އިޒްރޭލާއި ފަލަސްތީނާ ދެމެދު މެދުކެނޑުމެއް ނެތި ހަމަލާ ބަދަލު ކުރަމުން ދާތީ ސުލްހައިގެ މަޝްވަރާތަކަށް ބާރު އެޅުމަށް އެމެރިކާގެ މަންދޫބަކު އިޒްރޭލުގެ ތެލް އަވީވަށް މިއަދު ވަޑައިގެންފި އެވެ.
އެމެރިކާގެ މަންދޫބު ހާދީ އަމްރުގެ އިސް ނެންގެވުމުގެ މަތިން ބާއްވާ ސުލްހައިގެ މަޝްވަރާތަކުގައި އިޒްރޭލާއި، ފަލަސްތީނު އަދި އދ. ގެ އޮފިޝަލުން ބައިވެރިވާނެ އެވެ.
މިއަދު ވެސް އިޒްރޭލާއި ފަލަސްތީނާ ދެމެދު ހަމަލާތައް އަންނަނީ ބަދަލު ކުރަމުންނެވެ. އެގޮތުން އިޒްރޭލުން ގާޒާއަށް ބޮން އެޅުމުން ހަމާސް ޖަމާއަތުން ވަނީ ރައްދުގައި އިޒްރޭލަށް ރޮކެޓު ހަމަލާ ދީފަ އެވެ.

މެދުކެނޑުމެއް ނެތި ފާއިތުވި ފަސް ދުވަހު ހިނގަމުންދާ ކުރިމަތިލުންތަކަކީ ފަހުގެ ތާރީހެއްގައި މެދުއިރުމަތީގައި ހިނގާ އެންމެ ނުރައްކާތެރި ހަމަނުޖެހުމުގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ސިފަކުރެ އެވެ.
އިޒްރޭލާއި ފަލަސްތީނާ ދެމެދު ހަމަލާ ބަދަލު ކުރަން ފެށީ އިރުމަތީ ގުދުސްގެ މައްސަލަ ހޫނުވެފައި ވަނިކޮށް މިދިޔަ ހޯމަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ދަނީ ހަމަލާދެމުންނެވެ.
އިރުމަތީ ގުދުސްގެ މައްސަލަ މި އަހަރު އެންމެ ފުރަތަމަ ހޫނުވީ އަލް އަގްސާ މިސްކިތަށް ނަމާދު ކުރަން ދާ ފަލަސްތީނު މީހުންނަށް އިޒްރޭލުން ހުރަސްއަޅާ ކަމުގެ ތުހުމަތާއެކު އެވެ. ނަމަވެސް އިޒްރޭލުން އެކަން ދޮގުކޮށް ބުނީ ފިޔަވަޅު އަޅަނީ ކޮވިޑާ ގުޅިގެން ކަމަށެވެ.
އޭގެ ފަހުން އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާ ސަރަހައްދުގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ނެރެން ނިންމާފައިވާ މައްސަލައާ ގުޅިގެން ވެސް ހަމަނުޖެހުން އުފެދުނެވެ. އެ މައްސަލާގައި ބޮޑެތި އެއްވުންތައް ބާއްވަމުން ދިޔައިރު އަލް އަގްސާ މިސްކިތުގައި ވެސް ހަމަނުޖެހުން ހިނގި އެވެ.
އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފެށީ ޝެއިހް ޖައްރާ މައްސަލާގައި އިޒްރޭލުގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމަން މިދިޔަ އާދީއްތަ ދުވަހަށް ތާވަލު ކުރި އަޑުއެހުން ފަސްކުރުމާއެކު އެވެ. އާދީއްތަ ދުވަހުގެ ރޭ ގުދުސްގައި ހަމަނުޖެހުން ހިންގުމަށް ފަހު ހޯމަ ދުވަހުގެ ފަތިހު އިޒްރޭލުގެ ޖެޓުތަކުން ގާޒާއަށް ބޮން އަޅަން ފެށި އެވެ. އަދި ގާޒާގައި ވެރިކަން ކުރާ ހަމާސްއިން ރައްދުގައި ރޮކެޓު ހަމަލާ ދޭން ފެށި އެވެ.
ހަމަލާތަކުގައި ގާޒާއިން 133 މީހުން މަރުވެފައި ވާއިރު އިޒްރޭލުން އަށް މީހުން މަރުވެފައި ވެ އެވެ.
ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނީ މިއަދު ހެނދުނު އިޒްރޭލުން ދިން ހަމަލާތަކުގައި ހަތް މީހުން މަރުވި ކަމަށެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެ އެވެ. އެ އެންމެންނަކީ ވެސް ގާޒާ ސިޓީގެ ހުޅަނގުން ހުންނަ ރެފިއުޖީ ކޭމްޕެއްގައި އުޅޭ މީހުންނެވެ.
ރައްދުގައި ހަމާސްގެ ހަމަލާތައް އަމާޒު ކުރީ އިޒްރޭލުގެ ބީރްޝަބާ ސިޓީ އަށެވެ.
ހުކުރު ދުވަހު ހުޅަނގު އައްސޭރީގައި ވެސް ހަމަނުޖެހުން ހިނގާ ފަލަސްތީނުގެ 10 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. އެ ހަމަނުޖެހުންތަކުގައި ފަލަސްތީނު މީހުން ޕެޓްރޯލް ބޮން އުކި އިރު، އިޒްރޭލު ސިފައިން ބޭނުން ކުރީ ކަރުނަ ގޭހާއި ރަބަރު ބުލެޓާއި ލައިވް ވަޒަނެވެ.

އިޒްރޭލުން ބޮން އެޅުމުން ގާޒާގެ އިމާރާތްތައް ބިމާ ހަމަވެފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް
ސުލްހައިގެ މަޝްވަރާތަކަށް ބާރު އަޅަން އެމެރިކާގެ މަންދޫބަކު އިޒްރޭލަށް ވަޑައިގެންފައި ވާއިރު، މާދަމާ މި މައްސަލާގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް އޮންނާނެ އެވެ.
ހަމަލާތައް މެދުކަނޑާލަން އެކި ފަރާތްތަކުން ގޮވާލި ނަމަވެސް މިހާތަނަށް އިޒްރޭލާއި ހަމާސްއިން ވެސް އިޖާބަ ދީފައެއް ނުވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިޒްރޭލު އަސްކަރިއްޔާއިން ވަނީ ރިޒާވް ފޯސްގައި ހިމެނޭ 7000 ސިފައިން ތައްޔާރީ ހާލަތަށް ގެނެސް، ގާޒާގެ ބޯޑަރު ކައިރިއަށް އިތުރު ޓޭންކަރާއި ހަތިޔާރު ފޮނުވާފަ އެވެ. އިޒްރޭލުން ބުނީ ސިފައިން ގާޒާއަށް ފޮނުވައިގެން ހަނގުރާމަ ކުރުމާ މެދު ވިސްނަމުންދާ ކަމަށެވެ. ނަމަވެސް އަދި ގޮތެއް ނުނިންމަ އެވެ.
ހަމަނުޖެހުންތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހުން ފެށިގެން 10،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ގެތައް ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުވެފައިވާ ކަމަށް އދ. އިން އަންދާޒާ ކުރެ އެވެ.










