މިއުނިކް (މެއި 14) - ބޮޑު އަގުދީފައި ބޮރޫޝިއާ ޑޯޓްމަންޑްގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ނުގަންނާނެ ކަމަށް ބަޔާން މިއުނިކުން ބުނެފި އެވެ.
ގިނަ ކްލަބްތަކަކުން ހާލަންޑްގެ ސޮއި ހޯދަން ބުރަކޮށް މަސައްކަތް ކުރަމުން ދަނިކޮށް ޑޯޓްމަންޑުން އޭނާ ގެންދިޔައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރެޑްބުލް ސަލްޒްބާގަށް 20 މިލިއަން ޔޫރޯގެ ފީއެއް ދައްކާފައިފަ އެވެ. ނޯވޭ އަށް އުފަން ހާލަންޑް ޑޯޓްމަންޑާ އެކު ސޮއިކުރީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
އުމުރުން 20 އަހަރުގެ ހާލަންޑް، ޑޯޓްމަންޑްގައި ދައްކަމުން އަންނަ ތަފާތު މޮޅު ކުޅުމުގެ ސަބަބުން އޭނާ ހޯދަން މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ބަޔާން އިން މަސައްކަތްކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރޭ ޖަރުމަނު ކަޕް ފައިނަލުގައި އާރްބީ ލައިޕްޒިގު އަތުން 4-1 އިން ޑޯޓްމަންޑް މޮޅުވި މެޗުގައި ހާލަންޑް ވަނީ ދެ ގޯލު ޖަހައިފަ އެވެ. މި ސީޒަނުގައި މިހާތަނަށް ހާލަންޑް ވަނީ 39 މެޗުން 39 ގޯލު ޖަހައިފަ އެވެ.
ހާލަންޑާ ބެހޭގޮތުން ބަޔާންގެ ސީއީއޯގެ މަގާމާ ވަރަށް އަވަހަށް ހާލުވާގޮތަށް ހުރިހާ ކަމެއް ހަމަޖެހިފައިވާ ކުރީގެ ކީޕަރު އޮލިވަ ހާން ވަނީ ދާދި ފަހުން ވަނީ ވާހަކަ ދައްކައިފަ އެވެ. ޖަރުމަނު ލީގުގެ އެހެން ޓީމުތަކެކޭ އެއްގޮތަށް ޑޯޓްމަންޑަށް ކުޅޭ ފެންވަރު ރަނގަޅު ކުޅުންތެރިން ވެސް ބަޔާނަށް ގެންދެ އެވެ. އެކަމަކު ހާން ބުނީ މި ވަގުތު ހާލަތަށް ބަލާއިރު ހާލަންޑް ގަނެވޭނެ ގޮތެއް ނެތް ކަމަށެވެ.
"100 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު ހަރަދެއް ކޮށްފައި މި ވަގުުތު ކުޅުންތެރިއަކު ގަތުމަކީ ބަޔާނުން ކުޑަކޮށް ވެސް ވިސްނާނެ ކަމެއް ނޫން. އަަހަރެން ދެކޭ ގޮތުގައި ހާލަންޑް ގަންނަން އެ ވަރު ދޭނެ ކްލަބެއް މި ވަގުުތު ނެތް،" ހާން ބުންޏެވެ.
އޭނާ ބުނީ ބަޔާނުން ހާލަންޑް ނުގެންނާނެ އަނެއް ސަބަބަކީ މިދިޔަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮބަޓް ލެވަންޑޯސްކީ ބަޔާނާ އެކު ހަދާފައިވާ އެއްބަސްވުމުގައި އަދި ބާކީ ދެ އަހަރު އޮތުމެވެ.
ހާން މިހެން ބުނި ކަމުގައި ވިޔަސް ބަޔާނުން ހާލަންޑް ބޭނުންވެ އެވެ. ބަޔާންގެ ކޯޗުކަމަށް މި ވަގުތު ލައިޕްޒިގާ ހަވާލުވެ ހުރި ހޫލިއަން ނާގަލްސްމަން ގެންނަން ބޭއްވި މަޝްވަރާތަކުގައިވަނީ ހާލަންޑް ގެނައުމާ މެދު ވާހަކަތަކެއް ދެކެވިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ހާލަންޑް ހޯދަން އެންމެ ބޮޑަށް މަސައްކަތްކުރަނީ ބަޔާންގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ މި ވަގުތު ހަވާލުވެ ހުރި މެންޗެސްޓާ ސިޓީންނެވެ. ސިޓީ އަށް ހާލަންޑް ނުލިބިއްޖެނަމަ ދެން އެ ޓީމުން މަސައްކަތްކުރާނީ ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ގެންދާށެވެ.












