ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ އެންމެ އިސް މީހެއްގެ ގޮތުން ހައްޔަރުކޮށްފައި ވަނީ ވ. ތިނަދޫ، އަހްމަދު އަދުހަމް ކަން "އަދަދު"އަށް ކަށަވަރުވެއްޖެ އެވެ.
ހަމަލާއާ ގުޅޭ އެންމެ މުހިއްމު މީހާ ކަމަށް ބުނެ ފޮޓޯ އާއްމުކުރުމަށް ފަހު، ފުލުހުން ރޭ ފަތިހު ވަނީ ހުޅުމާލެ އިން އޭނާ ހައްޔަރުކޮށްފަ އެވެ. އެއީ، ފޮޓޯ އާއްމުކޮށް މައުލޫމާތު ހާމަކޮށްދޭން އެދުނު މީހާ ކަން ވެސް ފުލުހުން ކަށަވަރުކޮށްދެ އެވެ.
މި ހަމަލާއާ ގުޅޭ ގޮތުން "އަދަދު"އިން ހޯދި މައުލޫމާތުން އެނގުނު ގޮތުގައި އަދުހަމް ދިރިއުޅެނީ އާއިލާ އެކު ހުޅުމާލޭގެ ފްލެޓެއްގަ އެވެ.
ނަޝީދު އަވަހާރަކޮށްލަން ކެނެރީގެ ކައިރީގައި އައިއީޑީ ގޮއްވާލި ރޭ އޭނާ ގެއަކަށް ނުދެ އެވެ. އެ ރޭ އެއްކޮށް އަދުހަމް ބޭރުގައި އުޅުމަށް ފަހު ގެއަށް ދިޔައީ ހުކުރުދުވަހު ހެނދުނުކަން ވެސް "އަދަދު"އަށް ވަނީ ކަށަވަރުވެފަ އެވެ.
ފުލުހުން އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ބޮމުގެ ހަމަލާ ދިން ރޭ އަދުހަމް، ނީލޯފަރު ހިނގުމުގެ ކުރިމައްޗަށްވާ ގޮތަށް ހުރި އަތަމާ ގެސްޓު ހައުސް ތިރީގައި ހުއްޓައި ސީސީޓީވީ ފުޓޭޖް ވަނީ އާއްމުވެފަ އެވެ.

ރައީސް ނަޝީދު ދިިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުގެ މަޖީދީ މަގަށް ވީ ކަންމަތީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ބޮން ހަރުކޮށްގެން ދިން ހަމަލާއާ ގުޅިގެން އިއްޔެ ވެސް ދެ މީހަކު ހައްޔަރުކުރި އެވެ.
އެއީ، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.
ތަފްސީލް އަންނަނީ.....












