ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ދައުވާކޮށް ދައުލަތުގެ ފަރާތުން ޝަރީއަތުގައި ވަކާލާތު ކުރައްވާނީ ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ހާމަކުރައްވައިފި އެވެ.
މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ބޮމެއް ގޮއްވާލައިގެން ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެމްޑީޕީގެ ގައުމީ މަޖިލީހާ ހިއްސާކުރުމަށް ޒޫމް މެދުވެރިކޮށް މިރޭ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ ހަމަލާއާ ގުޅިގެން ކުރެވެމުންދާ ތަހުގީގުގައި ބޮޑެތި ކުރިއެރުންތައް ހޯދިފައިވާ ކަމަށެވެ.
މިގޮތުން، ބޮން ގޮއްވާލި މީހާއި އެ ހަމަލާގައި ސީދާ ގޮތުން ބައިވެރިވި ދެ މީހަކު ހައްޔަރުކުރެވިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފުލުހުން މިހާރު ވެސް ގެންދަނީ ކަމާގުޅުން ހުރި ފަރާތްތަކާއި ސުވާލުކޮށް ހެކި ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
އަދި ތަހުގީގާ ގުޅޭ މައުލޫމާތުތައް ޕޮލިސް ކޮމިޝަނަރު ގެންދަވަނީ ވަގުތުން ވަގުތަށް އެމަނިކުފާނާ ހިއްސާކުރައްވަމުން ކަމަށާއި، މަޖިލީހުގެ 241 ކޮމިޓީއާ ވެސް ކޮންމެ 24 ގަޑިއިރަކުން ތަހުގީގު މައުލޫމާތު ހިއްސާ ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ.
ރައީސް މިރޭ ވިދާޅުވި ގޮތުގައި، ބޭރުގެ މާހިރުންގެ އެހީތެރިކަމާ އެކު ކުރަމުން އަންނަ ތަހުގީގުގައި ޕްރެސެކިޔުޓާ ޖެނެރަލްގެ އޮފީހުގެ ހާއްސަ ޓީމަކުން މަސައްކަތް ކުރަމުން އެބަދެ އެވެ.


ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާ ތިން މީހުން. -ފޮޓޯ: އަބްދުﷲ ޝަފީއު/ އަދަދު
"އަދި މި މައްސަލައިގައި ޝަރީއަތަށް ވަޑައިގަންނަވާނީ ސީދާ ޕީޖީ ކަމަށް ވަނީ ވިދާޅުވެފަ،" ރައީސް ހާމަކުރެއްވި އެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަކީ ރާއްޖޭގައި މިހާތަނަށް ދެވުނު އެންމެ ނުރައްކާތެރި ޓެރަރިސްޓު ހަމަލާގެ ގޮތުގައި ސިފަކުރައްވަމުން، ފުރިހަމަ ތަހުގީގެއްގެ ތެރެއިން މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއް ހައްޔަރުކޮށް އިންސާފުގެ ކުރި މައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
ފުލުހުންގެ ތަހުގީގު ކުރިއަށް ދަނީ އިޖުރާއަތްތަކުގެ މަތިން ކަން ޔަގީން ކުރުމަށްޓަކައި ޕީޖީ އޮފީހުން ދަނީ ފުލުހުންނާއެކު ވަރަށް ކައިރިން މަސައްކަތް ކުރަމުންނެވެ. ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު ހަރުކަށި ފިކުރުގެ ވިސްނުމާ ގުޅޭ ކަމަށް ޝަމީމް ވަނީ ވިދާޅުވެފަ އެވެ.
އަދި މިހާރު ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް ދައުވާ އުފުލޭ މިންވަރަށް މައުލޫމާތާއި ގުޅުން ހުރި ކަންކަން އެބަހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ޝަމީމް ފާހަގަ ކުރެއްވި އެވެ. އެ ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އޭގެ ތެރޭގައި ބޮން ގޮއްވާލި ކަމަށް ބެލެވޭ މީހާ އާއި، އެ ހަމަލާއާ ސީދާ ގުޅުން ހުރި އިތުރު ދެ މީހުން ހިމެނެ އެވެ. އެ ތިން މީހުންގެ ކުށުގެ ރެކޯޑް އޮތް އިރު، މިކަމުގައި ތަހުގީގު ކުރިއަށް ގެންދަނީ އިތުރު ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބަލައިގެން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.












