ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވާ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާ ކުރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
އެ މައްސަލާގައި މިއަދު ކުރިމިނަލް ކޯޓުގައި އޮތް އިބްތިދާއީ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމެވީ، މައްސަލާގައި ހިމެނޭ އޯޑިއޯ އަދި ވީޑިއޯ ރިޕޯޓް ހެދުމަށް ސާމްޕަލް ނަގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށެވެ. އެއީ އެ ގާނޫނުގެ 48 ވަނަ މާއްދާ އެވެ.
މިކަމަކީ، ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި އަބްދުއްރަހީމްގެ ފަރާތުން ކޯޓަށް ހުށަހެޅި ހުށަހެޅުމެކެވެ.
އެ މާއްދާގައި ބުނެފައިވަނީ، މާއްދީ ހެއްކެއްގެ ގޮތުގައި ޝަރީއަތަށް ހުށަހަޅަންޖެހޭ އެއްޗެއް ހުށަހެޅެން އޮތް ހަމައެކަނި ގޮތަކީ، އެ އެއްޗެއް، ކުށުގެ ތުހުމަތުކުރެވޭ މީހާއާ ގުޅުވުމަށްޓަކައި، އޭނާގެ އަތުލިޔުމުގެ ސާމްޕަލެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ ހަށިގަނޑުގެ ބޭރުން ނެގޭ ސާމްޕަލެއް ނުވަތަ ހަށިގަނޑުގެ ތެރެއިން ނެގޭ ސާމްޕަލެއް ހޯދުން ކަމުގައިވެފައި، އެ އެއްޗެއް އޭނާގެ އަތުން ހޯދަން އެދޭ ހާލަތުގައި، އެއިން ސާމްޕަލެއް ނުދިނުމަކީ، އަމިއްލަ ނަފްސާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ މާނައިގައި ހިމެނިގެންވާ ކަމެއް ކަމެވެ.
ޝަރީއަތުގެ މަޖިލީހުގައި އަބްދުލްރަހީމްގެ ވަކީލް އަހުމަދު ހިޝާމް ވަޖީހު ވިދާޅުވެފައިވާ ގޮތުގައި، ތަހުގީގުގައި އަބްދުލްރަހީމްގެ ސާމްޕަލް ނަގާފައިވަނީ ގާނޫނުގައި އޮތް އިޖުރާއަތާ ހިލާފަށެވެ. އެގޮތުން، ތަހުގީގުގައި އަބްދުލްރަހީމް ނިންމެވީ ހަނުހުންނެވުމަށް ކަމަށާއި ސާމްޕަލް ނެގީ ހަނުހުންނަވަނިކޮށް ކަމަށެވެ. އެހެންކަމުން އެއީ ގާނޫނުގެ 48 ވަނަ މާއްދާގެ (ށ)އާ ހިލާފު ކަމެއް ކަމެވެ.

ގާނޫނުގައި ބުނެފައިވަނީ، ކުށުގެ ތުހުމަތުގައިވާ މީހާއަށް ސާމްޕަލް ދިނުމަށް ލާޒިމުކުރުވުމަކީ އޭނާގެ ބަޔާން މަޖުބޫރުން ހޯދުންކަމުގައި ގާނޫނުއަސާސީގެ 52 ވަނަ މާއްދާގެ ބޭނުމަށްޓަކައި ބެލޭނެ ކަމާއި އަދި އެފަދައިން ހޯދާ ބަޔާން، ޝަރީއަތުގެ މަޖިލީހުގައި ހެއްކެއްގެ ގޮތުގައި ބަލައެއް ނުގަނެވޭނެ އެވެ. އަދި، އެފަދަ ބަޔާނެއް ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތެއް ވެސް ނޯންނާނެ ކަމަށެވެ.
ސާމްޕަލް ދިނުމަށް ދެކޮޅު ހަދާ ހާލަތެއްގައި ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ނުރުހުމުގައި ސާމްޕަލް ނެގޭނީ ކޯޓު އަމުރެއްގެ ދަށުން ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންގެ އެކަންޏެވެ.
މައްސަލާގައި ހިމެނޭ އެންމެ މުހިންމު ދެ ހެއްކަކީ ގާނޫނާ ހިލާފު ދެ ހެކީގެ ގޮތުގައި ޝަރީއަތުން ކަނޑައެޅުމާ އެކު، ދެން އެ މައްސަލާގައި ހިމެނޭ އެހެން ހެކިތަކަކީ ދައުވާ ސާބިތުކުރުމަށް އެކަށީގެންވާ ހެކިތަކެއް ކަމަށް ނުފެންނަ ކަމަށް ވެސް ގާޒީ ވަނީ ނިންމަވައިފަ އެވެ. އެ ހެކިތަކުގެ ތެރޭގައި އަބްދުލްރަހީމް ދެއްކެވި ވާހަކަތައް ލިޔެފައިވާ ނޫސްތަކުގެ އާޓިކަލްތައް ހިމެނޭ ސިޓީއަކާއި ޗެއިން އޮފް ކަސްޓަޑީ އާއި އިންޓެލް ރިޕޯޓަކާއި އޭނާ ދެއްކެވި ވާހަކަތަކުގެ ވީޑިއޯ ފުޓޭޖް ހިމެނެ އެވެ.
އެކަށީގެންވާ ހެކި ނެތް ކަމަށް ގާޒީ ހަސަން ސައީދަށް ގަބޫލު ކުރެއްވޭތީ، އަބްދުއްރަހީމްގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ މައުޟޫއީ ގޮތެއްގައި ޝަރީއަތް ހިންގޭނެ މައްސަލައެއް ނޫން ކަމަށް ނިންމަވައި، ދައުވާ އެ ކޯޓުން ބޭރުކޮށްލެއްވި އެވެ.
އަބްދުއްރަހީމްގެ މައްޗަށް މި ދައުވާ ދައުލަތުން އުފުލީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް އިއްވުމާ އެކު، އެ ކޯޓުގެ ބޭރުގައި ހުންނަވައި ލައުޑްސްޕީކާ ބޭނުންކޮށްގެން ގާޒީއަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން މުއާމަލާތް ކުރެއްވި ކަމަށް ބުނެ އެވެ.












