ކޮވިޑުގެ ހަތަރު ވަނަ ރާޅާ އެކު މާލޭގެ ހާލަތު ގޯސްވެފައިވާތީ އިތުރު ހަފުތާއަކަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވަން ނިންމައިފި އެވެ.
ކޮންޓްރޯލް ނުވެ ބަލި ފެތުރެމުންދާތީ މިހާރު ވެސް އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އެ މުއްދަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ 22 މެއިގެ ނިޔަލަށް އިތުރުކުރައްވައިފަ އެވެ. އެކަމަކު މިއީ ސަރުކާރު ރަސްމީ ބަންދު ދުވަސްތަކެއް ނޫނެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި މުއްދަތުގައި، މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ކުރަން ޖެހޭނީ ގޭގަ އެވެ. އެކަމަކު އިދާރާއަކުން ދޭ އަސާސީ ހިދުމަތެއް ދޭން ކޮންމެހެން އޮފީސް ހުޅުވަން ޖެހިއްޖެ ނަމަ އެ އިދާރާއެއްގެ އިސްވެރިޔާ އަންގާ ގޮތެއްގެ މަތިން އަމަލުކުރެވިދާނެ އެވެ.

މިގޮތަށް މަސައްކަތް ކުރާ އިރު ބަލިން ރައްކާތެރިވުމަށް އެޗްޕީއޭ އިން އާއްމުކޮށްފައި އުސޫލްތަކަށް ތަބާވާން ރައީސް އިލްތިމާސްކުރި އެވެ.
ރާއްޖޭގައި ކޮވިޑު ފެތުރެން ފެށިފަހުން ގޯސްނުވާ ދަރަޖައަށް ހާލަތު ގޯސްވެ މާލެ އިން ކޮންމެ ދުވަހަކު ޕޮޒިޓިވްވާ ރޭޓު ވެސް މިހާރު އުޅެނީ 700 އިން މަތީގަ އެވެ. އެހެންވެ ސަރުކާރުން ވަނީ ފިޔަވަޅުތައް ވެސް ހަރުކަށިކޮށްފަ އެވެ. މާލޭގައި ހަވީރުން ފެށިގެން ކާފިއު ހިންގުމުންދާއިރު މިސްކިތްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
ކޮވިޑްގެ ހާލަތު ގޯސްވަމުންދާއިރު ރާއްޖޭގައި އިންސާނީ ވަސީލަތްތައް އެވަރަކަށް ނެތެވެ. އެހެންކަމުން އެންމެ މުހިންމު ކަމަކީ ފަރުދީ ޒިންމާ އަދާކޮށް ފިޔަވަޅުތަކަށް ކަމޭހިތުން ކަމަށް ވިދާޅުވެ މިކަން ކޮންޓްރޯލްކުރުމުގައި ސަރުކާރަށް އެއްބާރުލުން ދޭން ރައީސް ސޯލިހް ވަނީ ގޮވާލައްވައިފަ އެވެ.













