ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ޕްރޮފެޝަނަލް ލެވަލްގައި ކުޅެމުން އަންނަ ބެޑްމިންޓަންގެ ސްކޯރިން ގަވާއިދަށް ބަދަލެއް ގެންނަން ރާއްޖެ ވެސް ބައިވެރިވެގެން ހުށަހަޅައިފި އެވެ.
ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އަށް ސްކޯރިން ގަވާއިދަށް ބަދަލު ގެންނަން ހުށަހެޅީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއާމް) އާއި އިންޑޮނީޝިއާގެ ބެޑްމިންޓަން އެސޯސިއޭޝަން ގުޅިގެންނެވެ. މިއީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނުން ބައިނަލްއަގުވާމީ ކުޅިވަރެއްގެ ގަވާއިދަކަށް އިސްލާހެއް ގެންނަން އިސްނެގި ފުރަތަމަ ފަހަރު ކަމަށް ބީއޭއެމް އިން ބުނެފައިވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބީޑަބްލިއުއެފް އިން ބޭއްވި ވާޗުއަލް ބައްދަލުވުމެއްގައި ވަނީ ރާއްޖޭން އިސްވެ ހުށަހަޅާފައިވާ ސްކޯރިން ގަވާއިދަށް އަމަލުކުރަން ފެނޭތޯ ބަލަން މި މަހުގެ 22 ވަނަ ދުވަހު ބާއްވާ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ އެނުއަލް ޖެނެރަލް މީޓިން އަށް ހުށަހަޅާނެކަން އަންގައިފަ އެވެ. އެ ދުވަހު މެޖޯރިޓީ މެމްބަރު ގައުމުތަކުގެ ތާއީދު އެ ލިބިއްޖެނަމަ އާ ސްކޯރިން ގަވާއިދަށް އަމަލުކުރަން ފަށާނީ މި އަހަރު ބާއްވަން ނިންމާފައިވާ ޓޯކިޔޯ އޮލިމްޕިކްސް އާއި ޕެރަލިމްޕިކްސް އަށް ފަހު އެވެ.
ހުށަހެޅިފައިވާ އާ ސްކޯރިން ގަވާއިދަށް ރާއްޖެ އާއި އިންޑޮނީޝިއާގެ އިތުރުން ބެޑްމިންޓަން އޭޝިއާ އިން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.
މި އާ ސްކޯރިން ގަވާއިދު ގެންނަން މަސައްކަތްކުރައްވާ އެންމެ އިސް އެއް ފަރާތަކީ ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ) އެވެ. ބެޑްމިންޓަނުގެ ދުނިޔޭގެ ފެޑެރޭޝަން ބީޑަބްލިއުއެފްގެ ކައުންސިލް މެމްބަރުކަމާއި ބެޑްމިންޓަން އޭޝިއާ އާއި ދެކުނު އޭޝިއާގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން އަންނަނީ މޫސަ އެވެ. ބައިނަލްއަގުވާމީ ގޮތުން ބެޑްމިންޓަންގެ ނުފޫޒުގަދަ މަގާމެއްގައި ހުރެ މޫސަ ކުރަމުން އަންނަ މަސައްކަތް އިންޓަނޭޝަނަލް ފެޑެރޭޝަނުން ބަލައިގަނެ އެވެ.

ރާއްޖެ އާއި އިންޑޮނީޝިއާ އިން ހުށަހެޅި ބަދަލު.-- ފޮޓޯ: ބެޑްމިންޓަން އޭޝިއާ
ހުށަހެޅި އާ ސްކޯރިން ގަވައިދު
މިދިޔަ މަހު ކުރީކޮޅުގައި ބެޑްމިންޓަންގެ ދުނިޔޭގެ ފެޑެރޭޝަނުން މީޑިއާ އަށް ވަނީ ރާއްޖެ އާއި އިންޑޮނީޝިއާ އިން އިސްވެ މި ހުށަހެޅި ސްކޯރިން ގަވާއިދަށް ގެންނަ ބަދަލު އިއުލާނުކޮށްފަ އެވެ. އެ ގޮތުން އާ ގަވާއިދާ އެކު ބެޑްމިންޓަން މެޗުތައް ކުޅޭނީ ބެސްޓް އޮފް ފައިވްގެ އުސޫލުންނެވެ. އެއީ 11 ޕޮއިންޓުން ސެޓެއް ނިމޭ ގޮތަށެވެ. މިހާރު ކުޅެމުން އަންނަނީ ބެސްޓް އޮފް ތުރީގެ ގަވާއިދަށެވެ. އެ ގަވާއިދުގެ ދަށުން ސެޓެއް ނިމޭނީ 21 ޕޮއިންޓުންނެވެ.
ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަންގެ ރައީސް ޕޯލް-އެރިކް ހޯޔާ ލާސެން ވިދާޅުވީ މިއީ މެމްބަރު އެސޯސިއޭޝަނުން ހުށަހެޅި ވަރަށް ރަނގަޅު ބަދަލެއްގެ ގޮތުގައި ދެކޭ ކަމަށާއި މިއީ މީގެ ކުރިން ވެސް ކުރަން ބޭނުންވި ކަމެއް ކަމަށެވެ.
"އެ ފަހަރު އެއީ މި ބަދަލު ގެންނަން އެންމެ ރަނގަޅު ވަގުތު ކަމަށް ނުވެދާނެ. އެކަމަކު މި ފަހަރު ރަނގަޅަށް މިކަން ދިރާސާ ކުރެވިގެން ކުރިއަށް ގޮސްފިނަމަ މިއީ ރަނގަޅު ބަދަލަކަށްވާނެ. މިއީ ބެޑްމިންޓަން އިތުރަށް ފޯރިގަދަވެ. ސަޕޯޓަރުންނަށް ވެސް ވަރަށް ހިތްގައިމު ބަދަލަކަށްވާނެ،" 1996 ވަނަ އަހަރު އޮލިމްޕިކުން ރަން މެޑަލް ހޯދި ހޯޔާ ވިދާޅުވި އެވެ.
މި މަހު ބޭއްވޭ ބީޑަބްލިއުއެފްގެ އާންމު ޖަލްސާގައި ބެޑްމިންޓަން ދުނިޔޭގެ އިންތިހާބު ވެސް ކުރިއަށްދާނެ އެވެ. ހޯޔާ ވަނީ ތިން ވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް މެމްބަރު އެސޯސިއޭޝަންތަކުގެ ތާއީދު އޮތް ކަމަށް ވިދާޅުވެފަ އެވެ.













