ލަންޑަން (މެއި 13) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ 1-0 އިން ޗެލްސީ ބަލިކޮށް އާސެނަލުން އަންނަ ސީޒަނުގައި ޔޫރަޕްގެ ޖާގައެއް ހޯދުމުގެ އުއްމީދު އާކޮށްފި އެވެ.
ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމަށް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭއިރު، ފަސް ވަނަ އަށް ޔޫރޮޕާ ލީގުގެ ފުރުސަތު ލިބޭނެ އެވެ. އިނގިރޭސި އެފްއޭ ކަޕާއި ލީގު ކަޕް ލިބެނީ ލީގުގެ ގަދަ ފަސް ޓީމުތަކުގެ ތެރޭގައި ހިމެނޭ ޓީމުތަކަށް ނަމަ ޔޫރޮޕާ ލީގުގެ އެހެން ޖާގަތަކެއް ލީގުގެ ހަ ވަނަ އާއި ހަތް ވަަނަ އަށް ވެސް ލިބޭ އުސޫލުތަކެއް އޮވެ އެވެ.
މިރޭގެ މޮޅާ އެކު އާސެނަލް ވަނީ ލީގުގެ އަށް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 36 މެޗުން 55 ޕޮއިންޓް ހަމަކޮށްގެންނެވެ. ނުވަ ވަަަނައިގައި އޮތް އެވަަޓަން އަށް 34 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް މެޗު ހަމަކޮށްގެން އާސެނަލަށް ވުރެ މައްޗަށް އެރޭނެ އެވެ.
ލީގުގެ އެއް ވަނައިގައި އޮތީ ޗެމްޕިއަންކަން ކަށަވަރު ކޮށްފައިވާ މެންޗެސްޓާ ސިޓީ އެވެ. އެ ޓީމަށް 35 މެޗުން 80 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 35 މެޗުން ވަނީ 70 ޕޮއިންޓް ލިބިފަ އެވެ. މިރޭ މޮޅުވެގެން ތިން ވަަނަ އަށް އެރެން އޮތް ޗެލްސީ އޮތީ ހަތަރެއްގަ އެވެ. ތިނެއްގައި އޮތް ލެސްޓާ ސިޓީ އަށް ވަނީ 36 މެޗުން 66 ޕޮއިންޓް ލިބިފަ އެވެ. ޗެލްސީ ހަތަރު ވަނައިގައި އޮތީ 36 މެޗުން 64 ޕޮއިންްޓާ އެކު އެވެ. ފަސް ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 35 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި ލިވަޕޫލް އޮތީ 34 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ.
ބަދަލުތަކާ އެކު މިރޭ ކުޅުނު ޗެލްސީ ކޮޅަށް އާސެނަލްގެ ހަމައެކަނި ގޯލު ޖެހީ 16 ވަނަ މިނިޓްގައި ޒުވާން މިޑްފީލްޑަރު އެމީލް ސްމިތު ރޯވް އެވެ. މިއީ ޗެލްސީގެ ޖޯޖީނިއޯ ފަހަތަށް ޖައްސާލި ބޯޅައެއް ގޯލުގެ ރޮނގުމަތިން އެ ޓީމުގެ ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ ސަލާމަތްކުރި ބޯޅަ އަލުން ހޯދުމަށް ފަހު އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން ދިން ބޯޅައަކުން ސްމިތު ރޯވް ޖެހި ގޯލެކެވެ.

އާސެނަލްގެ ލަނޑަށް ފަހު ޗެލްސީގެ ޖޯޖީނިއޯ އާއި ކެޕާ.-- ފޮޓޯ: އޭއެފްޕީ
ދެ ވަނަ ހާފުގައި ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. ފަހު ވަގުތު ޗެލްސީގެ ކާޓް ޒޫމާ އާއި އޮލިވިއޭ ޖިރޫޑް ޖެހި ބޯޅަތައް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
މިއީ 2003-2004 ވަނަ ސީޒަނަށް ފަހު ލީގުގައި އާސެނަލުން ޗެލްސީ އަތުން ލީގުގެ އެއް ސީޒަނެއްގައި ދެ ފަހަރު މޮޅުވި ފުރަތަމަ ފަހަރެވެ. މިދިޔަ ޑިސެމްބަރު މަހު ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ކުޅުނު ޗެލްސީ ބަލިކޮށް މި ފަހަރު ޓުޗެލްގެ ޗެލްސީ އަތުން ވެސް އާސެނަލް މޮޅުވީ އެވެ.
އަނެއް ކޮޅުން މިއީ 2011 ވަނަ އަހަރަށް ފަހު ޗެލްސީ ދަނޑުގައި އާސެނަލުން ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި މިދިޔަ އަށް އަހަރު ތެރޭ ރަށުންބޭރުގައި ކޮޅަށް ލަނޑެއް ނުވަދެ ޖެހިޖެހިގެން ތިން މެޗުން ލީގުގައި މޮޅުވި ފުރަތަމަ ފަހަރެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ މި މެޗުގައި އާސެނަލުން ޖެހި ގޯލަކީ ޗެލްސީން ދިން ހަދިޔާއެއް ކަމަށާއި 10 އަހަރު ތެރޭ ޗެލްސީ ދަނޑުގައި ފުރަތަމަ މޮޅު ހޯދުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ.
މިއީ ޗެލްސީއާ ހަވާލުވި ފަހުން ޓުޗެލް ބަލިވި ދެ ވަނަ މެޗެވެ. އޭނާގެ ކޯޗުކަމުގައި މީގެ ކުރިން ޗެލްސީ ބަލިވީ ވެސްޓް ބްރޮމް އަތުން އަމިއްލަ ދަނޑުގަ އެވެ. ޓުޗެލް ބުނީ އާސެނަލް އަތުން މި މެޗުން ބަލިވުމުގެ އެންމެ ބޮޑު ސަބަބަކީ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ ގޯލެއް ނުޖެހި ނިންމާލަން ޖެހުނުއިރު ކޮޅަށް ވަންނަން ނުޖެހޭ ގޯލެއް ވަދެފައި އޮތުމުންނެވެ.












