މެންޗެސްޓާ (މެއި 13) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑުގައި 4-2 އިން ލިވަޕޫލުން ބޮޑު މޮޅެއް ހޯދައިފި އެވެ.
މި މޮޅާ އެކު މި ސީޒަނުގައި ލީގުގެ ގަދަ ހަތަރެއްގައި ނިންމައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވާން ލިވަޕޫލަށް ބޮޑު ހިތްވަރެއް ލިބޭނެ އެވެ. ލިވަޕޫލް މި ވަގުތު ލީގުގެ ފަސް ވަނައިގައި އޮތީ ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ހަތަރު ޕޮއިންޓް ފަހަތުގަ އެވެ.
ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މެންޗެސްޓާ ސިޓީ 36 މެޗުން ހޯދި 80 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، ޖެހިޖެހިގެން ބަލިވި ދެ ވަނަ މެޗަށް ފަހު ޔުނައިޓެޑް ދެ ވަނައިގައި އޮތީ 36 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ. ތިނެއްގައި އޮތް ލެސްޓާ ސިޓީ އަށް 36 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި ޗެލްސީ އޮތީ 36 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް ފަސް ވަނަ އަށް އެރީ 35 މެޗުން 60 ޕޮއިންޓް ހަމަކޮށްގެންނެވެ.
ޔުނައިޓެޑް ދަނޑުގައި މިރޭ ފުރަތަމަ ލީޑުނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ 10 ވަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭސް ޖެހި ބޯޅަ ގޯލަށް ވަނީ ލިވަޕޫލްގެ ނަތަނިއަލް ފިލިޕްސް ފައިގައި ޖެހިފަ އެވެ.
ފުރަތަމަ ހާފުގެ މެދުތެރެއިން ނަތީޖާ ހަމަހަމަކުރަން ލިވަޕޫލަށް ޕެނަލްޓީއެއް ދޭން ރެފްރީ ފުރަތަމަ ނިންމި އެވެ. އެކަމަކު ޔުނައިޓެޑްގެ އެރިކް ބައީ ލިވަޕޫލްގެ ފިލިޕްސް އަށް ފައުލުނުކުރާ ކަމަށް ބަލައި ޕެނަލްޓީ ދޭން ނިންމި ނިންމުން ބަދަލުކުރި އެވެ. ރެފްރީ އެ ގޮތަށް ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީއާ އެކު އެވެ.
ލިވަޕޫލުން އެއްވަރުކުރީ މެޗުގެ 34 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ ޖެހި ގޯލުންނެވެ. މިއީ ފިިލިޕްސް ދިން ބޯޅައަކުން ޖޮޓާ ޖެހި ގޯލެކެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަލެކްސަންޑަ އާނޯލްޑް ހިލޭ ޖެހުމަކުން ނަގައިދިން ބޯޅައަކުން ލިވަޕޫލަށް ލީޑުނަގައިދިނީ ރޮބާޓޯ ފިރްމީނޯ އެވެ. އަދި ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ޔުނައިޓެޑްގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ފިރްމީނޯ ވަނީ ލިވަޕޫލަށް ތިން ވަނަ ގޯލެއް ޖަހައިދީފަ އެވެ.

ލިވަޕޫލްގެ ސަލާހު (ކ) ޔުނައިޓެޑްގެ ޝޯ ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
ކައުންޓައެޓޭކުގައި ލިވަޕޫލަށް ހަތަރު ވަނަ ގޯލެއް ޖަހައިދޭން ޖޮޓާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މެޗުގެ 68 ވަނަ މިނިޓްގައި އެޑިންސަން ކަވާނީ ދިން ބޯޅައަކުން މާކަސް ރެޝްފޯޑް ވަނީ ޔުނައިޓެޑަށް ލަނޑެއް ޖަހައިދީފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ނަތީޖާ ހަމަހަމަކުރަން ޔުނައިޓެޑްގެ މޭސަން ގްރީންވުޑް ޖެހި ބޯޅަ ޔުނައިޓެޑްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.
މެޗުގެ ފަހު މިނިޓްގައި ކާޓިން ޖޯންސް ދިން ބޯޅައެއް ހިފައިގެން ވަދެ މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ހަތަރު ވަނަ ގޯލެއް ޖަހައިދީފަ އެވެ. މިއީ މި ފަހަރުގެ ލީގުގައި އޭނާ ޖެހި 21 ވަަނަ ގޯލެވެ. އަނެއްކޮޅުން މިދިޔަ ޖެނުއަރީ މަހު އެފްއޭ ކަޕްގައި ޔުނައިޓެޑް ދަނޑުގައި 3-2 އިން ލިވަޕޫލް ބަލިވި މެޗުގައި ސަލާހު ވަނީ ދެ ގޯލު ޖަހައިފަ އެވެ. މި މެޗުގައި ލަނޑު ޖެހުމާ އެކު ސަލާހު ވެފައިވަނީ ފާއިތުވި 100 އަހަރު ތެރޭ ޔުނައިޓެޑް ދަނޑުގައި އެއް ސީޒަނެއްގެ ދެ މެޗުގައި ލަނޑު ޖެހި ލިވަޕޫލްގެ ފުރަތަަމަ ކުޅުންތެރިޔާ އަށެވެ.
މިއީ ޔުނައިޓެޑް ދަނޑުގައި އެންމެ ފަހުން ކުޅުނު 16 މެޗުގެ ތެރެއިން ލިވަޕޫލް މޮޅުވި ދެ ވަނަ ފަހަރެވެ.
މިއީ ލިވަޕޫލާ 2015 ވަނަ އަހަރު ހަވާލުވިފަހުން ޔާގެން ކްލޮޕް ޔުނައިޓެޑް ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ. އޭނާ ބުނީ މިއީ ޔުނައިޓެޑް ދަނޑުގައި މޮޅެއް ހޯދަން އެންމެ ރަނގަޅު ވަގުތު ކަމަށާއި މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މެޗު ދިޔަ ގޮތަށް ބަލާއިރު ލިވަޕޫލުން ހޯދި ހައްގު މޮޅެއް ކަމަށެވެ.












