ބެޑްމިންޓަން ބައިނަލްއަގުވާމީ މުބާރާތް ހޯސްޓްކުރުމާ މެދު އިތުރަށް ވިސްނަން ޖެހިއްޖެ

2019 ވަނަ އަހަރު ބޭއްވި އިންޓަނޭޝަނަލް މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: ރިވައިވަލް ސްޕޯޓްސް

2019 ވަނަ އަހަރު ބޭއްވި އިންޓަނޭޝަނަލް މުބާރާތުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: ރިވައިވަލް ސްޕޯޓްސް

ބެޑްމިންޓަން އެސޯސިއޭޝަން އިން މި އަހަރުގެ ކަލަންޑަރު އެކުލަވާލިއިރު ދުނިޔޭގެ ފެޑެރޭޝަން ބީޑަބްލިއުއެފް އިން ރުހުންދީފައިވާ ދެ ބައިނަލްއަގުވާމީ މުބާރާތެއް ބާއްވަން ހިމެނި ނަމަވެސް މިހާރު ރާއްޖޭގެ ހާލަތު މި ބަދަލުވާ ގޮތުން އެ މުބާރާތްތައް ބޭއްވުމާ މެދު އިތުރަށް ވިސްނަން ޖެހިފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝީދު (މޫސަ) ވިދާޅުވެއްޖެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ކަލަންޑަރުގައި ގައުމީ އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގެ ގޮތުގައި މި އަހަރަށް 18 މުބާރާތް ހިމަނާފައިވެ އެވެ. އޭގެ ތެރެއިން ތާރީހެއް ފައިނަލް ކޮށްފައި އޮތީ ހަމައެކަނި ދެ އިންޓަނޭޝަނަލް މުބާރާތައް އެކަންޏެވެ. އެއީ އޮކްޓޫބަރު 4-10 އަށް ކުރިއަށް ގެންދާ މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސް އާއި 11-17 އޮކްޓޫބަރުގައި ބާއްވަން ނިންމި މޯލްޑިވްސް އިންޓަނޭޝަނަލް ސީރީސް އެވެ.

މި މުބާރާތް ބާއްވާނެ ތާރީހެއް ހިމަނާފައިވާ އެންމެ ބޮޑު ސަބަބަކީ ބައިނަލްއަގުވާމީ މުބާރާތަކަށް ވެފައި ދުނިޔޭގެ ފެޑެރޭޝަންގެ އެކްރެޑިޓޭޝަން ހޯދުމުގެ ގޮތުންނެވެ.

ބެޑްމިންޓަނުގެ ދުނިޔޭގެ ފެޑެރޭޝަން ބީޑަބްލިއުއެފްގެ ކައުންސިލް މެމްބަރުކަމާއި ބެޑްމިންޓަން އޭޝިއާ އާއި ދެކުނު އޭޝިއާގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވަމުން އަންނަ މޫސަ "އަދަދު" އަށް ވިދާޅުވީ ހާލަތު ބަދަލުވަމުން އަންނަ ގޮތަށް ބަލާއިރު އެ ދެ މުބާރާތް ބޭއްވުން ވަރަށް ބޮޑަށް އުނދަގޫވެފައިވާ ކަމަށެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން މޫސަ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

"އިންޓަނޭޝަނަލް މުބާރާތް ހޯސްޓް ކުރަން ވަރަށް ގިނަ ފަރާތްތަކުން ޝާމިލުވާތީ ޖެހޭ ހުއްދަތައް ހޯދަން. އެކަންކަން ފުރިހަަމަ ކޮށްފައި މުބާރާތްތައް ކަލަންޑަރު ކުރީ. އެކަމަކު މިހާރު ރާއްޖޭގެ ހާލަތު (ކޮވިޑް-19ގެ ސަބަބުން) މި ބަދަލުވަމުން އަންނަ ގޮތަށް ބަލާއިރު ވަރަށް އަންލައިކްލީ (ހިއެއްނުވޭ). އިތުރަށް ވިސްނަން ޖެހިފައި މި އޮތީ މުބާރާތް ހޯސްޓް ކުރުމާ މެދު. އުއްމީދު ދޫކޮށެއް ނުލަން،" ބީއޭއެމްގެ ރައީސްކަމުގެ ތިން ވަނަ ދައުރަކަށް ހޮވިވަޑައިގެން މުހިއްމު މަސައްކަތްތަކެއް ކުރެއްވުމުގެ އަމާޒުގައި ހުންނެވި މޫސަ ވިދާޅުވި އެވެ.

ގާތްގަނޑަކަށް ހަޔެއްކަ އަހަރުގެ މެދުކެނޑުމަކަށް ފަހު ރާއްޖޭން ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތަކީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި މޯލްޑިވްސް ބޭއްވި ފިއުޗާ ސީރީސް އެވެ. އޭގެ ފަހުން އެ އަހަރު ބެޑްމިންޓަން ޗެލެންޖްގެ ނަމުގައި އިތުރު ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވުމަށް ފަހު އައްޑޫގައި ދެކުުނު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތް ވެސް ހޯސްޓްކުރި އެވެ. މިއީ މާލެ އިން ބޭރުގައި ބައިނަލްއަގުވާމީ މުބާރާތެއް ހޯސްޓްކުރި ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު ކޮވިޑާ ހެދި ބެޑްމިންޓަން އެސޯސިއޭޝަނުން ރޭވި ގިނަ ހަރަކާތްތައް ކުރިއަށް ނުގެންދެވުނެވެ. އެކަމަކު ޑިސެމްބަރު މަހުގެ ތެރޭގައި ގައިޑްލައިންތަކެއްގެ ތެރެއިން ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ޓީމު އިވެންޓް މުބާރާތެއް ބޭއްވި އެވެ.

ރާއްޖޭގައި 2010 އިން 2013 އަށް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތެއް ގަވާއިދުން ކުރިއަށްގެންދިޔަ އެވެ. ދުނިޔޭގެ ރޭންކިން ރަނގަޅު ލެވަލެއްގެ ކުޅުންތެރިން އެ މުބާރާތްތަކުގައި ކުޅުނެވެ. އެ މުބާރާތް 2013 ވަނަ އަހަރު ބޭއްވުމަށް ފަހު ހުއްޓުނީ އެވެ. އެއީ 2014 ވަނަ އަހަރު ކުޅިވަރު އެކުވެނި އިމާރާތަށް ލިބުނު ގެއްލުމެއްގެ ސަބަބުންނެވެ. ފަހުން އެ އިމާރާތް އަލުން ހެދިއިރު، ދާދި ފަހުން މި ސަރުކާރުން ވަނީ މާލޭ އެކުވެނި ބެޑްމިންޓަން ހޯލުގައި އިތުުރު ކޯޓުތަކެއް ތަރައްގީ ކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ނުރައްކާ މި ދުވަސްވަރު ބޮޑުވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާ އެއްގޮތަށް އަމަލުކުރުމުގެ ގޮތުން ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ އެކުވެނި ކޯޓު ބަންދުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox