މެންޗެސްޓާ (މެއި 9) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އަތުން 2-1 އިން މެންޗެސްޓާ ސިޓީ ބަލިވި މެޗުގައި ލިބުނު ޕެނަލްޓީ ކާމިޔާބު ނުކުރެވުނީތީ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ މައާފަށް އެދިއްޖެ އެވެ.
ރޭގެ މެޗުގައި ރަހީމް ސްޓާލިންގެ ގޯލުން ސިޓީން ލީޑުނަގާފައިވަނިކޮށް ފުރަތަމަ ހާގުގެ އިތުރު ވަގުތުގައި ސިޓީ އަށް ދެ ވަނަ ލަނޑެއް ޖަހަން ޕެނަލްޓީ އެއް ލިބުނެވެ. ލީޑުފުޅާކުރަން އަގުއޭރޯ ޖެހި ޕެނަންކާ ޕެނަލްޓީ ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފަ އެވެ. ދެ ވަނަ ހާފްގައި ޗެލްސީން ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލި އެވެ. އެ ޓީމުގެ ގޯލުތައް ޖެހީ ހަކީމް ޒިޔެޗް އާއި މާކޯސް އަލޮންސޯ އެވެ.
މެޗަށް ފަހު އަގުއޭރޯ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޕެނަލްޓީ ކާމިޔާބު ނުކުރެވުމުން ސިޓީގެ ކުޅުންތެރިންނާއި ސްޓާފުން އަދި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދޭ ކަމަށެވެ.

އަގުއޭރޯ ފޮނުވާލި ޕެނަލްޓީ ޗެލްސީގެ ކީޕަރު މެންޑީ މަތަކުރަނީ.-- ފޮޓޯ: އޭއެފްޕީ
"އެ ގޮތަށް ޕެނަލްޓީ ޖެހުމަކީ ގޯސް ނިންމުމެއް. ފުރިހަމަ ޒިންމާ ނަގަން،" އަގުއޭރޯ ކުރި ޓްވީޓްގައިވެއެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ޕެނަލްޓީ ޖަހާނެ ގޮތެއް ނިންމާނީ ކުޅުންތެރިޔާ ކަމަށާއި މި ފަހަރު އަގުއޭރޯ އަށް އިހުތިޔާރުކުރެވުނީ ގޯސް ގޮތަކަށް ޕެނަލްޓީ ޖެހުމަށް ކަމަށް އޭނާ ވެސް ގަބޫލުކުރާނެ ކަމަށެވެ. އެކަމަކު އެންމެ ޕެނަލްޓީ އަކުން ހުރިހާ ކަމެއް ނުނިންމޭނެ ކަމަށާއި އެއީ ކޮންމެ ކުޅުންތެރިއަކަށް ވެސް ދިމާވެދާނެ ކަމެއް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
ޗެލްސީ އަތުން ބަލިވުމުން ލީގު ޗެމްޕިއަންކަން ހޯދަން ސިޓީން ކުރާ އިންތިޒާރުވަނީ ދިގުވެފަ އެވެ. ލީގުގައި ލީގުގައި މިރޭ ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުން އެސްޓަން ވިލާ އަތުން ބަލިވެއްޖެނަމަ ސިޓީ އަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. މިދިޔަ ހަފްތާގައި ޔުނައިޓެޑް އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް މެޗު ސަޕޯޓަރުންގެ ހަޅުތާލާ ހެދި ވަނީ ފަސްކޮށްފަ އެވެ. އެ މެޗުން ޔުނައިޓެޑް ބަލިވި ނަަމަވެސް ސިޓީ އަށް އޮތީ ލީގު ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.












