅުމަށް އާ ރޫހެއް

ފުރަތަމަ ކައިވެނީގެ ރޫޅުމާއި ބަލި ބޮޑުވަމުން ދިޔުމުގެ ފުން ހިތާމާގައި ހުރި އަސްރާގެ ހާޔަތަށް އާ އަލިކަމެއް އައީ، އޭނާގެ މިހާރުގެ ފިރިމީހާ ޔާސިރު އަހުމަދުގެ ގޮތުގަ އެވެ. އަސްރާ ސިފަކުރާ ގޮތުގައި ޔާސިރަކީ މާތްﷲ އޭނާއަށް ދެއްވި އަގުހުރި ޖަވާހިރެކެވެ.

"ޔާސިރު ލިބުން އެއީ އަސްރާއަށް މާތްﷲ ދެއްވި އަގުބޮޑު ޖަވާހިރެއް، އެހެން ނޫންނަމަ މިއަދު އަސްރާ އުޅޭނެ ހާލެއް ވެސް ނޭނގޭ،"

ބާލިހާލުގައި އަމިއްލައަށް އަސްރާއަށް ނޫޅެވުނު ނަމަވެސް، އަބަދުވެސް އޭނާގެ އަތުގައި ހިފަހައްޓައިގެން ޔާސިރު ހުރެ އެވެ. އެ ލޯބަކީ، އެއްވެސް ޝަރުތެއް ނެތް އާދަޔާ ހިލާފު ލޯތްބެކެވެ. ޔާސިރުގެ އެ ލޯބި ސިފަ ކުރާނެ ގޮތެއް އޭނާގެ މަންމައަށް ވެސް ނޭނގެ އެވެ.

"އަޅުގަނޑުގެ ދަރިފުޅަށް ކޮންމެފަދަ ގޮތެއް ވެސް ވެދާނެ ކަންނޭނގޭ އަސްރާއަށް ކަމެއް ވެއްޖެއާ. އަޅުގަނޑުގެ ދަރިފުޅު ވަރަށް ލޯބިވޭ އޭނާ ދެކެ. އަޅުގަނޑުގެ ދަރިފުޅު އެ ވާ ލޯތްބަކީ އަޅުގަނޑަށް ބުނެދޭން ވެސް ނޭނގޭ ލޯތްބެއް،" ޔާސިރުގެ މަންމަ އައިޝަތު ނަދީމާ ބުންޏެވެ.

"އަޅުގަނޑު ވެސް އުފާވޭ، އަޅުގަނޑު ފަހުރުވެރިވަން، އަސްރާ އުރައިގެން މާލޭގައި ހަތަރުވަނަ ފްލޯއަށް ވެސް އަރުވަނީ. އަޅުގަނޑަކަށް ހިއެއް ނުވޭ މި ޒަމާނުގައި މީހަކު އަތްނބަކަށް ކޮށްދޭނެހެނެއް (އެވަރުގެ ކަމެއް). އެހެންވީމަ ވަރަށް ފަހުރުވެރިވަން، އެއީ އަޅުގަނޑުގެ ދަރިއަކަށްވާތީ. އޭނާއަށް ކަމެއް ވެއްޖެއާ ދެން އަޅުގަނޑުގެ ދަރިފުޅަށް ވާނީ ކިހިނެއްބާވައޭ ވެސް ހިތަށް އަރާ."

އަސްރާ، އޭނާގެ ފިރިމީހާ ޔާސިރާއެކު
އަސްރާ، އޭނާގެ ފިރިމީހާ ޔާސިރާއެކު

އަސްރާ، އޭނާގެ ފިރިމީހާ ޔާސިރާއެކު

އެކަމަކު، ޔާސިރަށް މިއީ މާބޮޑު ކަމެއް ނޫނެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އަސްރާ އެ އުފުލާ ތަކުލީފުގައި އޭނާއަށް ހިއްސާ ވެވެނީ ވަރަށް ކުޑަ މިންވަރަކަށެވެ. އޭނާ ބޭނުންވީ އަސްރާގެ އެ ތަކުލީފު ބޮޑު ހަޔާތުގައި ބައިވެރިވެ، އަސްރާއަށް މުޅިން އާ ހަޔާތެއް ހޯދައިދިނުމެވެ.

"އައި ވޯންޓެޑް ޓު ހެލްޕް ހާ، އެނގޭ ފަސޭހަ ނުވާނެކަން އެ ދިރިއުޅުން އުޅެން، ބޭނުންވީ އެ ސްޓުރަގަލްގަައި ބައިވެރިވެ އޭނާއަށް ރަނގަޅު ހަޔާތެއް ހޯދައިދޭން، އައިއޭމް ސްޓިލް ހޯޕިން ފޯ ދެޓް،" ޔާސިރު ބުންޏެވެ.

ޔާސިރު ބުނި ގޮތުގައި ބަލިވުމަކީ އެއްވެސް އިންސާނެއްގެ ކުށެއް ނޫން ކަމާއި އެފަދަ މީހުން އުފުލަމުންދާ ތަކުލީފަކީ ވަޒަންކޮށްލަން ވެސް ނޭނގޭހާ ބޮޑު ތަކުލީފުތަކެއް ކަމެވެ. އެކަމަކު، އެއީ އެމީހުން އެކަހަރިކޮށް އަޅާނުލަންވީ ސަބަބެއް ނޫންކަން ޔާސިރު ބުންޏެވެ.

"ބަލި ވީމަ ހިތަށް އަރައިދާނެ އޭނައާއެކު ނޫނީ އޭނާ ގޮވައިގެން ކިހިނެއް ބާވައޭ އުޅޭނީ، އަސްލު އޭނާ ވެސް ހާދަ ބައިވަރު ސްޓުރަގަލެއް ގޯ ތްރޫ ކުރާނެއޭ، މީހަކަށް އިހުސާސް ވެސް ނުކުރެވޭނެ."

ބައެއް ދުވަސް ދުވަހު، ހަމަ ކުއްލިއަކަށް އަސްރާ މޫނު މައްޗަށް އަނދިރިވެ، ވެއްޓެ އެވެ. ދެ ފަހަރަކަށް ސްޓްރޯކް ވެސް ޖެހިއްޖެ އެވެ. ލެފްޓް ލަންގްގެ 80 ޕަސެންޓް ވަނީ ފެއިލްވެފަ އެވެ. އެ ހާލުގައި ވެސް އަސްރާ، ޔާސިރަށް ކޮށްދޭން ޖެހޭ އެއްވެސް ކަމެއްގައި ފަހަތަށް ނުޖެހެ އެވެ.

"އަސްރާ ބަލިވި ކަމުގައިވިޔަސް ޔާސިރަށް ކޮށްދޭން ޖެހޭ ކަމެއް ވިއްޔާ ކޮށްދޭނެ. އެއްވެސް ވަރަކަށް ބަލިވެގެންނޭ ކިޔާފައި ޔާސިރަށް ކޮށްދޭން ޖެހޭ ކަމެއް ނުކޮށްދީއެއް ނޯންނާނެ،" ޓިޝޫއަކުން ކަރުނުތައް ފޮހެލަމުން ޔާސިރު ބުނެލި އެވެ.

އެކަމަކު ޔާސިރަށް ކޮށްދެވެނީ ވަރަށް ކުޑަ މިންވަރެއް ކަމާއި އެއީ ހަމައެކަނި ޑޮކްޓަރަށް ދައްކަން ދިޔުމާއި އެކަމަށް ބޭނުންވާ ފައިސާ ހޯދުން ކަމަށް ޔާސިރު ބުންޏެވެ. ޔާސިރު، އޭނާ ކުރަމުން ދަނީ އަގު ނުކުރެވޭ ވަރުގެ ހިދުމަތެއް ކަމަށް ގަބޫލު ނުކުރިޔަސް އަސްރާއަށް އެއީ އޭނާގެ މުޅި ހަޔާތެވެ.

"ޔާސިރާ މެރީކޮށް ކުރިން ލައިފްގަ ނުލިބޭ އެތައް ކަމެއް ފުރިހަމަ ވެގެން ދިޔަ. މިސާލަކަށް ވަރަށް ކުޑަކުޑަ ކަމެއް. ބޮލުގައި ކުލަ ޖައްސާލުން އެއީ ވަރަށް ކުރާހިތްވާ ކަމެއް. އެކަންކަން ވެސް ކޮށްދޭ، ވަރަށް ކުޑަ ކަންކަން ވެސް ހުންނާނެ، ދިރިއުޅުން ހަމަ އެއްކޮށް ބަދަލުވި،" އަސްރާ ބުންޏެވެ.

"ކޮންމެ ފިޔަވަޅަކާއެކު ޔާސިރުގެ ފިޔަވަޅު އަސްރާއާއެކުވޭ، ކޮންމެ ކަމަކާ ކުރިމަތިލާން ޖެހުނަސް ޔާސިރު އެހީތެރިވޭ، ބުނެދޭން ވެސް ނޭނގޭހާ އިހުސާސްތަކެއް."

އަސްރާ ބުނި ގޮތުގައި ރޭގަނޑު ދަންވަރުގެ ވަގުތުގައި ފެން ތައްޓެއް ގެނެސްދިނުމަށް ނިދާފައި އޮތްވައި އެދުނު ނަމަވެސް، "އުފް" ވެސް ބުނެނުލާ އެކަން ޔާސިރު ކޮށްދޭ ކަމަށެވެ.

އަސްރާ: އޭނާގެ ހިތްވަރުގަދަ
އަސްރާ: އޭނާގެ ހިތްވަރުގަދަ

އަސްރާ: އޭނާގެ ހިތްވަރުގަދަ

އުއްމީދަކީ ޓްރާސްޕްލާންޓް؛ އެންމެ ދުވަހެއް ވެސް ބޭނުން

އަސްރާގެ މި ހާލަތަކީ ކުޑައިރު އެނގުން ނަމަ، ވަރަށް ކުޑަ އޮޕަރޭޝަނަކުން ފުއްދެން އޮތް ކަމެކެވެ. ނަމަވެސް، މިހާރު ޖެހެނީ ބޮޑު އޯގަން ޓްރާސްޕްލާންޓެއް ހަދާށެވެ. އެކަމުގައި ޔާސިރު އިންޑިއާ، އިނގިރޭސި ވިލާތުގައި ދުވަސްތައް އަސްރާއާއެކު ހޭދަކޮށްފި އެވެ. އެކަމަކު އަދި އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެ އެވެ.

"މިފަހުން އިނގިރޭސި ވިލާތަށް ދިޔައީ ޓްރާންސްޕްލާންޓް ހެދުމަށް. އެއް އަހަރު ތެރޭ ކުރެވޭނެ ކަމަށް ބުނި އެކަމަކު ކޮވިޑާހެދި އެނބުރި އަންނަން ޖެހުނީ،" ޔާސިރު ބުންޏެވެ.

ޔާސިރު ބުނި ގޮތުގައި އިނގިރޭސި ވިލާތުން ވަނީ ފުއްޕާމޭ ޓްރާންސްޕްލާންޓްކޮށް ހާޓް ރިޕެއާ ކުރުމަށް އޮޕަރޭޝަނެއް ކުރުމުން އަސްރާގެ ހާލަތު ރަނގަޅުވާނެ ކަމަށް ބުނެ ލިޔުމެއް ވެސް ދީފަ އެވެ. އަދި، އަސްރާއަށް މެޗުވާ ޑޯނަރެއް އިނގިރޭސި ވިލާތުން ހޯދަން ފަސޭހަވާނެ ކަމަށް ވެސް ޑޮކްޓަރު އޮތީ ބުނެފަ އެވެ. އެހެންވެ، އެކަމަށް މަސައްކަތް ކުރަމުން ދަނިކޮށް އެ ގައުމު ލޮކްޑައުން ކުރީ އެވެ.

"ލޮކްޑައުންއަށް ދާތީ މަޑުކުރުން ރަނގަޅެއް ނޫން ކަމަށް ޑޮކްޓަރު ވިދާޅުވީ. ކޮވިޑް ތެރޭގައި ޓްރާސްޕްލާންޓެއް ނުކުރެވޭނެއޭ، ދެން އެނބުރި އައީ، އަތުގައި ފައިސާ ނެތުމުން ހަދަން ޖެހޭ ބައެއް ޓެސްޓްތައް ވެސް ނުހެދޭ،" ޔާސިރު ބުންޏެވެ.

ޔާސިރު: އަސްރާގެ ހައްގުގައި އުފުލާ ޒިންމާ ބޮޑު
ޔާސިރު: އަސްރާގެ ހައްގުގައި އުފުލާ ޒިންމާ ބޮޑު

ޔާސިރު: އަސްރާގެ ހައްގުގައި އުފުލާ ޒިންމާ ބޮޑު

އިނގިރޭސި ވިލާތުގައި ހުއްޓާ ވެސް އަސްރާ ވަަރަށް ބޮޑަށް ބަލިވެގެން އެޑްމިޓްކުރި އެވެ. ބިލަށް 21،000 ޕައުންޑް އެރިއިރު، ޔާސިރު ގޮތް ހުސްވި އެވެ. އެކަމަކު އެ ބިލްގެ ބޮޑު ބައެއް އަސްރާ ބަލަމުން ދިޔަ ޑޮކްޓަރު ދައްކައިދިނުމުން ޔާސިރަށް ތަސައްލީއެއް ލިބުނެވެ. އެފަހުން އެނބުރި ރަށަށް އައިސް ހުއްޓާ އަސްރާއަށް މޭޖުާ ސްޓްރޯކެއް ވެސް ޖެހުނެވެ.

"އެފަހަރު ވަގުތުން އައްޑޫއަށް ގެންދިޔައީ. އައިސީޔޫއަށްލީ، ވާހަކައެއް ވެސް ނުދެއްކޭ، އަނގަ ވެސް ނުހުޅުވޭ، ބުނެދޭން ވެސް ނޭނގޭ، ދެން މި ދިޔައީއޭ ވެސް ހިތަށް އެރި، އެއީ ވަރަށް ދެރަވި ދުވަހެއް،" ކަރުނަ ހިލިފައި އިން އަސްރާ ކިޔައިދިނެވެ.

މި ވޭންތަކުން ސަލާމަތްވެގެން އުޅުލުމަށް އަސްރާއަށް އޮތް ހަމައެކަނި ފުރުސަތަކީ ޓްރާންސްޕްލާންޓެވެ. އެކަމަކު، އޭރުން ވެސް އޭނާއަށް ދިރިހުރުމުގެ މުހުލަތަކަށް ލިބެނީ މަދުވެގެން އެއް އަހަރެވެ. އެއް އަހަރުގެ އެންމެ ދުވަހެއް ވެސް އަސްރާއަށާއި ޔާސިރަށް ވަރަށް މުހިންމުވެ އެވެ.

"މިހާރު އެ އުޅެވެނީ ހަގީގީ ލައިފެއް ނޫން، ޓްރާސްޕްލާންޓް ކޮށްގެން މިނިމަމްކޮށް ބެއްޔަސް ވަން އިޔާ އެބަ ލިބޭ. އެންމެ މިނިމަމް، އެ ވަން އިޔާ ތެރޭ ވެސް ޝީ ވިލް ބީ ލިވިން އަ ގުޑް ލައިފް، ދުވަހަކު ވެސް ނޫޅެވޭ ވަރުގެ ހިތްހަމަޖެހިގެން އުޅެވޭނެ، އެއީ އަސްލު ކޮންސިޑާ ކުރާ އެއްޗަކީ،" ޔާސިރު ބުންޏެވެ.

އަސްރާގެ ވެސް އުއްމީދަކީ އެއީ އެވެ. އާންމު މީހެއްގެ ދިރިއުޅުމުގެ އެއް ދުވަސް ނަމަވެސް، އޭނާ ތަޖުރިބާކޮށްލައި ހިތްހަމަޖެހިލުމެވެ.

"ބަލި މީހެއް ނޫންކަން އިހުސާސްކޮށްގެން އުޅެން ބޭނުންވޭ. ވަން އިޔާ ތެރޭގައި އެކަން ކުރެވެންޏާ ބޭނުންވޭ އެ ހެޕީ ލައިފް، އެކަމަކު ވެސް ނޭނގޭ، އޮކްސިޖަން ބޭގް ހިފައިގެން އުޅޭތާ ވެސް ވަން އިޔާ ވަރުވީ މިހާރު، ގައިގެ އެއްބައި މިހާރު މިއީ، ބޭނުންވޭ މީތިން ވެސް ސަލާމަތްވެގެން ނޯމަލް މީހެއްގެ ދިރިއުޅުން އުޅެން، އަސްރާއަށް ހަގީގަތުގައި ވެސް އެކަހަލަ ފުރުސަތެއް ދިރިއުޅެން ނުލިބޭ، އެހެންވެ ބޭނުންވޭ އޮޕަރޭޝަން ކޮށްގެން ނަމަވެސް އުޅެން،" އަސްރާ، ގިސްލަމުން ބުންޏެވެ.

އަސްރާ، އޭނާގެ ހިތްވަރު ގަދަ
އަސްރާ، އޭނާގެ ހިތްވަރު ގަދަ

އަސްރާ، އޭނާގެ ހިތްވަރު ގަދަ

"ގޭ އެންމެން މޫދަށް ދާއިރު ވެސް އަސްރާއަށް ނޭރެވޭތީވެ ކޮއްކޮމެން ވެސް ހަމަ ނޭރި ތިބޭނެ. އެކަހަލަ ބައިވަރު ދުވަސްތައް ދޭ ހަމަ. އަސްރާއަކީ ސައިކަލް ދުއްވާ މީހެއް ނޫން، އެހެންވެ އެކަނިވެލާފައި ގޭ ތެރޭގައި ހަމަ ޖެހި ބުދެއްހެން ވެސް ހުންނަން ޖެހިދާނެ ދުވާލުދާ ހަތަރު ދަމު ވެސް،"

އަސްރާއަށް އޮޕަރޭޝަނަށް ފަހު ވެސް ދިރިއުޅުމުގެ ފުރުސަތު އެއް އަހަރަަށް އޮތްއިރު، އޭނާ އެދޭ ހުރިހާ އެދުމެއް ވެސް އޮތީ ޔާސިރާ ގުޅިފަ އެވެ. ޔާސިރުގެ ހުރިހާ އެދުމެއް، ހުރިހާ ކަމެއް އޮތީ އަސްރާއާ ގުޅިފަ އެވެ.

އަސްރާ ބުނި ގޮތުގައި، އޭނާ ބޭނުން ވަނީ މީހުންނަށް ސަލާން ޖަހަން ނުޖެހޭ މިންވަރަށް ޔާސިރަށް އާމްދަނީއެއް ލިބުމެވެ. ޔާސިރަށް ލިބޭ ކޮންމެ ކުރިއެރުމަކީ ވެސް އޭނާއަށް ލިބޭ ކުރިއެރުމެވެ.

"އަސްރާގެ މާބޮޑު އެއްޗެއް ނެތް. އެންމެ ކުޑަކުޑަ އެއްޗެއް ގަންނަން ވެސް ޔާސިރު ކައިރީގައި ބުނާނީ، އެހެންވީމަ ޔާސިރަށް ލިބޭ ކޮންމެ ކުރިއެރުމަކާ ވެސް އަސްރާ ވަރަށް އުފާވޭ،" އަސްރާ ބުންޏެވެ.

އަސްރާގެ ފުރާނައާ ގުޅިފައިވާ ބޭސް ކޮންމެ ފަހަރަކު ވެސް ބޭރުން ގެންނަން ޖެހޭއިރު ގިނަ ފަހަރަށް އާސަންދައެއް ނުލިބެ އެވެ. އެހެންވެ އެކަމަށް ބޮޑު ހަރަދުތަކެއް ހިނގާއިރު ޔާސިރު ވެސް އުއްމީދުކޮށްގެން ހުރީ އޭނާގެ އާމްދަނީ ރަނގަޅުވުމަށެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅުވާނެ، މިއަދު މިހެން ދިޔަސް ހިއެއް ނުވޭ އަބަދު މިހެން ދާނެހެނެއް، މާދަމާ ވެސް އިރާދަކުރެއްވިއްޔާ ކޮވިޑް ކަންތަކުން ސަލާމަތްވިއްޔާ ޔާސިރަށް މަސައްކަތްތައް ވެސް ލިބޭނެ،" ޔާސިރު ބުންޏެވެ.

އަސްރާ އާއި ޔާސިރު: އަބަދުވެސް އެކުގައި ތިބޭނެ ކަމަށް ބުނި
އަސްރާ އާއި ޔާސިރު: އަބަދުވެސް އެކުގައި ތިބޭނެ ކަމަށް ބުނި

އަސްރާ އާއި ޔާސިރު: އަބަދުވެސް އެކުގައި ތިބޭނެ ކަމަށް ބުނި

އެ ދެމަފިރިންގެ ތަކުލީފުތަކާއެކު އުއްމީދުތަކެއް އޮތްއިރު އަސްރާގެ އަތުގައި ޔާސިރު ހިފަހައްޓާލައިގެން އިނީ ދުވަހަކު ވެސް އެ އަތުން ދޫކޮށްނުލާނެ ކަމަށް ބުނަމުންނެވެ.

"މެރީކުރި ދުވަހު ވެސް އަތުން ހަމަ ދޫކޮށް ވެސް ނުލާ، ހުރިހާ ފޮޓޯތަކެއް ވެސް ހުރީ އަތުގައި ހިފަހައްޓާލައިގެން،" ހެވިފައިއިނދެ އަސްރާ ބުނެލި އެވެ.

"އިރާދަކުރެއްވިއްޔާ ދުވަހަކު ވެސް ދޫކޮށްނުލާނަން!" ޔާސިރު ބުނެލި އެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox