އިސްތަށިގަނޑު ދިގުކޮށްފައި، ގޮޅިޖެހި ގަމީސް ލާފައި، ކެލެޖު ސައިކަލު ދުއްވައިފިއްޔާ އެއީ ޕާޓޭއެއްކަމަށް ބުނާ އަޑު އަހަމު ހެއްޔެވެ؟ ކުރު ހެދުން ލާފައި ހުންނަނަމަ އޭނާ ނަމާދެއް ވެސް ނުކުރާނެއޭ ބުނާ އަޑު އަހަމު ހެއްޔެވެ؟ ތުނބުޅި ދިގުކޮށް، ފަޓުލޫނުގެ ފައިކުރި ކުރުކޮށްފައި ހުންނަ ކޮންމެ މީހަކީ ހައްދުފަހަނައަޅާފައިވާ މީހެއްކަމަށް ބުނާ އަޑު އަހަމުހެއްޔެވެ؟ މޭކަޕް ކުރަންޏާ ގެވެއްސެއް ނުވާނެއޭ، ސިފައިންގެ ފިރިހެނުން ބޭވަފާތެރިވާނެއޭ، ދޮންމަންމައިން ހެވެއް ނުވާނެއޭ، މި ކަހަލަ ބުނުންތައް އަޑު އަހަމު ހެއްޔެވެ؟
ދެން މިހާހިސާބުން މަޑުކޮށްލާށެވެ. އަލުން ވިސްނާލާށެވެ. އަތްދިގު ހުދު ގަމީސްލައިގެން ބޯ ކުރުކޮށް ކޮށާފައި ހުންނަ "ހުދު ގިރުވާނުލީ" ވަޒީފާ އަދާކުރާ ކިތައް "ޕާޓޭ" އިން ދަންނަމު ހެއްޔެވެ؟ ނިވާކަން ބޮޑު ހެދުން ލައިގެން ތިބެ ފަސް ވަގުތު ނަމާދު ނުކުރާ މީހަކު ދަންނަމު ހެއްޔެވެ؟ ތުނބުޅި މަތިމަސް ކުރުކޮށް ބަހައްޓާފައި ފަޓުލޫނުގެ ފައިކުރި ބިންމަތީ ހޭކޭގޮތަށް ބަހައްޓައިގެންވެސް ހައްދުފަހަނައަޅާފައި ތިބޭ ފިކުރުތަކަށް ގޮސް ހުސްވެފައިތިބޭ މީހުން ނުދަންނަމު ހެއްޔެވެ؟ މޭކަޕް ކޮށްފައި ތިބޭ ގެވެހި އަންހެނުން ނުދަންނަމު ހެއްޔެވެ؟ ސިފައިންގެ ތެރޭގައި އުޅޭ ވަފާތެރި ފިރިން ނުދަންނަމު ހެއްޔެވެ؟ ހެޔޮ ދޮންމަންމައިން ނުދަންނަމު ހެއްޔެވެ؟
ބުނަން މި އުޅޭ ވާހަކައަކީ، މީހަކު އޭނާގެ ބޭރުފުށުގެ އަމަލުތައް ބަހައްޓާ ގޮތަކުން ނުވަތަ އޭނާ ހެދުން އަޅައިއުޅޭ ގޮތަކުން، ނުވަތަ އޭނާ މިލިއުޅޭ މީހުންގެ ގޮތުން އޭނާއަކީ ވަކި މިވެނި ކަހަލަ މީހަކު ކަމަށް ބުނެ ގިންތިކޮށްގެން އޭނާއާ ދޭތެރޭ ތިމާ އަމިއްލައަށް ނިންމުންތަކެއް ނިންމާނޭ ޖާގަ އޮވެގެން ނުވާނޭ ވާހަކަ އެވެ. އެފަދަ ކަނު ގޮތްގޮތަށް މީހުން ގިންތިކޮށް، އެ މީހުންނާ މެދު ނާއީޖާބީ ވިސްނުން ގެންގުޅެ، ވަކި ކަހަލަ ސިފަތަކެއް އެ މީހުންނަށް ނިސްބަތްކުރުމަށް އިޖުތިމާއީ އިލްމުވެރިން މި ކިޔައި އުޅެނީ "ސްޓީރިއޯޓައިޕިން"އެވެ. "ސްޓީރިއޯޓައިޕިން" އަކީ ހުރިހާ ތައައްސަބުތަކުގެ ފެށުމޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ އެވެ.
ސްޓީރިއޯޓައިޕްކުރުމުގެ އެންމެ ބޮޑު ނުރައްކަލަކީ ބަޔަކާ މެދު ގެންގުޅޭ ތައައްސަބުގައި އެ ގްރޫޕުގެ ހުރިހާ އެންމެންނަކީ ވެސް އެ "ތައްގަނޑަށް" ފެތޭ މީހުން ކަމަށް ގަބޫލުކުރެވޭ ގަބޫލުކުރެވުމެވެ. ލަފުޒީ މާނައަށް ވިސްނާލުމުން ވެސް "ސްޓީރިއޯޓައިޕް" އަކީ، ކުރީގައި ޕްރިންޓުކުރުގައި ގެންގުޅުނު ތައްގަނޑަކަށް ނުތަވަ ޓައިޕަކަށް ކިޔާ ނަމެކެވެ. ސްޓީރިއޯޓައިޕްކުރެވޭ ކޮންމެ ހާލަތެއްގައި އެ މީހަކާމެދު ނުވަތަ އެ ގްރޫޕަކާމެދު ނިންމާ ނިންމުންތަކަކީ ނާއިޖާބީ ނިންމުންތަކެއް ނޫނެވެ. އީޖާބީ ސިފަތައްވެސް އެ މީހުންނާ އެބަ ބެއްސެއެވެ. އެހެން ނަމަވެސް ސްޓީރިއޯޓައިޕިން ނުރައްކަލަކަށް ވާ ގިނަ ހާލަތްތަކަކީ، ނާއީޖާބީ ސިފަތަކެއް އެ މީހަކާ ނުތަވަ އެ ގްރޫޕަކަށް ނިސްބަތްކުރެވޭ ހާލަތްތަކެވެ.
އަހަރެމެންނާ ވަރަށް ފަރިތަ މިސާލެއް ނަގަމާ ހެއްޔެވެ. މާލޭ މީހުންނާއި ރާއްޖެތެރޭ މީހުންގެ ވާހަކައެވެ. މިއީ ދިވެހިންގެ ތެރޭގައި އެއް ޒަމާނެއްގައި ބަލައިގަތް ތަފާތުކުރުމެކެވެ. އެ ތަފާތުކުރުމުގެ މުގުލުގައި ވެސް ވަނީ ކުރިން މި ދެންނެވިފަދަ ނުރައްކާތެރި ތައައްސަބުތަކެކެވެ. ރަށްފުށުގެ މީހުންނަކީ މާލޭ މީހުންނަށް ފެންނަ ތަހުޒީބު ނުދެކޭ، ނާތަހުޒީބު ބައެއް ކަމުގައި ދެއްކުމަށް ކިހާ ފަހަކާ ޖެހެންދެން ކިހާ ބޮޑެތި ތަފާތުކުރުންތަކެއް ގެންގުޅެ، ކިހާ ނުބައި، ނޭއްގާނީ ކަންތައްތައް ކޮށް އުޅުނު ހެއްޔެވެ. މިއަދުގެ ސާޅީސް ނުފުރޭ އާބާދީގައި ވެސް މާލެ އެރުމާއެކު "ކުޑަސިޓީ" ގެންގުޅެން ޖެހުނު މީހުން ތިބި ކަމީ، ދިވެހިރާއްޖޭގައި އައްޑިހައިގެ އަހަރުތަކުގައި އޮތް ތަރައްގީއާ ނުބައްދަލު ތައައްސަބުތައް އޭރު ގެންގުޅުނުކަމުގެ ހެއްކެކެވެ. އެ ތައައްސަބު ގެންގުޅޭ މީހުން އަދިވެސް މި މުޖުތަމައުގައި ތިބި ކަމީވެސް ސްޓީރިއޯޓައިޕިން މޫލައިގެން ހިނގައްޖެ ނަމަ، އޭގެ ނުރައްކާ ބޮޑުކަން ހެކިކޮށްދޭ ކަމެކެވެ.
މިއަދު ސްޓީރިއޯޓައިޕް ކުރުމުގެ ބިރުވެރިކަން އޮތީ "ކުޑަސިޓީ"އަށް ވުރެ މާ ބޮޑުވެފަ އެވެ. އަހަރެމެންގެ ފިކުރީ ގޮތުން ބައިބައިވެފައިވާ މުޖުތަމައުގައި އެއް ފިކުރެއްގެ މީހުން އަނެއް ފިކުރެއް ގެންގުޅޭ މީހުން ސްޓީރިއޯޓައިޕްކުރާ މިންވަރު މި ދަނީ އިތުރުވަމުންނެވެ. ސިޔާސީ ފިކުރުތަކުގެ ތެރެއަށް ބަލާލިޔަސް، "އެމްޑީޕީ މީހުން ލާދީނީ ވާނެ"، "ޕީޕީއެމް މީހުން ކޮރަޕްޓް ވާނެ"، "އަދާލަތު މީހުން ދީނީ ގޮތުން ހައްދުފަހަނަ އަޅާނޭ" ކަމަށް ގަބޫލުކުރާ މީހުން ކުރިން މި ތުހުމަތުތައް ކުރީ ސިއްރުން ކަމުގައިވިޔަސް، މިހާރު މި ތައައްސަބުތައް ހާމަކަން ބޮޑުކޮށް ފާޅުކުރަމުން އެބަދެ އެވެ. އެހެންނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތްތަކެއް އެބަވެ އެވެ.
ކޮންމެ ޕާޓީއަކަށް ނިސްބަތްވިޔަސް، ކޮންމެ ފިކުރަކަށް ތާއީދުކުރިއަސް، ކޮންމެ މީހަކީވެސް ވަކި ޝަހްސެކެވެ. އެކެއްގެ ކިބައިން ފެނުނު ނޭއްގާނީ ސިފައެއް އޭނާގެ އިޖުތިމާއީ ގްރޫޕުގައި ހިމެނޭ އެންމެންގެ ސިފައެއްކަމުގައި ހަދައިގެން އުޅުމަކީ ހަމަ ބުއްދިއަށް ގަބޫލުކުރެވޭ ގޮތެއް ނޫނެވެ. އަމުދުން އެކެއްގެ އަމަލުތަކެއްގެ މައްޗަށް ބަރޯސާވެ އޭނާގެ އިޖުތިމާއީ ގުރޫޕަށް ނޭދެވޭ ސިފަތަކެއް ހާއްސަ ކުރުމަކީ އަހަރެމެން ކޮށްގެންވާނޭ ވެސް ކަމެއް ނޫނެވެ. ސައިކޮލޮޖީގެ ދިރާސާވެރިޔާ ޖޭ.ކްރޫގަރ ވިދާޅުވާގޮތުގައި މި ގޮތަށް ވަކިވަކި ފަރުދުންތަކެއްގެ ތަފާތު ޝަހްސިއްޔަތުތައް އެއް ތައްގަނޑަކަށް ފައްތަން ކުރާ މަސައްކަތްތައް، އެއީ އެ ގްރޫޕުން އަމިއްލައަށް ބޭނުންވެގެން ކުރާ މަސައްކަތެއްކަމުގައި ވިޔަސް، ކާމިޔާބު ނުކުރެވެނީ، އިންސާނުންގެ ހުންނަ ޝަހްސީ ތަފާތުތައް އެކަމަށް ހުރަސް އަޅާތީކަމަށެވެ.
އަމުދުން އަހަރެމެން މުސްލިމުންނަށް ވެ ތިބެ، މުސްލިމުންނޭ ކިޔައިގެން ބައިނަލްއަގްވާމީ މުޖުތަމައުގައި ދެކެވޭ ދޮގު ވާހަކަތައް ދެނެ ތިބެ، އެ ހުޅުގަނޑަށް ދަރުއަޅަން ހެޔޮވާނެ ހެއްޔެވެ. ބުރުގާ އަޅާފައި ތިބޭތީ، ބޭރު ޤައުމުތަކުގެ ވައިގެ ބަނދަރުތަކުގައި "ސްޓްރިޕް ސާޗް" ކޮށްފައިތިބި މީހުން އަހަރެމެން ދިވެހިންގެ ތެރޭގައި މަދެއް ނުވާނެ އެވެ. ނަމުގެ ފަހަތައް ނުވަތަ ކުރިއަށް މުޙައްމަދު އޮންނާތީ، ބޭރު ގައުމުތަކުގެ ވައިގެ ބަނދަރުތަކުގައި މަޑުކުރުވައި ކަނެކްޓިންގް ފްލައިޓްތައް ކަޓާފައި ތިބި ދިވެހިން މަދެއް ނުވާނެ އެވެ.
އިސްލާމޮފޯބިޔާގެ މި ޒަމާން އެކަނިވެސް، އަހަރެމެން ދިވެހިންނަށް ފިލާވަޅަކަށް ފުދެންޖެހެ އެވެ. ދީނާއި، އެ ނޫން ވެސް ގަބޫލުކުރުންތަކާ އަޅުވައި މީހެއްގެ ގައިގައި ލޭބަލްއެއް ހަރުކޮށް ނިންމާލާއިރު، ތިމާ އަކީ އެ ލޭބަލް ހަރުކުރަން އެންމެ އެކަށޭނަ މީހާތޯ ވިސްނާލަން ޖެހެ އެވެ. އަހަރެމެން އެކަކު އަނެކަނު ދީނީ ގޮތުން ހަރުކައްޓޭ ނުވަތަ ލާދީނީއޭ ކިޔާ ލޭބަލް ކުރާއިރު، ބޭރުގެ ބައެއް ފަރާތްތަކުން ގެންގުޅޭ މިފަދަ ތަފާތުކުރުންތަކުގައި، އަހަރެމެން އެންމެންނަށް ބަލާނީ އެއް ގުރޫޕެއްގެ ގޮތުގައިކަންވެސް ހަނދާންކުރަން ޖެހެ އެވެ. އެފަދަ ވިސްނުން ގެންގުޅޭ ފަރާތްތަކުން ދިވެހިރާއްޖެ ނުރައްކާތެރި ތަނެއްކަމަށް ލޭބަލް ކުރާއިރު، އަހަރެމެން އަމިއްލައަށް މި އަޅުވާ ލޭބަލްތަކަށް ފަރުވާލެއް ނުބަހައްޓާކަމީ ސާބިތުވާ ހަގީގަތެކެވެ.
މިހާ ނުރައްކާތެރި ހިސާބުތަކަކަށް ތައައްސަބުތައް މިދަނީ ހަމަ ކުދި ކުދި ކަންތަކުން ކުރިފަޅައިގެންނެވެ. ފުރަތަމަ ނަޒަރުން ނިންމާލެވޭ ނިންމުންތަކެއްގެ ސަބަބުންނެވެ. އީ.އާރް ސްމިތު ވިދާޅުވާގޮތުގައި، ފުރަތަމަ ނަޒަރުން އެ ނިންމޭ ނިންމުންތަކުގެ މައްޗަށް ބިނާކޮށް، ތިމާގެ ސިކުނޑީގައި އަނެކާއާގެ ޝަހްސިއްޔަތާމެދު މުހިއްމު ނިންމުންތަކެއް ނިންމެ އެވެ. އަދި އެ ނިންމުންތަކުގެ މައްޗަށް ބިނާކޮށް، ތިމާ އަނެކާއާ މެދު އަމަލުތައް ގެންގުޅޭގޮތް ބައްޓަންކުރެވެ އެވެ. ކުޑަ ކުޑަ މިސާލެކެވެ. މީހަކާ އަލަށް ދިމާވި ދުވަހު އޭނާ ތިމާއާ ހަތަރުކަޅި ހަމަނުކުރީތީ އޭނާއަކީ ފޮނި މީހެއްކަމުގައި ފުރަތަމަ އެބަ ނިންމެއެވެ. އެއަށް ފަހު އޭނާއާ އެކު ދެން އުޅޭ މީހުންނަކީ ފޮނި މީހުން ކަމަށް އެބަ ނިންމެ އެވެ. ދެން އަނެއްކާ ވެސް އިތުރު "ކުށްހީތަކެއްގެ" މައްޗަށް ބިނާކޮށް، އޭނާ އަދި އޭނާއާއެކު އުޅޭ މީހުންނާ މެދު ތިމާއަށް ގޮތްތަކެއް އެބަ ނިންމެއެވެ. އަދި ތިމާގެ އެ ނިންމުން އެހެން ބަޔަކާ ހިއްސާކުރެވުމާއެކު "އަހަރެމެން"ނާއި "އެމީހުން"ގެ ތަފާތުކުރުން އިތުރަށް އެބަ ފުޅާކުރެވެ އެވެ.
ބަވަނަ ވެފައިވާ، ޑިޖިޓަލް މި ދުނިޔޭގައި ޓައިޕްކުރާހާ ހަލުވި ދުވެލީގައި އަހަރެމެން އެކަކު އަނެކަކަށް ބޮޑެތި ތުހުމަތުތައް ކުރާ އިރު، ހަމަ އެ ހަލުވި ދުވެލީގައި އަހަރެމެންނަށް ކަންކަމާ މެދު ހޭލުންތެރިވެވޭނޭ ފުރުސަތު ވެސް ތަރައްގީގެ ވަސީލަތްތަކުން އަހަރެމެންދަށް ހޯދައިދީފައިވާކަން ހަނދާންކުރަންވާނެ އެވެ. ރާއްޖެ މިއަދު ދެކެމުންދާ ނުރައްކާތަކަށް އަހަރެމެން ހޭލުންތެރިވަމުން ދާއިރު، އެ ނުރައްކާތަކުން އުފެދޭ ބިރުވެރިކަމަކީ، މުޖުތަމައުގައި އިހުނަށްވުރެ ގިނަ، ބޮޑެތި ބައިބައިވުންތައް އުފައްދަން ލިބުނު ބަހަނާއަކަށް ހަދަން ހެޔޮނުވާނެ އެވެ. "ލާދީނީ"، "ހަރުކަށި" މި ލޭބަލްތަކަކީ މިއަދު އަނގަމަޖަލަށް، ނުވަތަ ސޯޝަލް މީޑިއާގައި "ލައިކް" ހޯދުމަށް ކިޔޭ ލަފުޒުތަކަކަށް ހެދޭނޭ ޖާގައެއް ނެތެވެ. މުޖުތަމައުގައި މޫލާ ތަފާތުތަކާއި ތައައްސަބުތަކަކީ ތަހުޒީބީ އެތައް ގައުމެއް ހަލާކުކޮށްފައިވާ ނުރައްކާތެރި ހަތިޔާރެއްކަން ނުދަނެ، މިއަދު ވާކަށް ނެތެވެ.
ހައްލަކީ ކޮބާ ހެއްޔެވެ؟ އިންސާނުންނަކީ ހިޔާލު ތަފާތު ބައެކެވެ. ކޮންމެ މީހެއްގެ އަސާސީ އަގުކުރުންތަކަކީ ވެސް ތަފާތު ކަންތައްތަކެކެވެ. އެހެންނަމަވެސް އެ ތަފާތުތަކަކީ ޖަމާއަތެއްގެ އެއްބައިވަންތަކަމަށް އޮތް ހުރަހަކަށް ވާކަށް ނުޖެހެ އެވެ. ހިޔާލުތަފާތުވުންތައް ތަހައްމަލުކޮށް، ޖަމާއަތުގެ ބަދަހިކަން އިސްކުރުމުގެ ސަގާފަތެއް ގައުމުގައި ގާއިމުކުރެވިއްޖެނަމަ ސުލްހަ މަސަލަސް ވެއްޓެއް ގާއިމުވެގެންދާނެ އެވެ. އެހެން ނަމަވެސް މި މަންޒިލަށް ވާސިލުވާން ދިގު ދަތުރެއް ކުރަން ޖެހެ އެވެ. އެހެން ނަމަވެސް އެއްކަލަ "ފަރުދީ ޒިންމާ" ކޮނޑުއަޅައިގެން، މިއަދު ވެސް އަހަރެމެންނަށް ތައްޔާރީތައް ފެއްޓިދާނެ އެވެ.








