ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި ހާއްސަކޮށް އުތުރުގެ އަތޮޅުތަކަށް ވައި ވަރަށް ބާރުވުމާއެކު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، ހާއްސަ ގޮތެއްގައި އުތުރުގެ އަތޮޅުތަކަށް މޫސުން ވަރަށް ބޮޑަށް ވަނީ ގޯސްވެފަ އެވެ. އާންމުކޮށް ނުނެރޭ އެލާޓެއް ކަމަށްވާ އޮރެންޖް އެލާޓް ވެސް ހއ. އަތޮޅުން ޅ. އަތޮޅަށް އިއްޔެ ނެރެފައިވެ އެވެ. އެއީ، މާބޮޑަށް މޫސުން ގޯސްވުމުން ނެރޭ ތިން ވަނަ އެލާޓެކެވެ.
މެޓް އޮފީހުން މިހާރު ވެސް ވަނީ ހއ. އަތޮޅުން ވ. އަތޮޅާ ހަމައަށް ރީނދޫ އެލާޓް ނެރެފަ އެވެ. އެއީ މޫސުން ގޯސްވުމުން ނެރޭ ދެވަނަ އެލާޓެވެ. މ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު އެލާޓް ވެސް ވަނީ ނެރެފަ އެވެ.
"އަދަދު"އަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ ވެދާފޯކާސްޓަރަކު ވިދާޅުވި ގޮތުގައި، މާދަމާގެ ހެނދުނު 10:00 އާ ހަމައަށް މޫސުން ލަފާކޮށްފައިވާ ގޮތުން އުތުރުގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވާނެ ކަމަށެވެ.
ހާއްސަކޮށް އުތުރުގެ އަތޮޅުތަކަށް ވަރަށް ވައިގަދަވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ލަފާކޮށްފައިވާ ގޮތުގައި، ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެ އެވެ.
މިދިޔަ 24 ގަޑިއިރުގެ ރިކޯޑްތަކުން ދައްކާ ގޮތުން އެންމެ ބާރަށް ވައިޖެހިފައިވާފައިވަނީ ކުޅުދުއްފުށީ ސިޓީއަށެވެ. އެއީ، ވިލާގަނޑުގައި ގަޑިއަކުން 62 މޭލު ބާރުމިނުގަ އެވެ. އެ ވިއްސާރާގައި ކުޅުދުއްފުށީ ދެ ގެއެއްގެ ފުރާޅު ވެސް އެއްލާލި އެވެ.
ނ މާފަރަށް ވިލާގަނޑުގައި 57 މޭލަށް ވައިޖެހުނުއިރު، ހއ ކެލަށް ވިލާގަނޑުގައި 50 މޭލަށް ވައިޖެހިފައިވާ ކަމަށް ރިކޯޑްތައް ދައްކަ އެވެ.
ދެކުނުގެ އަތޮޅުތަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް އުތުރާ އަޅާބަލާއިރު ވައި މަޑެވެ. ދެކުނުގެ އަތޮޅުތަކަށް ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެ އެވެ.
ވެދާފޯކާސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހުރިހާ ކަނޑެއް ވެސް އާންމު ގޮތެއްގައި ގަދަވާނެ އެވެ. އަދި ރަށްރަށަށް އުދަ އެރުމަކީ އެކަށީގެންވާ ކަމެވެ. ރާޅުގެ އުސްމިން ހުރީ ހަތަރު ފީޓާއި އަށް ފޫޓާ ދެމެދެވެ.
އުތުރުގެ ބައެއް ރަށްރަށް އުދަރައިގެން އެކަން ރިޕޯޓްކޮށްފައިވާއިރު ގެއްލުންތައް ވަނީ ލިބިފަ އެވެ. ފުލުހުންނާއި ސިފައިން ވަނީ މޫސުމަށް ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް ދަތުރުފަތުރު ކުރުމުގައި ރައްކާތެރިވުމަށް ސިފައިން ވަނީ އެދިފަ އެވެ.













