މެންޗެސްޓާ (މެއި 13) - އިނގިރޭސި ޕްރިމިއާ ލީގުގެ ތިން މެޗު ފަސް ދުވަސް ތެރޭގައި ކުޅެން ޖެހޭގޮތަށް މެންޗެސްޓާ ޔުނައިޓެޑްގެ ޝެޑިއުލް ރޭވުމަކީ އެކަމާ ހަވާލުވެ ތިބި ބަޔަކު ކުރި ކުށެއް ކަމަށް ޔުނައިޓެޑާ ދެކޮޅަށް މިރޭ ކުޅޭ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
ޔުނައިޓެޑުން ވަނީ މިދިޔަ އާދިއްތަ ދުވަހުގެރޭ ރަށުންބޭރުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅެފަ އެވެ. އެ އަށް ފަހު އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުމަށް ފަހު މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭނެ އެވެ. ލެސްޓާ މެޗަށް ޔުނައިޓެޑުން ނުކުތީ އާންމުކޮށް ފުރަތަމަ އެގާރައިގައި ހިމެނޭ ކުޅުންތެރިން ނުލަ އެވެ.
ލެސްޓާ އިން އެ މެޗުގައި ޔުނައިޓެޑް އަތުން މޮޅުވުމާ އެކު ގަދަ ހަތަރެއްގެ ރޭހުގައި އޮތް ޓީމުތަކުން ޔުނައިޓެޑުން އެ މެޗަށް ދަށް ޓީމެއް އެރުވި ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުވި އެވެ.
ލިވަޕޫލް މި ވަގުތު ލީގުގެ ހަ ވަނައިގައި އޮތްއިރު، އެ ޓީމަކީ ވެސް ގަދަ ހަތަރަކަށް ވަންނަން މަސައްކަތް ކުރަމުން އަންނަ ޓީމެކެވެ. ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ ލިވަޕޫލަށް ވެސް އެހާ ގާތްގާތުގައި މެޗުތައް ކުޅެން ޖެހުނުނަމަ ޔުނައިޓެޑުން ކަންތައް ކުރި ގޮތަށް ކުރާނެ ކަމަށެވެ.
"ޕްރިމިއާ ލީގުގައި ޓީމަކަށް އާދިއްތަ - އަންގާރަ - ބުރާސްފަތި ދުވަހު ކުޅޭ ގޮތަށް އޮތުމަކީ ކުށެއް. އެއީ ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ނޫނީ އެ ޓީމުގެ ކުޅުންތެރިންގެ ކޮންޓްރޯލްގައި އޮތް ކަމެއް ނޫން. އަހަރެމެންނަށް އެ ހާލަތު ކުރިމަތިވިނަަމަ އަހަރެން ވެސް ކަންތައް ކުރާނީ ޔުނައިޓެޑުން ކުރި ގޮތަށް،" ކްލޮޕް ބުންޏެވެ.
ލިވަޕޫލާއި ޔުނައިޓެޑް ކުރިން ކުޅެން އޮތް ތާރީހުގައި އެ މެޗު ނުކުޅެވުނީ ޔުނައިޓެޑްގެ ސަޕޯޓަރުން ދަނޑު ބޭރުގައި ކުރި ހަޅުތާލުތަކުގެ ސަބަބުންނެވެ. ކްލޮޕް ބުނީ އެ މެޗު ފަސްކޮށްފައި ދެން ކުޅޭ ތާރީހެއް ފައިނަލް ކުރާއިރު މީގެ ވަށައިގެން ހުރި ހުރިހާ ކަމަކަށް ބަލައިލުން ވަރަށް ރަނގަޅު ކަމަށެވެ.
"ކަންތައްތައް ދިޔަ ގޮތުން ޔުނައިޓެޑަށް އެކަންޏެއް ނޫން ގެއްލުން މި ވަނީ. ލިވަޕޫލަށް ވެސް ވާނެ. ވެސްޓް ހޭމް އަށް ވެސް ވާނެ،" ކްލޮޕް ބުންޏެވެ.
ލިވަޕޫލް މި ވަގުތު ލީގުގެ ހަ ވަނައިގައި އޮތީ ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް ވުރެ ދެ މެޗު މަދުން ކުޅެގެންނެވެ. ލިވަޕޫލަށް 34 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް 36 މެޗުން ވަނީ 64 ޕޮއިންޓް ލިބިފަ އެވެ. ގަދަ ހަތަރަކަށް ވަންނަން ބާކީ އޮތް ހަތަރު މެޗުން މޮޅުވުން ލިވަޕޫލަށް މަޖުބޫރެވެ.
"އަހަރެމެން ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެއްޖެނަމަ އެއީ ސޯލްޝެއާގެ މައްސަލައެއް ނޫން. އެއީ ޕްރިމިއާ ލީގުގެ މައްސަލައެއް ވެސް ނޫން. އެއީ އަހަރެމެންގެ އަމިއްލަ މައްސަލަ،" ކްލޮޕް ބުންޏެވެ.
އަނިޔާގެ ސަބަބުން ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އާއި ލިވަޕޫލްގެ އޮޒާން ކަބަކަށް މިރޭގެ މެޗު ނުކުޅެވޭނެ އެވެ. ލިވަޕޫލާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 00:15 ގަ އެވެ.












